ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ފާޑުވިދާޅުވުން ޔާމީނާއި ނަޝީދަށް!

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ރަށްތައް "ރީނދޫ" ވެފައިވާ ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ރަށްތަކުން ބޮޑު އަގުލަބިއްޔަތެއް ލިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީއަށް ކާމިޔާބު ލިބުމާ ހަމައަށް އެއީ އިދިކޮޅު ޕީޕީއެމް އިން ކޮންޓްރޯލް ކުރަމުން ދިޔަ ދާއިރާ އެކެވެ.

ރައީސް ސޯލިހް މިއަދު ގުރައިދޫ ދާއިރާގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި ކ. ގުޅީގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ގުރައިދޫ ދާއިރާ މިހާރު ރީނދޫ ވެފައިވާ ކަމަށެވެ. އެހެންވެ އެ ދާއިރާ އިން އެމަނިކުފާނަށް އަގުލަބިއްޔަތު ލިބޭނެ ކަމުގައި ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް އަބްދުﷲ ޔާމީނާއި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހިނގާ ދިޔަ ކަންކަމަށް ފާޑު ވިދާޅުވެފަ އެވެ. ނަމަވެސް ދެ ރައީސުންގެ ނަން ރައީސް ސޯލިހް ވިދާޅުވެފައެއް ނުވެ އެވެ.

ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ރާއްޖޭގެ ރަށްތަކުގައި އަސާސީ ހިދުމަތްތަކަށް ގާއިމުކޮށްދޭން މިންވަރަށް އެކަން ކޮށްފައިނުވާ ކަމަށާއި އެކަމަކު މިސަރުކާރުގައި އެ މަސައްކަތްތައް ފަށައި ގިނަ މަޝްރޫއުތައް ނިމުމަކާ ހަމައަށް ގެންދެވިފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭންގައި ރަށްތަކަށް އެމަނިކުފާނު ވަޑައިގަތުމުން އެންމެ ބޮޑަށް އަޑުއިވިވަޑައިގަތީ އަސާސީ ހިދުމަތްތަށް ނުލިބޭ ކަމުގެ ޝަކުވާ ކަމަށެވެ. އެކަމަށް ހައްލު ހޯދައިދޭން މިސަރުކާރުން ކުރި މަސައްކަތް ރައްޔިތުންނަށް ފެނި އެކަންކަން ރައްޔިތުން ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

"އަރާ ކޮންމެ ރަށަކުން، ބައްދަލުވާ ކޮންމެ މީހަކު އެދުވަހު ދައްކަމުންގެ ންދިޔަ ވާހަކައަކީ އެއީ،" ރައިސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އަސާސީ ހިދުމަތްތައް ރައްޔިތުން ބޭނުންވާ ގޮތަށް ފޯރުކޮށްދެވޭނީ ރާއްޖެ ހަލަބޮލިކަމެއްގެ ތެރެއިން ސަލާމަތްވެފައި އޮވެގެން ކަމަށެވެ. އޭގަފަހުގައި ރައީސް ނަޝީދަށް އަމާޒުކުރައްވާ ރައީސް ސޯލިހް ވިދާޅުވީ މާޒީގައި ފެނިގެންދިޔަ މަންޒަރަކީ ވެރިކަމުގައި ތިބި ބަޔަކުވެސް މުޒާހަރާކުރުމަށް ނިކުން މަންޒަރު ކަމަށެވެ. މިގޮތަށް ކަންހިނގައިގެން ދިއުމަކީ ވިސްނަންޖެހޭ ވަރުގެ ކަމެެއް ކަމަށްވެސް ވިދާޅުވި އެވެ.

"ގައުމުގެ އަމާންކަން ބަލަހައްޓަން ފުލުހުންނާއި ސިފައިން ތިބޭނެ. ސަރުކާރުގައި ތިބޭ ބަޔަކު ނުޖެހޭނެ އެގޮތަށް ކަންކުރާކަށް،" ނަޝީދުގެ ވެރިކަމުގައި އެމްޑީޕީން މުޒާހަރާކުރި ހަނދާން އާކުރައްވާ ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީނަށް އިޝާރާތްކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އެ ވެރިކަމުގެ ތެރޭގައި ފެނިގެން ދިޔައީ ޖެހުނު ބަޔަކު ހިފާ ހައްޔަރުކުރި މަންޒަރު ކަމަށެވެ. އެގޮތޔން ސިޔާސީ ހުރިހާ ލީޑަރުންނާއި، ފަންޑިޔާރުންނާއި، މަޖިލީސް މެމްބަރުންނާއި، ނޫސްވެރިންގެ އިތުރުން އާންމު އެތައް ރައްޔިތަކު ރައީސް ޔާމީންގެ ވެރިކަމުގައި ހިފާ ހައްޔަރުކުރެއްވި ކަމުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގަތުމުން ގައުމަށް އަމާންކަން ގެނެސްދީ، ސުލްހަ ގާއިމުކޮށް، ރައްޔިތުން ބޭނުންވި އަދި ވަކި ރަށެއް ތަފާތު ނުކޮށް އަސާސީ ހިދުމަތްތަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ދަތިތަކާއި ގޮންޖެހުންތަކާއި ކެއްތެރިކަމާއެކު ކުރެވުނު މަސައްކަތްތައް ނިމި އަމާން ބަނދަރަކަށް މިހާރު އާދެވިފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

"ނިންމި ހުރިހާ ނިންމުމެއް ނިންމީ މަޝްވަރާކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ފައިދާއަށް،" ރައީސް ވިދާޅުވެފައިވެ އެެވެ.