މަސްތުވާތަކެތި

130 ކިލޯގެ ޑްރަގު މައްސަލަ: ޝަހީބު ދޫކޮށްލައިފި

Jul 13, 2023

ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން އެކަމުގައި އިސްކޮށް ހުރި ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބް އިބްރާހިމް 42، ބަންދުން ދޫކޮށްލައިފި އެވެ.

ޝަހީބު ދޫކޮށްލާފައި މިވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރިން ނެރެފައި އޮތް އަމުރު މުރާޖައާކުރުމަށްފަހު އިއްޔެގެ ވަގުތެއް ގައެވެ.

ގާޒީ އަލީ ނަދީމު ނެރުއްވި އަމުރުގައި އޭނާއަކީ މުޖުތަމައަށް ނުރައްކާތެރި މީހެއް ނޫން ކަމަށް ބަލައި އެއްވެސް ޝަރުތެއް ވެސް ކޮށްފައެއް ނުވެ އެވެ.

ޝަހީބް ހައްޔަރުކުރީ ކަންނެލި ދޯންޏެއްގައި އޮކްޓޫބަރު 2020 ގައި ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައެވެ.

އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރަކަށް ކުރިން ހުރި ޝަހީބުގެ ޑްރަގް ނެޓްވޯކުގައި އިތުރު ބަޔަކު ވެސް ހިމެނެ އެވެ.

ރާއްޖެ އަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަނޑުމަތީގައި ހިންގި އޮޕަރޭޝަންގައި ހަތް މީހަކު ހައްޔަރު ކުރި އެވެ. މި ހަތް މީހުންގެ ތެރޭގައި ހިމެނޭ ހަ މީހުންނަކީ 25 އަހަރާއި 48 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. ދެން ހިމެނެނީ 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ