ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނައިބް ރައީސް އީވާ އަބްދުﷲ އެ މަގާމުތަކަށް ގެނައުމަށް ބޮޑު ހޭދައެއް ކުރުމުން އެމްޑީޕީގެ އަދާވާތްތެރިންނާ ގުޅިގެން ސިޔާސީ މަސައްކަތް ކުރާތީ ހިތާމަކުރައްވާ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިހާރު ކ. ގުރައިދޫއަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުގައި ކ. ގުޅީގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ ސިޔާސީ މަސައްކަތުގައި ރައީސް ނަޝީދާއި އީވާ، އެމްޑީޕީން ވަކިވެވަޑައިގެން އެމްޑީޕީގެ އަދާވަތްތެރިންނާ ގުޅިވަޑައިގަތުމަކީ ހިތާމައެއް ކަމަށެވެ. އައި އެއީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
"ވާދަވެރިންނާއި އަދާވާތްތެރިން އެއީ ދެބައެއް. އެ ބޭފުޅުން އެތިއްބެވީ އަދާވަތްތެރިން ގުޅިގެން،" ޖާބިރު ވިދާޅުވި އެވެ.
ސިޔާސީ މަސައްކަތްތަކުގައި ގަޑިއަށް ކުރަންޖެހޭ ކަންކަން ގަޑިއަށް ކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާ ޖާބިރު ވިދާޅުވީ ރައީސް ނަޝީދު އަރިހުގައި ގަޑިއަށް ކަންތައްތަކެއް ކުރެއްވުމަށް ދެންނެވި ކަމަށެވެ. ނަމަވެސް ވަގުތު ފާއިތުވުމުން ރައީސް ނަޝީދަށް ވެސް މިހާރު ކުރެވޭނެކަމެއް ނެތް ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެކަމުގެ ތަފްސީލަކަށް އޭނާ ވަޑައެއް ނުގަންނަވަ އެވެ.
"އަދާވާތްތެރިކަމުގައި ކެއްކޭނެ ރިހައެއްވެސް ނޯންނާނެ،" ރައީސް ނަޝީދާއި އީވާ އެމްޑީޕީއާ ދެކޮޅަށް މިހާރު މަސައްކަތް ކުރައްވާތީ ފާޑު ވިދާޅުވަމުން ޖާބިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުން މިއަދު ބޭނުންވަނީ އެމްޑީޕީން މިގައުމަށް ގެނައި ޑިމޮކްރަސީ ކަމަށެވެ. ރާއްޖޭގައި މިއޮތް ޑިމޮކްރަސީ ފަހަތަށް ދިއުމަށް ބޭނުން ނުވާ ކަމަށް ވިދާޅުވެ ޖާބިރު ވިދާޅުވީ ރާއްޖޭގެ ރައީސް ކަމަށް ރައީސް ސޯލިހް އިތުރު ދައުރަކަށް އިންތިހާބުކުރެއްވުމަށް އޭނާ ހުންނެވީ ތައްޔާރަށް ކަމަށެވެ.
"ޑޮލަރުން ތަޅައި މަރައިގެން ނަމަވެސް މިއަހަރުގެ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސާލިހާ އެކު އެއްބުރުން ނަގާނަން،" ޖޯޝާއި ފޯރީގައި ޖާބިރު ވިދާޅުވި އެވެ.
ރައީސްގެ ކެމްޕޭންގައި ގުރައިދޫ ދާއިރާގެ ތިން ރަށުގެ ތެރެއިން މިއަދު ފުރަތަމަ ވަޑައިގަތީ ގުޅިއަށެވެ. އޭގެފަހުން ގުރައިދޫއަށް ވަޑައިގަތުމަށް އެމަނިކުފާނު މިއަދު މާފުށްޓަށް ވެސް ވަޑައިގަންނަވާނެ އެވެ.