ވެބް ޓެލެސްކޯޕް އިން ތަރިތައް އުފެދެމުން އަންނަ ގޮތުގެ އަޖާއިބު ކުރުވަނިވ ފޮޓޯތަކެއް ނާސާ އިން ދައްކާލައިފި އެވެ.
ނާސާ އިން ދައްކާލާފައިވާ ފޮޓޯ ތަކުން ފެންނަނީ ޑަޒަނެއްހައި ތަރިތަކެއް އުފަންވަމުން އަންނަ ވަގުތުގައި އެ އެކުލެވިފައި ހުންނަ ގޭސް ވިލާ ތަކުގެ ބޮޑެތި ވިލާގަނޑު ނުވަތަ ދުންގަނޑުތަކުގެ މިހާތަނަށް ނަގާފައިވާ އެންމެ ސާފް ފޮޓޯތައް ކަމުގައި ނާސާގެ ސައެންސްވެރިން ބުނެ އެވެ.
މިއީ ގާތްގަނޑަކަށް 390 އަހަރު އަލީގެ ދުރުމިނުގައި ތަރިއެއް އުފެދެމުން އަންނަ މުއްދަތުގެ މިހާތަނަށް ނެގިފައިވާ އެންމެ ސާފް ފޮޓޯ ތަކެވެ.
ނާސާ އިން މި ފޮޓޯތައް އާންމުކޮށްފައި މިވަނީ ވެބް ސްޕޭސް ޓެލެސްކޯޕުން ކޮސްމިކް ފޮޓޯ ނަގަމުން އަންނަތާ އެއްް އަހަރު ފުރުމުގެ މުނާސަބާއާއި ދިމާކޮށެވެ.
ނާސާ އިން ވަނީ 50 އަކަށް ތަރި 390 އަލި އަހަރު ދުރުމިނުގައި ވުޖޫދުވަމުން އަންނަ ގޮތުގެ ފޮޓޯތައް އާންމުންނަށް ދޫކޮށްލާފަ އެވެ. އަލި އަހަރެއްގެ ދިގުމިނަކީ ގާތްގަނޑަކަށް ހަ ޓްރިލިއަން މޭލު ނުވަތަ 9.7 ޓްރިލިއަން ކިލޯ މީޓަރެވެ.
މި ފޮޓޯ ތަކުން ފެންނަ ގޮތުގައި ފަޒާގެ ދުރު ހަމަހިމޭން ކުޑަ ސަރަހައްދެއްގައި ވަނީ ގޭސް ތަކުގެ ވިދާ ބެބުޅުން ތަކުން ފުރިފަ އެވެ. ހައިޑްރިޖަންގެ އެ ގޭސްތައް ހިރަފުސްތަކުން އޮޅާލެވިގެންވަނީ ފަހަރުގައި އެއް ތަރި ނުވަތަ އެތަކެއް ތަރިތަކެއްގެ ނާޒުކީ އުފެދުން އަންނަ ހިނދު ކަމަށްވުމަކީ ވެދާނެ ކަމެއް ކަމަށް ނާސާ އިން ބުނެ އެވެ.
އުފެދެމުން އަންނަ ތަން ފެންނަ މި ހުރިހާ ތަރިތައްވެސް އިރަށް ވުރެ ބޮޑުވާނެ ކަމަކަށް ނާސާގެ ސައެންސްވެރިން ލަފައެއް ނުކުރެ އެވެ. ސައެންސްވެރިން ބުނާ ގޮތުގައި ތަރިއެއްގެ ހަޔާތުން މިހާ ހިތްގައިމު ސާފް ފޮޓޯތަކެއް މިހާތަނަށް ނެގިފައެއް ނުވެ އެވެ.
މި ފޮޓޯތަކުން ފެންނަ ތަރިތައް އުފެދެމުން އަންނަ ގޮތް އެއީ މީގެ އެތައް ބިލިއަން އަހަރު ކުރިން އަހަރެމެންގެ މި ސޯލާ ސިސްޓަމް އުފެދުނުއިރުގެ ކުޑަ މިސާލެއް ކަމަށްވުންވެސް ލަފާ ކުރެވޭ ކަމަށް ނާސާ ޕްރޮގްރާމް ސައެންސް ވެރިޔާ އެރިކް ސްމިތް ވިދާޅުވެފައިވެ އެވެ.
ތަރިތަކުގެ އަލި ވުޖޫދުވެފައިވަނީ 390 އަލި އަހަރު ކުރިން
ސްމިތް ފާހަގަކޮށްފައިވާ ގޮތުގައި މި ފޮޓޯތަކުން ފެންނަ އަލި ތަކަކީ މީގެ 390 އަލި އަހަރު ކުރިން އެ ތަނުން ދައުރުވާން ފަށާފައިވާ އައްޔެވެ. މީލާދީން 1633 ވަނަ އަހަރުގައި އިޓަލީގެ މަޝްހޫރު އެސްޓްރޮނޮމަ ގެލީލިއޯ، އިރު ދައުރު ވަނީ ބިމުގެ ވަށައިގެން ކަމަށް ބުނުމުން އެ ދުވަސްވަރު އޭނާ ގޮވައިގެން ރޯމްގައި ވަނީ ޝަރީއަތް ކުރެވިފަ އެވެ. އަދި 1992 ގައި ވެޓިކަން އިން ވަނީ ގެލީލިއޯއަށް ކުރެވުނު ތުހުމަތުތައް އެއީ ގޯސް ނިންމުމެއް ކަމަށް އިގުރާރުވެފަ އެވެ.
މި ގޭސްވިލާގެ އަލިގަނޑުތައް ނުވަތަ ރޯ އޮފިއުކީ އަކީ ދުނިޔެއާއި އެންމެ ގާތުން ތަރިތައް ވުޖޫދުވަމުން އަންނަ ސަރަހައްދަށްވާއިރު އެއީ ފަޒައީ އިލްމުގައި އޮޕިއުކަސް އަދި ސްކޯޕިއަސްގެ ބައްޓަން ތަކުގެ ބޯޑަރު ސަރަހައްދެވެ.
މިތަނުގެ ކުރިމަތީގައި އެއްވެސް ތަރިއެއް ނެތުމުން މިދެންނެވި އެއްޗެއްގެ ސައްހަކަން ފުދޭ ކަމަށް ސައެންސްވެރިން ގަބޫލުކުރެ އެވެ. ބައެއް ތަރިތައް ހިޔަންޏެއްގެ ސިފައިގައި ފެންނަނީ އެއީ ޕްލެނެޓްތައް އުފެދެމުން އަންނައިރު ކަމަށްވުންވެސް ލަފާ ކުރާކަމަށް ނާސާ އިން ބުނެ އެވެ.
ނާސާގެ ސައެންސް ވެރިޔާ ބިލް ނެލްސަން ވަނީ މި ފޮޓޯ އަކީ ތަރިއެއް ވުޖޫދުވެގެން އައުން ދައްކުވައިދޭ މާސްޓަޕީސްއެއް ކަމުގައި ސިފަކޮށްފަ އެވެ.
ދުނިޔޭގެ އެންމެ ބޮޑު އެސްޓްރޮނޮމިކަލް އޮބްޒަވޭޓަރީގެ އެނިވާސަރީ
ވެބް އަކީ މިހާތަނަށް ފަޒާގެ ތެރެއަށް ފޮނުވާލެވުނު އެންމެ ބިޔަ އެންމެ ބާރު ގަދަ އެސްޓްރޮނޮމިކަލް އޮބްޒަވޭޓަރީ އެވެ. މިދިޔަ އެއް އަހަރު ތެރޭގައި މި ވެބުން ވަނީ ކައުނުގެ އަޖައިބު ކުރުވަނިވި ފޮޓޯތައް ފޮނުވަމުން ގޮސްފަ އެވެ.
އެމެރިކާގެ 10 ބިލިއަން ޑޮލަރުގެ އަގުހުރި އިންފްރާރެޑް މި ޓެލެސްކޯޕް ފްރެންޗް ގަޔާނާ އިން ޖައްވަށް ފޮނުވާލެވުނުތާ ހަމަސް ފަހުން އެންމެ ފުރަތަމަ ނެގުނު ފޮޓޯތައް ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު ނަސާ އިން އާންމުކޮށްފަ އެވެ.
ވެބް ޓެލެސްކޯޕަކީ ނަސާ އިން މީގެ ކުރިން ޖައްވަށް ފޮނުވާފައިވާ ދުނިޔޭގެ ވަށައިގެން އނބުރެމުން ގޮސް 33 އަހަރު ވެފައިވާ ހަބްލް ޓެލެސްކޯޕްގެ ބަދަލުގައި ފޮނުވާލި އުޅަނދެކެވެ. ޔޫރަޕާއި އެމެރިކާ އިން ގުޅިގެން ފޮނުވާލި މި ޓެލެސްކޯޕުން ކުރީގެ ހަބްލްއަށް ވުރެ މި ޓެލެސްކޯޕް އޮންނަ ތަނުން 1.6 މިލިއަން ކިލޯމީޓަރު ދުރުން ފޮޓޯ ނަގަ އެވެ.
މި ވެބް ޓެލެސްކޯޕުން ކައުނުގައިވާ އެންމެ ކުރީގެ ތަރިތަކާއި ބެހޭ މައުލޫމާތު ލިބޭނެ ފޮޓޯތައް ނެގިގެން ދިއުމަށް އުއްމީދު ކުރެ އެވެ. އެތަކެތިން ބިން ފިޔަވައި އެހެން ޕްލެނެޓެއްގައި ދިރުން ހުރި ކަމުގެ ނިޝާނެއް ފެނޭތޯ ސައެންސްވެރިން ބަލަމުންދާނެ އެވެ.