ދުނިޔެ

އެމެރިކާ ބޭނުންނަމަ ޔުކްރޭން ހަނގުރާމަ ވަގުތުން ހުއްޓުވޭނެ: ހަންގޭރީ

ރަޝިއާއާ ހަނގުރާމަކުރަން އެމެރިކާ ދަހިވެތިވާ ސަބަބު އެ ގައުމާ އެކުގައި ތިބި ބަޔަކަށް ކިޔައިނުދޭ ކަމަށް ހަންގޭރީގެ ބޮޑުވަޒީރު ވިކްތަރު އޯބަން ވިދާޅުވެއްޖެ އެވެ.

ނޭޓޯ ލައްވައި ރަޝިއާއާ ހަނގުރާމަ ކުރުވުމުގައި އޮތީ ކޮން އެދުމެއްކަން ބުނެދޭންވެސް އެމެރިކާއަށް ނޭނގޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ވިކްތަރު އޯބަން ދެއްވި ރޭޑިއޯ އިންޓަވިއުއެއްގައި ވިދާޅުވީ އޭނާ ދެކެވަޑައިގަންނަވާ ގޮތަށް ބައެއް އެހެން ގައުމުތަކުން ވެސް ދެކޭ ކަމަށެވެ. އެއީ ކުޑަ ހިނދުކޮޅެއްގެ ނޯޓިސްއާ އެކު ޔުކްރޭން ހަނގުރާމަ ހުއްޓުވާލުމުގެ ބާރު އެމެރިކާއަށް އެބަ އޮތްކަން ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅަނގު ފިޔަވައި ޔުކްރޭނަށް އަޅާލާނެ އެހެން އެއްވެސް ބަޔަކު ނެތް ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވި އެވެ. ދުނިޔޭގެ ގިނަ ގައުމުތަކުން ގަބޫލުކުރާ ގޮތުގައި ޔުކްރޭން އެކުރަނީ ބޭކާރު އަދި ބޮޑު ގެއްލުމެއް ލިބޭ ހަނގުރާމައެއް ކަމަށްވެސް ވިދާޅުވި އެވެ.

ޔުކްރޭނާ މެދު ހުޅަނގުން ގެންގުޅޭ ސިޔާސަތަށް ފާޅުގައި ދެކޮޅު ހައްދަވާ ވިކްތަރު އޯބަން ވިދާޅުވީ އެކަލަ ކޮސްކަމެއްގެ ތެރެއަށް ވަނުމުގެ ވިސްނުން ހަންގޭރީން ނުގެންގުޅޭނެ ކަމަށެވެ.

ޔުކްރޭން ލައްވައި ރަޝިއާއާ ހަނގުރާމަ ކުރުވައިގެން އެމެރިކާއަށް ލިބޭނީ ކޮން އެއްޗެއްތޯ އޭނާ ސުވާލުކުރެއްވި އެވެ. މިހާރު މަސްރަހު އޮތް ގޮތުން ހަނގުރާމަ ނިމޭއިރު ޔުކްރޭން އޮންނާނީ ދަރަނިން އަނދާފައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ހުޅަނގުން ޔުކްރޭން ދެކެ ލޯބިވާ ކަމަށް ހެދިގެން ފޯރުކޮށްދޭ ހަތިޔާރަކީ ހިލޭދޭ އެއްޗެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެއަށް އަގުދައްކަން ޖެހޭނެ ދުވަސް ލަހުން ނަމަވެސް އަންނާނެ ކަމަށް ވިދާޅުވި އެވެ.

ޔުކްރޭނަށް މިހާރު ނުގެއްލޭ މިނިވަންކަމެއް، ޝަރަފެއް ނެތް ކަމަށާއި ސުލްހައަށް މަޝްވަރާކުރުމުގެ ފުރުސަތުވެސް ޔުކްރޭނުން ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމާގައި އެމެރިކާ ބަދުނާމުކުރަނީ ރަޝިއާ އެވެ. ރަޝިއާ ބުނާ ގޮތުން ބައެއްގެ ދަހިވެތިކަން މާބޮޑުވުމުން ދެން ނުކުންނަ ނަތީޖާ ޔުކްރޭނަށް މިހާރު އެ ފެންނަނީ އެވެ.