އެފްއެސްއެމް

ފަޅައިގެން ދިޔަ ބާޖު އިތުރަށް މަރާމާތުކުރަން މާލެއަށް ދަތުރުކުރަނީ

ށ. ކޮމަންޑޫއަށް ދިޔަ ތެޔޮ ބޯޓަށް ދިމާވި މައްސަލަ ހައްލުކޮށް، ބާޖު މަރާމާތުކުރުމަށް މާލެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

އެފްއެސްއެމްގެ ބާޖަށް މައްސަލައެއް ދިމާވީ ކޮމަންޑޫއަށް ތެޔޮ ހިފައިގެން ދިޔަ ތަނުން، އެ ރަށު ޖެޓީގެ ޝީޓް ޕައިލްއެއްގައި ޖެހި ތެޔޮ ބޯޓު ފަޅައިގެން ގޮސް ދިޔަވާން ފެށުމުންނެވެ.

މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުމާ ގުޅިގެން މިއަދު ހެނދުނު ސިފައިންގެ ނޮދަން އޭރިއާ ކޯސްޓްގާޑްގެ އުޅަނދެެއް އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. އަދި ސިފައިންގެ ޑައިވަރުންގެ ޓީމެއް ބާޖު އޮތް ސަރަހައްދަށް ފީނައިގެން ލިބިފައިވާ ގެއްލުންތައް ބަލާފައިވެ އެވެ.

އެމްއެންޑީއެފް އިން ބުނީ ޝީޓް ޕައިލްގައި ޖެހި އެފްއެސްއެމްގެ ތެޔޮ ބޯޓުން އަށް އިންޗި ވަރުގެ ތަނެއް ފަޅައިގެން ދިޔަ ކަމަށެވެ. އަދި ބާޖު ބީއްސާލުމަށްފަހު ފަޅައިގެން ދިޔަ ތަނަށް އުނގުރިއެއް ޖަހައި ދިޔަވުން ކޮންޓްރޯލް ކުރި ކަމަށެވެ.

އެފްއެސްއެމް އިން މިރޭ ބުނީ ބާޖަށް ދިމާވި މައްސަލަ ސިފައިންގެ އެހީތެރިކަމާ އެކު ހައްލުކޮށް، އިތުރަށް މަރާމާތުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށްޓަކައި ބާޖު މިހާރު މާލެއަށް ދަތުރުކުރަމުންދާ ކަމަށެވެ.

މިހާދިސާގައި ބާޖުން ފަޅުތެރެއަށް އެއްވެސް ވަރަކަށް ތެޔޮ ބޭރުވި ކަމަކަށް އެއްވެސް އިދާރާ އަކުން ނުބުނެ އެވެ.