މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބޭނުމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ވިއްކި ތެލުގެ ވިޔަފާރީގައި ހިންގާފައިވާ ބޮޑު ހިޔާނާތާ ގުޅިގެން 28.3 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަން ހާމަވެއްޖެ އެވެ.
މިމައުލޫމާތު ހާމަވީ މި ހިޔާނާތާ ގުޅިގެން އޮޑިޓާ ޖެނަރަލް ކުރިއަށް ގެންދެވި ހާއްސަ އޮޑިޓް ރިޕޯޓް މިއަދު އާންމުކުރުމާ ގުޅިގެންނެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ މާލޭގެ ވިޔަފާރި ބަނދަރުގައި އެމްޕީއެލް އިން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގެ ބޭނުމަށް އެފްއެސްއެމް އިން ވިއްކި ޑީސަލްގެ ތެރެއިން 2018 އިން 2020 ވަނަ އަހަރުގެ ނިޔަލަށް 28.3 މިލިއަން ރުފިޔާގެ ޑީސަލް، ހިޔާނާތުގެ ތެރެއިން ގެއްލިފައިވާ ކަމަށެވެ.
"މީގެތެރޭގައި ހިމެނެނީ ޖަނަރޭޓަރުތައް ހިންގުމަށް ދޫކުރި ކަމަށް ރެކޯޑްކޮށްފައިވާ ޑީސަލްގެ ތެރެއިން ގެއްލުނު 9.6 ރުފިޔާގެ ޑީސަލާއި ޓަގު ބޯޓުތައް އޮޕަރޭޓް ކުރުމަށް ދޫކުރިކަމަށް ރެކޯޑްކޮށްފައިވާ ޑީސަލްގެ ތެރެއިން ގެއްލުނު 18.6 މިލިއަން ރުފިޔާގެ ޑީސަލާއި އާރްޓީޖީ ކްރޭންތަކަށް އެޅުމަށް ދޫކުރި ކަމަށް ރެކޯޑްކޮށްފައިވާ ޑީސަލްގެ ތެރެއިން ގެއްލުނު 127،616 މިލިއަން ރުފިޔާގެ ޑީސަލް އެވެ،" ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
ރިޕޯޓްގައިވާ ގޮތުން އެމްޕީއެލްގެ ޓަގު ބޯޓުތަކަށް އެޅުމަށް އެފްއެސްއެމް އިން ހުޅުމާލޭ ޖެޓީ ސަރަހައްދަށް ފޮނުވި 799،900 ލީޓަރުގެ ޑީސަލް އެމްޕީއެލްގެ ޓަގު ބޯޓުތަކަށް އަޅާފައެއް ނުވެ އެވެ. ރިޕޯޓްގައިވާ ގޮތުން އެއީ 7.25 މިލިއަން ރުފިޔާގެ ޑީސަލް އެވެ.
އެފްއެސްއެމްގެ ޑެލިވަރީ ނޯޓްތަކުގައި އެމްޕީއެލްގެ ފަރާތުން ތެލާއި ހަވާލުވިކަމަށް އެމްޕީއެލްގެ މުވައްޒަފަކު ސޮއިކޮށްފައިވީ ނަމަވެސް އެ ތެޔޮ އެމްޕީއެލްގެ ޓަގު ބޯޓުތަކަށް އަޅާފައި ނުވާ ކަމަށާއި އެ ތެޔޮ އެމްޕީއެލް އަށް ލިބިފައި ނުވާކަން ފާހަގަކޮށްފައިވެ އެވެ.
މާލޭ ކޮމާޝަލް ހާބަރުގައި އެމްޕީއެލް އިން ހިންގާ އޮޕަރޭޝަންތައް ކުރިޔަށް ގެންދިއުމަށް 2020 ވަނަ އަހަރު ގަނެފައިވަނީ 2،793،375 ލީޓަރުގެ ޑީސަލް އެވެ. 2021 ވަނަ އަހަރު ގަނެފައިވަނީ 1،752،060 ލީޓަރުގެ ޑީސަލް އެވެ.
އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން މިއީ 59 އިންސައްތަ އިތުރުވުމެކެވެ. ނަމަވެސް އެ ދެ އަހަރު ކުންފުނީގެ އޮޕަރޭޝަންތަކުގެ ކުޑަ ބޮޑުމިނަށް ބަލާއިރު 2020 ވަނަ އަހަރުގެ އޮޕަރޭޝަންތައް 2021 ވަނަ އަހަރުގެ އޮޕަރޭޝަންތަކަށް ވުރެ ކުޑަކަން ފާހަގަވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން، އެމްޕީއެލް އަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ގަންނަ ތެޔޮ އުޅަނދުތަކަށް އެޅުމަށާއި ޖަނަރޭޓަރުތައް ހިންގުމަށް ދޫކުރަމުން ގެންދާކަން ދެއްކުމުގެ ގޮތުން ތެޔޮ ހޯދުމަށް ޔުނިޓްތަކުން ފޮނުވާ ރިކުއެސްޓް ފޯމްތަކުން ކޮޕީ ފޯމުތައް ހަދައި މައުލޫމާތު ފޯޖްކުރަމުން ގޮސްފައިވެއެވެ.
އެ ގޮތުން 2018 އިން 2020 އަށް ތިން އަހަރުގެ ތެރޭގައި 726 ފޯމް ފޯޖުކުރިކަމަށް ބެލެވޭ ކަމަށާއި އެއީ 1،401،693 ލީތަރު ޑީސަލް ކަމަށް ފާހަގަކޮށްފައިވެއެވެ. އަގުން ނަމަ އެއީ އެއީ 13،421،002 ރ. ގެ ޑީސަލް އެވެ.
ތެޔޮ ހޯދުމަށް އެދި ޔުނިޓުތަކުން ފޮނުވާ ރިކްއެސްޓް ފޯމުތަކާއި ތެޔޮ ދޫކުރުމަށްފަހު ތައްޔާރުކުރާ އިޝޫ ނޯޓްތަކުގައި ހުންނަންޖެހޭ މައުލޫމާތު ފުރިހަމަނުވާކަމަށާއި މައުލޫމާތު ފުށުއަރާކަން ވަނީ ފާހަގަކޮށްފަ އެވެ.
ތެޔޮ ފޮނުވަންވީ ތަނާއި އަދަދު ފޯނުން އަންގާ ގޮތަށް ހަމަޖައްސާފައި އޮތުމުން ޓަގު ބޯޓުތަކަށް ޑިސަލް އެޅުމަށް ބައުޒަރު ފޮނުވަންޖެހޭ ތަން ފިޔަވައި އެހެން ތަނަކަށް ބައުޒަރު ފޮނުވުމަށް މަގުފަހިވާ ކަމަށާއި އެމްޕީއެލް އޮޕަރޭޝަންތަކަށް ބޭނުންވާ ތެލުގެ ބަޖެޓު ކަނޑައެޅުމުގައި ފިއުލް ކޮންސަމްޕްޝަން އެނަލިސިސް ރިޕޯޓްތަކަށް ރިއާޔަތް ކުރަމުން ގޮސްފައިނުވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ތެޔޮ ހޯދުމަށް ރިކްއެސްޓް ކުރުމާއި ތެޔޮ ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އެސްއޯޕީ ތައްޔާރުކޮށްފައިނުވެ އެވެ. އެމްޕީއެލް އިން މާލޭ ކޮމާޝަލް ހާބަރުގައި ހިންގާ އޮޕަރޭޝަންތަކުގައި ބޭނުމަށް ތެޔޮ ގަނެ ސަޕްލައިކުރުމުގައި ހިންގާފައިވާ ހިޔާނާތުގައި އެމްޕީއެލް އާއި އެފްއެސްއެމްގެ މުވައްޒަފުންތަކެއްގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމާށްވެސް ފާހަގަކޮށްފައިވެ އެވެ.
މި އޮޑިޓް ރިޕޯޓް ތައްޔާރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން އެދުމަށެވެ. އެމްޕީއެލް އަކީ ޖުލައި 31، 2008 ގައި އުފައްދާފައިވާ 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.