ތައިލެންޑް

ރޭޕްގެ ތުހުމަތަށް ތައިލޭންޑުގައި ދިވެއްސަކު ހައްޔަރުކޮށްފި

ނޯވޭގެ އަންހެން ކުއްޖަކު ރޭޕް ކުރިކަމުގެ ތުހުމަތުގައި ތައިލޭންޑުން ދިވެހި ޒުވާނެއް ހައްޔަރުކޮށްފި އެވެ.

މި ޒުވާނާގެ މައުލޫމާތު ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ނޯވޭގެ 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރިކަމުގެ ތުހުމަތު ގައެވެ. ނަމަވެސް އެއީ 22 އަހަރުގެ އަންހެނެއް ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ދިވެހި ފިރިހެން މީހާ އާއި ނޯވޭގެ އަންހެން ކުއްޖާ ދިމާވެފައިވަނީ ފޭސްބުކް މެދުވެރިކޮށެވެ. އަދި ދެ މީހުން ވަނީ އަންހެން ކުއްޖާ އޭނާގެ އާއިލާ އާއި އެކު ތައިލޭންޑަށް ކުރި ދަތުރެއްގައި އެކަކު އަނެކަކާ ދިމާ ވެފަ އެވެ.

އަންހެން ކުއްޖާ ރޭޕްކުރި ކަމަށް ބުނެ ފުލުހުންނަށް މައްސަލަ ރިޕޯޓް ކޮށްފައިވަނީ އަންހެން ކުއްޖާގެ އާއިލާއިން ކަމަށް މައުލޫމާތު ލިބެ އެވެ. އެއަށް ފަހު ތައިލޭންޑްގެ ފުލުހުން ވަނީ ދިވެހި ފިރިހެން މީހާ ހައްޔަރުކޮށްފަ އެވެ.

ދިވެހި ފިރިހެން މީހާގެ ބަންދާ މެދު މާދަމާ ކޯޓުން ގޮތެއް ނިންމާނެ އެވެ.