ފިނިޕޭޖް

ރޮޒާނާ އާކެޓް އެކްސިޑެންޓްވެއްޖެ

އެކްޓްރެސް ރޮޒާނާ އާކެޓް، 63، ކާރެއްގައި ދަތުރުކުރަނިކޮށް އެކްސިޑެންޓް ވެއްޖެ އެވެ.

ލޮސް އެންޖަލިސް ކައުންޓީ ޝެރިފްސް ޑިޕާޓްމަންޓުން ބުނި ގޮތުގައި ކެލިފޯނިއާގެ މެލީބޫގެ ޕޮއިންޓް ޑިއުމް ވިލެޖް ޝޮޕިން ސެންޓަރު ކައިރީގައި އެކްސިޑެންޓެއް ހިނގައިގެން ޕޮލިސް އޮފިސަރުންނާއި ފަޔާ ޑިޕާޓްމަންޓްގެ އޮފިސަރުން އެތަނަށް ދިޔަ ކަމަށެވެ. އަދި ޑްރައިވަރު ހޮސްޕިޓަލަށް ގެންދިޔައިރު، ބިރުގަނެފައި ހުރި ކަމަށާއި އެއްވެސް އަނިޔާއެއް ލިބިފައިވާކަން ފާހަގަ ނުވާ ކަމަށްވެސް ބުންޏެވެ.

ޑްރައިވަރުގެ ނަން ފުލުހުން ބުނެފައި ނުވި ނަމަވެސް އެމީހަކީ ރޮޒާނާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި އެކްސިޑެންޓްގައި ރޮޒާނާގެ ކާރުގޮސް ޖެހުނީ އެ ޝޮޕިން ސެންޓަރުގެ ބޭރުގައި ހުންނަ ލިލީސް މެލީބޫ ރެސްޓޯރަންޓްގެ ފުރާޅު ހިފަހައްޓާފައިވާ ތިން ތަނބު ގައެވެ. އެތާ ކައިރީގައި ދެ މޭޒާއި ގޮނޑި ބަހައްޓާފައި ހުރި ނަމަވެސް، ނަސީބަކުން އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

ޝެރިފްސް ޑިޕާޓްމަންޓުން ބުނީ މި އެކްސިޑެންޓް ހިނގީ ކާރު ޕާކްކުރަން އުޅުނުއިރު، ސީދާ ވީގޮތެއް ނޭނގި ޑްރައިވަރުގެ އަތުން ކާރުގެ ކޮންޓްރޯލް ގެއްލިގެން ކަމަށެވެ. ކާރު ފަހަތަށް ޖެހުމުގެ ބަދަލުގައި ކުރިއަށް ދުއްވާލެވުނީ ކަމަށާއި މި އެކްސިޑެންޓްގެ ތަހުގީގު ކުރިއަށްދާއިރު، ޑްރައިވަރު ހުރީ މަސްތުގެ ހާލަތުގައި ނޫން ކަމަށްވެސް އޮފިޝަލުން ބުންޏެވެ.

ފަޔާ ޑިޕާޓްމަންޓުން ބުނީ އިންޖީނިއަރުން ގެނެސް، އެ ރެސްޓޯރަންޓް އިމާރާތް ބޭނުންކުރަން ރައްކާތެރިތޯ އިންސްޕެކްޝަން ހަދަމުންދާ ކަމަށެވެ.

ރޮޒާނާ ވަނީ 2022 ގައިވެސް ޕެލިސޭޑްސް ޝޮޕިން ސެންޓަރު ކައިރީގައި އޮތް ޔޫޕީއެސް ޓްރަކެއްގައި ޖެހި އެކްސިޑެންޓް ވެފަ އެވެ.