ސްވިޑަންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ މަރުކަޒީ މިސްކިތް ދޮށުގައި ކީރިތި ގުއާން އެންދުމާ ގުޅިގެން ބަދަލުހިފުމަށް -- ސްވިޑަންގައި ހުންނަ އިޒްރޭލު އެމްބަސީ ކުރިމަތީގައި ތަވްރާތާއި އިންޖީލް އަންދާލުމަށް އެ ގައުމުގެ ފުލުހުން ހުއްދަދިން ސީރިއާގެ ރެފިއުޖީ އަހުމެޓް އަލުސްއަށް އެކަން ކުރަން ނުކެރޭނެ ކަމަށް ބުނެފި އެވެ.
އޭނާ ބުނީ އޭނާއަށް ހަމަ އެއްގޮތަކަށްވެސް މުގައްދަސް ފޮތްތައް އަންދަން ނުކުރޭނެ ކަމަށެވެ.
އަހުމެޓް އަލުސް އިޒްރޭލު އެމްބަސީ ކުރިމަތީގައި ނޫސްވެރިންނާ ވާހަކަދައްކަމުން ބުނި ގޮތުގައި، މުގައްދަސް ފޮތްތައް އަންދަން ހުއްދަ ހޯދީ -- މުގައްދަސް ފޮތްތަކަކީ އެއްގޮތަކަަށްވެސް އަންދައިގެން ވާނެ ފޮތްތަކެއް ނޫންކަން ދުނިޔެއަށް އަންގައިދިނުމަށް ކަމަށެވެ.
ސްވިޑަންގެ ފުލުހުންގެ ހިމާޔަތުގައި ކީރިތި ގުރުއާން އެންދި މައްސަލައާ ބެހޭ ގޮތުން އަލުސް ބުނީ މުގައްދަސް ފޮތްތައް އެންދުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނޫން ކަމަށެވެ. އެއީ ރުޅިވެރިކަމާއި ހަސަދަވެރިކަން އުފެއްދުމަށް ކުރާ ކަމެއް ކަމަށް އޭނާ ބުންޏެވެ.
ހުއްދަ ހޯދިއެއް ކަމަކު މުގައްދަސް އެއްވެސް ފޮތެއް އެންދުމުގެ ވިސްނުމެއް ނެތް ކަމަށްވެސް އޭނާ ބުންޏެވެ.
ސްވިޑަންގައި ގުރުއާން އެންދުމަކީ -- ޚިޔާލުފާޅުކުރުމުގެ މިނިވަންކަމޭ ބުނެ، ޖާހިލުންތަކެއް ކުރަމުން އަންނަ ކަމެކެވެ. ތުރުކީ އެމްބަސީ ކުރިމަތީގައި ގުރުއާން އަންދައި އަދި އެވަރުން ނުވެގެން މުސްލިމުންގެ މެދުގައި މަގުބޫލު މިސްކިތެއް ދޮށުގައިވެސް ވަނީ ގުރުއާން އަންދާފަ އެވެ.
ސްވިޑަންގައި އެންމެ ފަހުން ގުރުއާން އެންދީ މުރުތައްދުވެފައި ހުރި ސަލްވާން މޮމިކާ ނަމަކަށް ކިޔާ އީރާގުގެ ރެފިއުޖީ އެކެވެ. އޭނާ މިކަން ކޮށްފައި ވަނީ މުސްލިމުންނަށް މުޅި އަހަރުގައިވެސް އަންނަ އެންމެ އުފާވެރި ދުވަސް -- އަޟްޙާ އީދު ދުވަހު އެވެ.
މިކަމުންވެސް އެނގެނީ މިއީ ޚިޔާލުފާޅުކުމަށް ވުރެ ބޮޑަށް މުސްލިމުން ރުޅިއަރުވައި -- ބަޔަކު ލައްވައި ގޯސް ހެއްދުމުގެ ނިޔަތުގައި ޖާހިލުންތަކެއް ކުރި ކަމެއް ކަމަށެވެ.
ސްވިޑަންގައި ތަކުރާރުކޮށް ގުރުއާން އެންދުން ދުނިޔޭގެ ގިނަ ގައުމުތަކަކުން ވަނީ ކުށްވެރިކޮށްފަ އެވެ. އަރަބި މުސްލިމު ގައުމުތަކުގެ އިތުރުން ރަޝިއާ ވެސް ވަނީ މިކަން ކުށްވެރިކޮށްފަ އެވެ.
ކީރިތި ގުރުއާން އެންދުން ކުށްވެރިކުރައްވައި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވީ ރަޝިއާގައި ކީރިތި ކުރުއާން އެންދުން ލާހިކެއް ނޫން ކަމަށެވެ.
ޕޫޓިން އަދި ވިދާޅުވީ ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގައި ކީރިތި ގުރުއާނާށް ޚާއްސަ މޭޒެއް ބަހައްޓަވާނެ ކަމަށެވެ. އަދި މުސްލިމުން ހަދިޔާގެ ގޮތުގައި ގުރުއާންގެ މުސްހަފެއް ޕޫޓިންއަށް ދެއްވައިފިނަމަ އޭގެ ޖާގަ އަކީ އެ މޭޒު ކަމަށެވެ.