( 11 ޖުލައި 2023 އާ ގުޅޭ )
އަހަރެންނަށް މި ފެންނަނީ އެ އަންހެންކުއްޖާގެ ހަޔާތުން މަންޒަރުތަކެއްކަން ވިސްނުނެވެ. އެހެންވިއްޔާ އޭނާއަކީ އިންސާނެއް ހެއްޔެވެ. އޭނާގެ ސިފައިގައި ދިރިއުޅޭތަން މިފެންނަ އަންހެންކުއްޖަކީ ގައިމު ވެސް އިންސާނެކެވެ. އެ ސިފައަށް ނަމެއްކިޔާކަން ވެސް އެނގިއްޖެއެވެ. ޝިފާލީ ކަމެވެ. އެހެންވިޔަސް އޭނާ މި މަންޒަރުތައް އަހަރެންނަށް ދެއްކުމުގެ ގަސްދަކީ ކޮބާކަމެއް ނުވިސްނެއެވެ. އަހަރެންނާ މިއިން އެއްވެސް ކަމަކާ އޮތް ގުޅުމަކީ ކޮބާ ހެއްޔެވެ. އެ ޢާއިލާ މި ނޫނީ ނުވެސް ދެކެމެވެ.
ޢީދަށް ރަށްފުށުގައި ފޯރިގަދަވެއެވެ. ޚާއްޞަކޮށް ބޮޑު ޢީދުގައެވެ. ރާއްޖޭގެ އެކި ދިމާއިން ކުޅިވަރުތައް އޮންނަ ރަށްރަށަށް މީހުން ދަތުރުކުރެއެވެ. ޢީދުގައި އެފަދަ ރަށްތައް އޮންނަނީ މީހުންނާއިގެން ފުރިފައެވެ. ރަށު މީހެއް ބީރައްޓެއްސެއް ވަކިނުވާ ވަރަށް މުޅިރަށް ހަލަބޮލިވެފައެވެ. ޝިފާލީ ވެސް އަތޮޅުތެރެއަށް ފުރީ ޢީދު ޝޯގައި ބައިވެރިވާން ލިބުނު ފުރުޞަތުގައެވެ.
ފާލަމާ ކައިރިކޮށްލި ލާންޗު އަހަރެން ދުށީމެވެ. އަތިރިމައްޗަށް މީހުން އެއްވެފައި ތިއްބެވެ. ލާންޗުން މާލޭގެ ބައެއް ފިލްމީ ތަރިންނާއި މަޝްހޫރު ނަށާ ގުރޫޕުތަކުގެ މެންބަރުން ފޭބިއެވެ. 6 އަންހެންކުދީންނާއި 2 ފިރިހެންނުންނާއެކު ޝިފާލީގެ ގުރޫޕު ވެސް އެމީހުންގެ ތެރޭ ހިމެނެއެވެ. ރަށު ރައްޔިތުން ހޫނު މަރުޙަބާއެއް އެމީހުންނަށް ކިޔެވެ. ގުރޫޕުތައް ބައިބައިވެ ޕިކަޕުތަކާއި ކާރުގެ އިތުރުން ބަގީތަކަށް އަރަންފެށިއެވެ.
އަނެއްކާވެސް އަހަރެންނަށް ފެންނަ މަންޒަރު ބަދަލުވެއްޖެއެވެ. އެނބުރި ގެސްޓްހައުސްއަށް އާދެވުނީއެވެ. ނަމަވެސް ގެސްޓްހައުސްގެ އިމާރާތް ފެންނަނީ ތަފާތުކޮށެވެ. މުޅިތަނަށް ބަދަލުތަކެއް އައިސްފައި ހުރި ކަހަލައެވެ. ރިސެޕްޝަން ކައުންޓަރު ކުރިމަތިން ބަހައްޓާފައި ހުންނަ ސޯފާސެޓު ވެސް ވަނީ ބަދަލުވެފައެވެ. އެންމެންގެ ފޮށިތައް މަތީގައި ހުރި ކޮޓަރިތަކަށް ގެންދާތީ ފެނުނެވެ. ދެން އަނެއްކާވެސް ނުކުމެވުނީ ދޮރޯށި ކައިރިއަށެވެ. ކާރުގައި އިން ފައިސަލް އަހަރެންނަށް ފެނުމުން ހިތް އަވަސްވިއެވެ. އޭނާ އެތެރެއަކަށް ނުވަދެއެވެ. ކާރު ދުއްވާލީއެވެ.
ދުރުން އަހަރެންނަށް އަންހެން ކުދީންގެ ހުނުމުގެ އަޑު އިވުނެވެ. ދެން ކުއްލިއަކަށް އަހަރެންނަށް ހުރެވުނީ އެތަނުގައެވެ. އެމީހުން ފެންނަ ހިސާބުގައި ޝިފާލީގެ ކައިރީގައެވެ. އަނބުގަހުގައި އެލުވާފައި ހުރި ޖޯލިތަކުގައި ޝިފާލީއާއި އޭނާގެ އެކުވެރީން ތިއްބެވެ. ޝިފާލީގެ އުނގުގައިވާ މަޖާ ދޮލަނގުގައި އަހަރެން އަޅައިގަތެވެ. ދެން ފެނުނީ ދެ އަތަށް ދެ ކުރުނބާ ލައިގެން އެމީހުން ކައިރިޔަށް އައި ފަޒީލެވެ. އަހަރެންނާ ބައްދަލުވި އިރަށްވުރެ ފަޒީލު ވެސް ފެންނަނީ ޅަކޮންނެވެ. އޭނާގެ އިސްތަށިގަނޑު ވެސް އަހަރެންނަށް ފެނުނު އިރަށްވުރެ ދިގެވެ. އެކަމަކު އޭނާގެ ހިނިތުންވުމާއި މީހުންނާ ގުޅޭ މަޖާ މިޒާޖަށް ބަދަލެއްނާންނަކަން ފާހަގަވިއެވެ. އޭނާގެ ފަސްފަހަތުން އައި ބިދޭސީ މީހާގެ އަތުގައި ވެސް ދެ ކުރުނބާ އޮތެވެ. އެއީ އަބްދުލްއެއް ނޫނެވެ. ގެސްޓްހައުސް އިން އޭނާއެއް އަހަރެން ނުދެކެމެވެ. އަބްދުލްއަކީ އޭނާއަށްފަހު ގެސްޓްހައުސްއަށް ގެނައި މީހަކަށް ވެދާނޭ އަހަރެން ހިތަށް އެރިއެވެ. ޔަގީނުން ވެސް އަހަރެންނަށް މި ފެންނަނީ މާކުރީގެ މަންޒަރުތަކެއްކަން އެނގެއެވެ. އެމީހުން ގެނައި ކުރުނބާތައް ޝިފާލީއާ އޭނާއެކު ތިބި ރައްޓެހިންނަށް ދިނެވެ. ފަޒީލު ހުރީތީ އެމީހުންގެ ތެރޭ ހީނ ސަމާސާ ކުރުމުގެ އަޑު ނުކެނޑެއެވެ.
ދުވާލުގެ އަލިކަމުގެ މައްޗަށް އަނދިރިކަން ވެރިވަމުން އައިތަން އަހަރެން ދުށީމެވެ. އަހަންނަށް ހުރެވުނީ އަތިރިމަތީގައެވެ. އެކަނިމާއެކަނި އަތިރިމަތީގައި މަޑުކޮށްލައިގެން ހުރި ޝިފާލީގެ ކައިރީގައެވެ. އޭނާގެ ކޮންމެ ހަރަކާތެއް އަހަރެންނަށް ފެނެއެވެ. ޝިފާލީގެ ސަމާލުކަމާއި ނަޒަރު ހުއްޓިފައިވީ ޑިންގީއިން ފުންމާލި ޒުވާނާއަށެވެ. މޫދުން އެއްގަމަށް އަރައިގެން އަންނަމުން އޭނާގެ ކަނދުރާ ފޮރުވޭވަރަށް އޮތް ދިގު އިސްތަށިގަނޑުގައި އަތްފުނާ އަޅާލައި ނިތްކުރިމަތިން ފަހަތަށް އިސްތަށިތައް ގެންދިޔައެވެ. އެއީ ފައިސަލްއެވެ. އޭނާ ޝިފާލީއަށް ބަލާލިއެވެ. އެއާއެކު ރަކި ހިނިތުންވުމެއް ޝިފާލީގެ ތުންފަތަށް ވެރިވީތަން ދުށީމެވެ. މަޑު ހިނގުމެއްގައި ޝިފާލީގެ ކައިރިޔަށް ފައިސަލް އައެވެ.
"އެކަނިތަ؟." ފައިސަލް އަހާލިއެވެ.
"އިރުއޮއްސޭ މަންޒަރު ބަލާލަން މަޑުކޮށްލީ." ޝިފާލީ ބުންޏެވެ.
އޭގެ ދެ މީހުން ވާހަކަދައްކަން އަތިރިމަތީގައި ތިއްބެވެ. އެކަކުއަނެކަކާ ބަދަލުކުރާ ނަޒަރުތަކުގައި ޝައުގުވެރިކަންވި އެވެ. ދެ ހިތުގެ އަމާޒަކީ ކޮބާކަން ދުލުން ނުބުންޏަސް ޝިފާލީއަށް އެނގޭ ކަހަލައެވެ. ލަދުރަކި ބެލުންތަކާއި ތުންފަތަށް ވެރިވާ ލުއި ހިނިތުންވުންތަކުން ދެމެދުގައި އޮތް ގުޅުން ގާތްކޮށްދެމުން ދިޔަ ފަދައެވެ. ޝިފާލީއާއެކު އައިސް އުޅޭ ބައިވެރީންގެ ހިލަންވީ ދެ ޒުވާނުން އަތިރިމަތީގައި ތިއްބައެވެ. އަންހެންކުއްޖަކު އަތިރިއަށް ފައިބަމުން ޝިފާލީގެ ނަމުން ގޮވިއެވެ. އެ ގޮވާލުމާއެކު ފައިސަލް ދުރަށް ހިނގައިގަނެއްޖެއެވެ. ޝިފާލީ ވެސް އެނބުރި އެދިމާއަށް އަންނަ އެކުވެރިޔާގެ ކައިރިޔަށް ދާން އަވަސްވެގަތެވެ. ދެ މީހުންގެ ހަރަކާތުން ވެސް ހީވީ އިތުރު މީހަކަށް އެމީހުން އެކުގައި ތިއްބާ ފެންނަން ބޭނުންނުވީ ހެންނެވެ.
"އިރުއޮއްސި އަނދިރިވީމަ ވެސް ތިތާތަ؟. އަނދިރީގައި ހުންނާކަށް ބިރެއް ވެސް ނުގަނޭތަ؟. ހުސެން އެބަ ހޯދާ." ޝިފާލީ ފެނުމާއެކު އެ އަންހެންކުއްޖާ ބުންޏެވެ.
"މިފަހަރު ދިޔަ ދެ ރަށަށްވުރެ ވެސް އަހަރެންނަށް މި ރަށަށް ކަމުގޮސްފި... ވަރަށް ހިތްފަސޭހަ. ޢީދު ނިންމާފައި ނުގޮސް މަޑުކުރަންވީއޭ ހިތަށް އަރަނީ. ތިން ދުވަހުން ހިތެއް ނުފުރޭނެ." ޝިފާލީ ބުންޏެވެ. ދެ އަންހެންކުދީން އެކުގައި ހިނގަމުން އައީ ގެސްޓްހައުސްއަށް ވަންނާށެވެ. އަހަރެން ވެސް އައީ ޝިފާލީއާ އެއްވަރަށެވެ. އެމީހުންނަކަށް އަހަރެން ހުރިކަމުގެ ކުޑަ ވެސް ހިލަމެއް ނުވެއެވެ.
"ހުސެން ކައިރީ ބުނަންތަ؟. އަހަރެންވެސް މިތަނަށް އާދެވުނީމަ ޗުއްޓީއެއް ހަދާލަން ހިތަށް އެރީ. މިރަށުގެ މޫދު ވެސް ހާދަ ސަޅިއޭ. އަނެއްކާ މިތަން ހާދަ ބޮލަށް ފަސޭހައޭ. ވަރަށް މިނިވަން... އަހަރެން އެންމެ ހިތްހަމަޖެހެނީ އެހެންވެ." އެކުވެރިޔާ ނިކަން އަވަހަށް ބުންޏެވެ.
"ފަރީއާ ހުސެންނަށް ރަނގަޅުވާނީ މިނިވަންކަން އޮތްވަރެއްކަން އަހަރެންނަށް މާކުރިން ވެސް އެނގޭ. ގިނަދުވަސްނުކޮށް ފަރީލާ ދެން ހުސެންއާ އިންނަންވީނު." ޝިފާލީ ބުންޏެވެ. އެއާއެކު ފަރީލާ ހީނލައިފިއެވެ. އޭނާއާ އެންމެ ގާތްކަމެއް އޮންނަ އެކުވެރިއަކީ ފަރީލާއެވެ. އެމީހުންގެ ގުރޫޕާ ހަވާލުވެގެން އައިސް ތިބި ދެ ފިރިހެނުންގެ ތެރެއިން އެކަކީ ހުސެންނެވެ. ފަރީލާއާއި ހުސެން އުޅެނީ ލޯބީގެ ގޮތުން ގުޅިގެންކަން ޝިފާލީއަށް އެނގެއެވެ.
ރަށުގައި ޢީދު ޝޯ ކުރިޔަށް ގެންދިއުމަށް ހަދާފައިވާ އިސްޓޭޖު ދޮށަށް ޝިފާލީމެންގެ ގުރޫޕު އަންނަނީ ރޭގަނޑު ނުވައެއް ޖަހާއިރުއެވެ. ފައިސަލްމެން ރަށުގައި އެމީހުންގެ ތިން ޝޯ ދޭން ހަމަޖެހިފައި އޮތެވެ. އެހެން ރަށްތަކުގައި އެ މީހުން އައީ ދެ ޝޯ ދީފައެވެ. ގުރޫޕުގެ މެންބަރުންނަށް ސިއްރުވެފައި އޮތް ކަމަކަށްވީ ޝިފާލީއާއި ގެސްޓްހައުސްގެ ވެރިމީހާ ކަމަށްވާ ޒުވާން ފައިސަލްއާ ސިއްރު ބައްދަލުވުންތައް ކުރިޔަށް ދާކަމެވެ. ފަރީލާ ނޫނިއްޔާ ދެން އުޅޭ އަންހެންކުދީންގެ ޝައުގުވެރިކަން ފައިސަލްއަށް ހުއްޓިފައިވާކަން ޝިފާލީ ދެނަހުއްޓެވެ. ފައިސަލް ކަމުގޮސްގެން އެ ވާހަކަ ދެތިން ކުއްޖަކު ފާޅުގައި ބުނަން ވެސް ބުންޏެވެ. އެހެންވިޔަސް ޝިފާލީއަށް ޔަގީންވަނީ ފައިސަލްގެ ސަމާލުކަން ވަނީ ހަމައެކަނި އޭނާއަށް ހުއްޓިފައި ކަމެވެ. ދުވާލުގެ ވަގުތުތަކުގައި ފައިސަލް ގިނަ ފަހަރަށް ނުވެސް ފެނެއެވެ. އުޅެނީ ކޮންތާކުކަމެއް ކުރަނީ ކީއްކަމެއް އެނގޭ މީހަކު ނެތެވެ. ފައިސަލް ފެނިލިޔަސް އޭނާ އެމީހުންނާ ވާހަކަދައްކާކަށް ނާދެއެވެ. އުޅެނީ ނިކަން ދުރުންނެވެ. އެހެންނަމަވެސް ދަންވަރު އެކެއްގެ ފަހުން ފައިސަލްއަށް ފާރަލައިފިނަމަ ފެންނާނީ ޝިފާލީއާއެކު ފެންނާނެއެވެ. ގެސްޓްހައުސްގެ ކުރިމަތިން އަތިރިމަތީ ހުރި ގޮނޑިތަކުގައި އެ މީހުން ވާހަކަދައްކަން ތިބެއެވެ.
ފައިސަލްއާއި ޝިފާލީ ވާހަކަދައްކަން ފެށުނީ ފުރަތަމަ ޝޯ ދީފައި އައި ރެއެވެ. ޝޯ ނިންމާފައި ގެސްޓްހައުސްއަށް އެންމެންނަށް އާދެވުނު އިރު ވެސް އެކެއް ޖަހައިފިއެވެ. ވަރުބަލިވެފައި ތިބިވަރުން އެންމެން ވެސް ކޮޓަރިތަކަށް ވަނީއެވެ. ހަ އަންހެން ކުދީން ތިބިއިރު ކޮންމެ ދެ އަންހެން ކުއްޖަކަށް ހުރީ ކޮޓަރިއެކެވެ. ދެން އުޅޭ ދެ ފިރިހެނުން ތިބީ ވަކިންނެވެ. ޝިފާލީއާއި ފަރީލާ ތިބީ އެކީގައެވެ. ޝޯ ނިންމާފައި އައިސް ފެންވަރާލައިގެން ފަރީލާ ކޮޓަރިން ނުކުމެއެވެ. އޭނާ އެ ދަނީ ހުސެން ކައިރިޔަށްކަން ޝިފާލީއަށް އެނގެއެވެ. ވަރުބަލިވެފައި ހުއްޓަސް ނިދަން ފަސޭހަނުވެގެން ޝިފާލީ ނުކުތީ ބެލްކަންޏަށެވެ. އެއްފަރާތުގައި ހުރި ކުޑަ ގޭގެ ތެރެއިން ނުކުމެ ހުރި ފައިސަލް އޭނާއަށް ފެނުނެވެ. ކޮޓަރިން ނުކުމެގެން ޝިފާލީ އައިސް ހަޓުތެރެއަށް ވަނެވެ. ފައިސަލްއަށް ގޮވާލުމުން އޭނާ ވެސް އައިސް ޝިފާލީގެ ކައިރީ ހަޓުގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީނެވެ. އެ ހިމޭން ދަންވަރުގައި އެ ދެ މީހުން އެތަނުގައި ތިބިކަމެއް އެނގޭ މީހަކަށް ހުރީ އަހަރެންނެވެ. އަހަރެންގެ ދެ ލޮލަށް ޝިފާލީގެ އެއްވެސް ކަމެއް ވަންހަނާވެގެން ނުވާ ކަހަލައެވެ. އެހެންވިޔަސް އަހަރެންނަށް ވެސް އިޙްސާސް ކުރެވެނީ އަހަރެން ވެސް މިބަލަނީ ޝިފާލީ ކައިރީގައި ހުރި އިތުރު މީހެއްގެ ލޮލުން ކަމެވެ. ސީދާ އަހަރެން މިހުރީ ޝިފާލީގެ ގައިތެރެއަކު ނޫނެވެ.
ގެސްޓްހައުސްގެ ގޯތި ތެރޭގައި ޖާގަ އޮތުމުން ޝޯ ދޭން ދިއުމުގެ ކުރީން ޕްރެކްޓިސް ކުރުން އޮވެއެވެ. އެރެއެއްގެ ޝޯއަށް ކުރިޔާލާ ތައްޔާރުވުން އޮވެއެވެ. އެހިސާބަށް މީހުން ނާންނާތީ އަޑުގަދަކޮށް ލަވަ ޖަހައި ހެދުމަކުން އުނދަގޫވެގެން ޝަކުވާކުރާނޭ ބަޔަކު ނާދެއެވެ. ގުރޫޕުގައި އެންމެ ރީތިކޮށް ނަށާ އަންހެންކުއްޖަކަށް ޝިފާލީވެއެވެ. ހަމައެއާ އެއްވަރަށް އޭނާ ލަވަކިޔާއިރު އަޑު އަހާލަން ފަސޭހަގޮތެއް ހުރެއެވެ. ބައެއް ކަހަލަ ހުނަރަކީ ދަސްނުކުރިޔަސް މީހާއަށް ލިބިފައި ހުންނަ ހުނަރެވެ. ޝިފާލީއަކީ ވެސް އެކަހަލަ ހުނަރުވެރި އަންހެންކުއްޖެކެވެ. ގިނަބައެއްގެ ތަރުޙީބު ލިބި ގުރޫޕުގައި އެންމެ އަވަހަށް ކުރިއަރައި މަޤްބޫލުކަން ހޯދި އަންހެންކުއްޖަކީ ޝިފާލީއެވެ. ފަހު ޝޯ ދޭން އޮތް ދުވަހު ވަރަށް ވިއްސާރަވިއެވެ. އެހެންވެ އެދުވަހު ޕްރެކްޓިސް ވެސް ބޭއްވޭ ގޮތެއްނުވިއެވެ. އެރޭ ޝޯ ބަލަން އައި މީހުން ވެސް މަދެވެ. ވާރޭ ވެހޭތީއެވެ. އެހެންވިޔަސް ޝޯ ނިންމާލީ އެހެން ރޭރެއެކޭ އެއްގަޑީގައެވެ.
ފެންވަރާލައިގެން ޝިފާލީ އައިސް ވަނީ ބަދިގެއަށެވެ. ކޮފީއެއް ހެދީ ފިނިވެފައި ހުރިވަރުންނެވެ. ވާރޭ ވެހޭއަޑު އިވެއެވެ. އެހެންވިޔަސް ކޮފީޖޯޑު ހިފައިގެން އޭނާ އައިސް ގެސްޓްހައުސްގެ މައިދޮރު ހުޅުވައި ބޭރަށް ނުކުތެވެ. ހަޓުތެރޭގައި މީހަކު ހުރިކަމުގެ ހިޔަނި ފެންނަން ހުއްޓެވެ. ބޭރުގައި މީހުން ނޫޅެންޏާ ހުރިހާ ތަނެއް ދިއްލާފައި ނުބަހައްޓައެވެ. އެހެންވެ ހަޓުތެރެ ވެސް އޮތީ އަނދިރިކޮށެވެ. ޝިފާލީގެ ފަހަތުން ގެސްޓްހައުސްގެ މައިދޮރު ލައްޕާލިއެވެ. އަދި ވާރޭގަނޑު ތެރޭ ދުވަމުން އައިސް ހަޓަށް ވަންއިރު ކޮފީޖޯޑުން ބައެއް ބަންޑުން ވެސް ވެއްޖެއެވެ.
"ތީ ކޯއްޗެއް." ފައިސަލްގެ އަޑު އިވުނެވެ. އޭނާ ހުރީ ހަޓުގެ ވަށައިގެންވާ ރެއިލިންގް ކައިރީ މަޑުކޮށްލައިގެންނެވެ.
"ކޮފީބޯން އުޅުނީ. އެކަމަކު މިހާރު މިހުރީ ވާރޭފެނުގެ ކޮފީއަކަށް ވެފައި." ޝިފާލީ މިހެން ބުނެ ގޮނޑިތައް ކައިރީ ހުރި ތިރި ކޮފީމޭޒުމަތީ ޖޯޑު ބެހެއްޓިއެވެ. އަދި އައިސް ފައިސަލްގެ ކައިރީ މަޑުކޮށްލިއެވެ. އެހިނދު އަސްކަނިން ފައިބަމުންދިޔަ ފެންތަކުގެ ތެރެއަށް ފައިސަލް އަތްދިއްކޮށްލާފައި ފެންގޮށްޓެއް ޝިފާލީގެ މޫނަށް ބުރުވާލިއެވެ.
"ފައިސަލް... އެހާ ފިނިވެފައި ހުއްޓާ." ޝިފާލީ މޫނު ފުހެލަމުން ބުނެލިއެވެ.
"ހޫނުކޮށްލަ ދޭންވީތަ؟." ފައިސަލް ޖެހިލީ ޝިފާލީގެ ކައިރިޔަށެވެ. އަތުގައި ހިފާލަމުން ފައިސަލްގެ ގާތަށް ޝިފާލީ ގެނައެވެ. އަދި ފައިސަލްގެ ދެއަތުގެ ތެރޭ އެ އަންހެންކުއްޖާ ހައްޔަރުކޮށްލައިފިއެވެ.
ޝިފާލީއަށް ފައިސަލް ލޯބި ހުށަހެޅީ އެރެއެވެ. ޝިފާލީ މަޑުކުރާނެނަމައޭ ފައިސަލް ބުންޏެވެ. އަހަރެންނަށް ހިންދިރުވާލެވުނެވެ. ފައިސަލްއާ އަހަރެންގެ ދެމެދުގައި ވެސް ގުޅުން ފެށުނީ ހަމަ ހަޓުގެ ތެރެއިންނެވެ. އެއްކަހަލަ މަންޒަރުތަކެއް ތަކުރާރުވާ ކަހަލައެވެ. އެހެންޏާ ފައިސަލް ގާތްނުވާހާ ބޮޑަށް އެރޭ ޝިފާލީއާ އޭނާ ގާތްކަން ބޭއްވިއެވެ. ހިތުން ފައިސަލްއަށް ޓަކައި ޖާގައެއް ދެވިފައިވާތީ އޭނާގެ އިސްނެގުންތައް ޝިފާލީ ނުހުއްޓުވިއެވެ. ނަމަވެސް އިސްވެ ފައިސަލް ދުރަށް ޖެހިލިތަން ފެނުނެވެ.
ރަށުގައި ތިން ޝޯ ދީފައި އަނެއް ދުވަހު ހެނދުނު ސައިބޮއެގެން ފުރަން ހަމަޖެހިފައި އޮތެވެ. ވިއްސާރައެއް ކަމަކު ދަތުރު ނުކުރެވޭހާ ގަދަނޫންވީމަ ފުރުން ލަހެއްނުކުރިއެވެ. ނަމަވެސް ފަރީލާއާއި ހުސެން އިތުރު ހަފްތާއެއް އެ ރަށުގައި މަޑުކުރަން ނިންމީއެވެ. އެގޮތަށް އެކަންވުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރީ ޝިފާލީއެވެ. ފަރީލާ މަޑުކުރާއިރު އެމީހުންނާއެކީ ޝިފާލީ މަޑުކުރުމަކީ ގުރޫޕުގެ ދެން ތިބި މީހުން ސުވާލު އުފެދުނު ކަމެއްނޫނެވެ. ފަރީލާއާއި ޝިފާލީގެ އެކުވެރިކަން އެނގޭތީއެވެ. އަދި އެމީހުންނާ ހަވާލުވެ ހުސެން ހުރުމަކީ ދެ އަންހެންކުދީންނަށް ލިބޭނެ ރައްކާތެރިކަމެއްކަން އެމީހުން ޤަބޫލުކުރެއެވެ. އެންމެން އެނބުރި މާލެ އައުމަށް އެ ރަށުން ފުރީ އެ ތިން މީހުން ނުލައެވެ. ޝިފާލީ މަޑުކުރަން އެހާ ބޭނުންވީ ސަބަބަކަށްވީ ފައިސަލްގެ ހުށަހެޅުމެވެ. އެ ލޯތްބާ ދުރަށް ދާން ބޭނުންނުވީއެވެ.
ގެސްޓްހައުސްގައި ތިބި މީހުން ޢީދު ނިމުމުން ދާންފެށުމުން ވަގުތީ ގޮތުން މުޅި ގެސްޓްހައުސް ހުސްވިއެވެ. އެތަނުގައި ހަމައެކަނި ތިބީ ފަރީލާއާއި ހުސެންގެ އިތުރުން ޝިފާލީއެވެ. އެބައެއް ބޭނުންވާ މިނިވަންކަން އެބަޔަކަށް ލިބުނު ފަދައެވެ. ރަށުތެރޭގައި ހުސެންއާއެކީ ފަރީލާ އުޅޭއިރު ކޮންމެ ފަހަރަކު އެމީހުންނާއެކީ ޝިފާލީ ނުދެއެވެ. ދުވާލުގެ ގިނަވަގުތު ފަޒީލު ގެސްޓްހައުސްއަށް އައިސް އުޅޭތީ ޝިފާލީގެ ފޫހިފިލުވައިދޭ ބައިވެރިއަކަށް ފަޒީލު ވެއެވެ. ފަރީލާއާއި ހުސެންނަށް ހީވެފައި އޮތީ ޝިފާލީގެ ޝައުގުވެރިކަން ހުރީ ފަޒީލަށް ކަމެވެ. އެމީހުންނަށް ގިނައިން ފެންނަނީ ވެސް އޭގެ ދެ މީހުން ސަކަރާތްޖަހަން ތިއްބައެވެ. އެކުގައި ވަގުތު ހޭދަކުރާތަނެވެ. ޝިފާލީގެ ކައިރީ އޭގެ ދެމީހުން އަޅުވާކިޔުމަކީ ފަރީލާގެ އާދައަކަށް ވެއްޖެއެވެ.
އަހަރެންނަށް ހުރެވުނީ ގެސްޓްހައުސްގެ އަހަރެންގެ ކޮޓަރީގައެވެ. ދޮރުގައި ޓަކި ޖަހާ އަޑު އިވުނެވެ. އެކަމަކު އަހަރެންނަށް ފެނުނީ ދޮރުހުޅުވަން ޝިފާލީ ދާތަނެވެ. އަހަރެން އޭނާގެ ކައިރިޔަށް ޖެހިލީމެވެ. ދޮރު ހުޅުވިއިރު ދޮރުމަތީ ހުރީ ފައިސަލްއެވެ. އޭނާ ޖަހާފައި ހުރި ސެންޓުގެ ވަސް އަހަރެންނަށް ދުވިއެވެ. އެ ވަހަށް ބަދަލެއް ނާދެއެވެ. ކޮޓަރިތެރެއަށް ވަންނަން ޝިފާލީ ދަޢުވަތު ދިނެވެ. ފައިސަލްގެ ޖާދުވީ ލުއި ހިނިތުންވުން ފާޅުވެލިއެވެ. އަހަރެންނަށް ވެސް ހިނިތުންވެވުނު ފަދައެވެ. އޭނާ ވަނުމުން ޝިފާލީ ދޮރު ލައްޕާ ތަޅުލިއެވެ. ކޮޓަރިތެރޭގައި ހުރި ޓީވީއިން އިވެމުންދިޔައީ ލޯބީގެ ހިންދީ ލަވައެއްގެ އަޑެވެ. ޝިފާލީ އައިސް އެނދުގައި އިށީނެވެ. ފައިސަލް އިށީނީ ޝިފާލީގެ ގާތުގައެވެ. އަހަރެންގެ މެޔަށް ފިނިވެލިއެވެ. ހިތަށް އުނދަގޫވިއެވެ. އެ ދެ މީހުންގެ ގާތްކަން ފެނިފައެވެ. ނަމަވެސް އަހަރެންނަށް އެ މަންޒަރު ބަލަން ހުރުން ފިޔަވައި އެހެން އިޚްތިޔާރެއް ނެތެވެ. ފައިސަލްގެ ފަރާތުން ފެންނަމުންދިޔަ ގާތްކަން އަހަރެން ތަޖުރިބާކޮށްފައިވާތީ އެ އިޙްސާސްތަކުގެ އަސަރު އަހަރެން ވަރަށް ރަނގަޅަށް ދެނަހުރީމެވެ. ޝިފާލީއެކޭ އަހަރެންނެކޭ ތަފާތެއްނެތޭ ހިތަށް އެރިއެވެ. އަހަރެމެން ދެ މީހުން ވެސް މިވަނީ ފައިސަލްއަށް ނޫނެކޭ ބުނަންވީ ވަގުތު އެފަދައިން ކަންތައް ނުކުރެވިފައެވެ. އަހަރެން ލޯ މަރާލަން ބޭނުންވިއެވެ. ލޯ މެރުނުކަމެއް ނޭނގުނަސް އަހަރެންނަށް ތަނެއް ނުފެނި އިރުކޮޅެއްވިއެވެ. ލޮލަށް ފެންނަން ފެށިއިރު އަހަރެންނަށް ފެނުނީ އެނދުގައި ފައިސަލްގެ އަތުގެ ތެރޭގައި އިން ޝިފާލީއެވެ.
"ފައިގަ އަނގޮއްޓި އެޅީމަ ވަރަށް ސެކްސީ. ޝިފޫގެ އިނގިލިތައް ވެސް ދިގުކޮށް ހުންނާތީ." ޝިފާލީގެ ފައިތިލައިގައި ފައިސަލްގެ ފައި އަޅުވާލިއެވެ. އަހަރެންގެ ނަޒަރު ޝިފާލީގެ ފައިތިލައަށް ދަތުރުކޮށްލިއެވެ.
"ފަރީ ގެނެސްދިން ހަދިޔާއެއް މީ. އޭނާ ހުންނަ ގޮތް ފެނެއެއްނު. ނުތޮރުފާ ތަނެއް ހުރިހެނެއް ހިޔެއްނުވޭ. އޭނާ ފައިގައި އަނގޮއްޓި އަޅާތީ އަހަރެންވެސް އެޅުވީ. އެކަމް ނަށަންވީމަ ނަގަން. އެހެންނޫނީ ބައެއް ސްޓެޕްތައް ހަދާއިރު އުނދަގޫވޭ." ޝިފާލީ ފަޔަށް ބަލަހައްޓައިގެން އިނދެ ވާހަކަދެއްކިއެވެ.
ޝިފާލީގެ ކަނާތުފައިގެ މެދު އިނގިލީގައި އިން ރިހި އަނގޮއްޓި އަހަރެން ދުށީމެވެ. ފީރޯޒުކުލައިގެ ކުދި އެސްތަކެއް ޖަހާފައެވެ. އަހަރެން އަޖައިބުވިއެވެ. އަހަރެންގެ ކަނާއަތު ފައިގެ މެދު އިނގިލީގައި ފައިސަލް އެޅުވީ ހަމަ އޭގެ އަނގޮއްޓިއެކެވެ. އަނެއްކާ އެއީ ޝިފާލީގެ ފައިގައި އިން އަނގޮއްޓިބާއެވެ. އެހެން ހިތަށް އެރިއެއްކަމަކު ޔަގީންކުރަން ފަސްޖެހުނެވެ. ސުވާލު އުފެދުނީ އަހަރެމެން ދެ މީހުންގެ އެއް ފައެއްގައި ހަމަ އެއް އިނގިއްޔެއްގައި އެއްކަހަލަ އަނގޮއްޓިއެއް އަޅަން ޖެހުނީމައެވެ.
"ޝިފާލީއާ އަހަރެންނާ ގުޅުމެއް ވަނީތަ؟." އަހަރެންގެ އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ. މަންޒަރުތައް ފެނުނަސް އަހަރެންނަށް އަދިވެސް މިވަނީ ކިހިނެއްކަމެއް ނޭނގެއެވެ. ޝިފާލީއާއި ފައިސަލްގެ ދެމެދުގައި އޮތީ އަހަރެންނާއި ފައިސަލްއާ ދެމެދުގައި އޮތްފަދަ ގާތް ގުޅެއްމެކަން ދޭހަވެއްޖެއެވެ. ފައިސަލްގެ ވާހަކައިން އޭނާގެ ހަޔާތުން އަންހެންކުއްޖެއްގެ ނަސީބު ލިބިފައެއް ނެތެވެ. ކުރީން ލޯބިވެރިޔަކު ހުރިކަމެއް ނުބުނެއެވެ. އެކަމަކު އަހަރެންގެ ކުރީން ލޯބިވެރިޔަކު ހުރިކަން ފައިސަލް އެހުމުން ކިޔާދިނީމެވެ. ޝިފާލީއާ އޮތް ގުޅުން ފައިސަލް އަހަރެންނަށް ސިއްރު ކުރީ ކީއްވެބާއެވެ. ކުރީގެ ލޯބިވެރިއަކު ހުއްޓޭ ފައިސަލް ބުންޏަސް އަހަރެން މައްސަލައެއް ނުޖައްސާނަން ވިއްޔާއެވެ.
(ނުނިމޭ)