ފިނިޕޭޖް

ކާލީ ކްލޮސްއަށް ދެވަނަ ދަރިއަކު ލިބިއްޖެ

ސުޕާމޮޑެލް އަދި "ޕްރޮޖެކްޓް ރަންވޭ"ގެ ހޯސްޓް ކާލީ ކްލޮސް، 30، އަށް ދެވަނަ ދަރިއަކު ލިބިއްޖެ އެވެ.

ކާލީގެ ފިރިމީހާ ޖޯޝުއާ ކޫޝްނާ، 38، ވަނީ ޖުލައި 11 ވަނަ ދުވަހު މި ހަބަރު އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. ޖޯޝުއާގެ ޕޯސްޓްގައި "ދުނިޔެއަށް މަރުހަބާ"އޭ ލިޔެ ބޭބީގެ ފޮޓޯ ހިއްސާކޮށްފައިވެ އެވެ.

މި ދެމަފިރިންނަށް ކުރިން ލިބުނު ދަރިފުޅު ލީވައި އަށް މިހާރު ވަނީ ދެ އަހަރު ފުރިފަ އެވެ.

ކާލީ ދެވަނަ ދަރިއަކަށް މާބަނޑުކަން ހާމަކޮށްފައިވަނީ މިދިޔަ މެއި މަހު ބޭއްވި މެޓް ގާލާ ގައެވެ.

ގާލާއަށް ކާލީ ލައިގެން ހުރީ ލޮއޭވްގެ އަތްދިގު ކަޅުކުލައިގެ ގަޔަށް ބާރު މަހުމާ ގައުން އެކެވެ. އެ ގައުންގައި ޕާލް ފަތްތަކެއް ކަރުގައާއި އުނަގަނޑުގައި އަޅާފައި ހުއްޓެވެ.

ފުރަތަމަ ދަރިފުޅު ލިބުނުފަހުން ދިން އިންޓަވިއުއެއްގައި ކާލީ ބުނީ މަންމައަކަށް ވުމުން އޭނާގެ ހަޔާތުގެ ހުރިހާ ކަމެއް ބަދަލުވެ ދިރިއުޅުން ފުރިހަމަވެއްޖެ ކަމަށެވެ. އަދި ކުރިއަށް ވުރެ ބޮޑަށް މިހާރު ވަގުތު މެނޭޖުކުރަން އެނގޭ ކަމަށްވެސް ބުންޏެވެ.

ކާލީ ބުނީ އޭނާ، ޖޯޝުއާއާ ލޯބީގެ ގޮތުން ގުޅުނީ އުމުރުން 19 އަހަރުގައި ކަމަށެވެ. މި ދެ ލޯބިވެރިން ކައިވެނި ކުރީ 2018 ގައެވެ.

ކާލީ އަކީ މޮޑެލްކުރުމުގެ އިތުރުން ސޮފްޓްވެއާ ކޯޑިން ކިޔަވައިގެން އެކަމުގެ ޝައުގުވެރިކަމާއި ފިލެންތްރޮޕީއަށް ލޯބިކުރާ މީހެކެވެ. އަންހެން ކުދިންނަށް ކޯޑިން ދަސްކޮށްދީ، މަގުފަހިކޮށްދިނުމުގެ ގޮތުން "ކޯޑް ވިތް ކްލޮސީ"ގެ ނަމުގައި ކާލީ އަކީ ކޭމްޕްތައް ވެސް ބާއްވާ މީހެކެވެ. އަދި ސްކޮލަޝިޕް ފުރުސަތުތައް ފޯރުކޮށްދެ އެވެ.

މީގެ އިތުރުން ކާލީއަކީ ޕްރޯބައޮޓިކް ކުންފުނި ސީޑް އާއި ދަ ޑެއިލީ ފްރަންޓް ރޯގެ އިންވެސްޓަރެކެވެ. ޖޯޝުއާ އަކީ ޑޮނަލްޑް ޓްރަމްޕްގެ ދަރިފުޅު އިވަންކާ ޓްރަމްޕްގެ ފިރިމީހާ ޖެރެޑް ކޫޝްނާގެ ކޮއްކޮ އެވެ. އޭނާ އަކީ ޓެކްނޮލޮޖީ، ރިއަލް އިސްޓޭޓް އަދި ފައިނޭންސް ދާއިރާގެ ކުންފުނިތައް ހިންގާ / ހިއްސާ އޮންނަ ވިޔަފާރިވެރި އެކެވެ.