ފިނިޕޭޖް

ހޮލީވުޑްގެ ލިޔުންތެރިންނާއެކު ފިލްމީތަރިންވެސް އިހްތިޖާޖުކުރަނީ

ހޮލީވުޑްގެ ލިޔުންތެރިންނާއެކު ފިލްމީ ތަރިންވެސް އިހްތިޖާޖުކުރަން ފަށައިފި އެވެ.

ރައިޓާސް ގިލްޑް އޮފް އެމެރިކާ (ޑަބްލިއުޖީއޭ)ގެ ލިޔުންތެރިންގެ ކޮންޓްރެކްޓްތަކާ ގުޅޭގޮތުން މިއަހަރުގެ މެއި ދެވަނަ ދުވަހުން ފެށިގެން އިހުތިޖާޖު ކުރިއަށްދާއިރު، ސްކްރީން އެކްޓާސް ގިލްޑް އެންޑް އެމެރިކަން ފެޑެރޭޝަން އޮފް ރޭޑިއޯ އާޓިސްޓްސް (ސެގް – އަފްޓްރާ) އިންވެސް ކޮންޓްރެކްޓްތަކާ ގުޅޭގޮތުން މިހާރު ވަނީ އިހްތިޖާޖްކުރަން ފަށާފަ އެވެ.

މި ދެ ގިލްޑްވެސް އިހުތިޖާޖްކުރަނީ ދި އެލާޔަންސް އޮފް މޯޝަން ޕިކްޗާ އެންޑް ޓެލެވިޝަން ޕްރޮޑިއުސާސް (އޭއެމްޕީޓީޕީ)އާ އިދިކޮޅަށެވެ.

މިދިޔަ ހުކުރު ދުވަހު މި އިހުތިޖާޖްގެ ވާހަކަ އިއުލާންކުރަމުން، ސެގްގެ ރައީސާ ފްރޭން ޑްރެޝާ އާއި ސެގް – އަފްޓްރާގެ ނެޝަނަލް އެގްޒަކްޓިވް ޑައިރެކްޓާ އެންޑް ޗީފް ނިގޯޝިއޭޓާ ޑަންކަން ކްރޭބްޓްރީ-އަޔާލޭންޑް ބުނީ އިހުތިޖާޖްކުރަން މަޖުބޫރުވީ، ކޮންޓްރެކްޓްތަކުގައި މިހާރު ބަދަލުވެފައިވާ ބިޒްނަސް މޮޑެލްއާ އެއްގޮތަށް ފައިސާއާ ގުޅޭ ބައެއް ކަންކަމަށް ބަދަލު ގެނެސްފައި ނުވާތީ ކަމަށެވެ.

ސެގް – އަފްޓްރާ އާއި އޭއެމްޕީޓީޕީ މީގެ ކުރިން އެއްބަސްވެފައިވަނީ ވަކި ގޮތެއް ނިމެންދެން ޖޫން 30، 2023 ގައި ހަމަވާ ކޮންޓްރެކްޓްތަކުގެ މުއްދަތު 12 ދުވަހަށް އިތުރުކުރުމަށެވެ. ޑެޑްލައިން ހަމަވުމުގެ ކުރިން މީޑިއޭޝަންއަށް އެއްބަސްވީ ކަމަށް ސެގްއާފްޓްރާއިން މިދިޔަ އަންގާރަ ދުވަހު އިއުލާންކުރި އެވެ. އެމްޕީޓީޕީން އެ ގިލްޑަށް އެންގުމުގެ ކުރިން އެކަން މީޑިއާތަކަށް ލީކުކުރި ކަމަށް ބުނެ، ސެގް-އާފްޓްރާއިން ބުނީ އެމީހުން ބޭނުންހާ ގޮތަށް މެނިޕުލޭޓްކޮށްގެން ކަންކަން ނުކުރެވޭނެ ކަމަށެވެ. މި މުއްދަތުގައި އޭއެމްޕީޓީޕީން ސެގް-އަފްޓްރާ ހިތްހަމަޖެހޭފަދަ ހައްލެއް ހޯދައިނުދެވުމުން އެ ގިލްޑުންވެސް ރައިޓާސް ގިލްޑާ އެއްގޮތަށް އިހުތިޖާޖްކުރަން ފެށީ އެވެ.

އޭބީސީ ނިއުސްއިން ބުނި ގޮތުގައި އޭއެމްޕީޓީޕީ ބުނީ ތާރީހީ އަދަދަށް މުސާރައާއި ރެސިޑުއަލް އިތުރުކޮށް، ޕެންޝަން އަދި ހެލްތް އިންޝުއަރަންސްގެ މަދުވެގެން ދޭންވާ އަދަދު މަތިކޮށް، އޮޑިޝަން ޕްރޮޓެކްޝަން، ސީރީޒްގެ އޮޕްޝަން މުއްދަތު ކުރުކޮށް، އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ތަރިންގެ ޑިޖިޓަލް ސިފަ ރައްކާތެރިކުރުން ފަދަ ގިނަ ކަންކަމާއެކު ހުށަހެޅި ހުށަހެޅުން ކަމުނުގޮސް، މަޝްވަރާ ބައްދަލުވުމުން ސެގް-އާފްޓްރާއިން ނިކުމެގެން ދިޔައިމާ އެކާ ހިތާމަ ފާޅުކުރާ ކަމަށެވެ.

އޭއެމްޕީޓީޕީން އިތުރަށް ބުނީ އެމީހުންގެ ހުށަހެޅުންތައް ގަބޫލުނުކުރުމުން، މި އިންޑަސްޓްރީން ހޯދާ އާމްދަނީން ކައިބޮއި އުޅޭ މީހުންނަށް ވަރަށް ބޮޑެތި މާލީ ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

ރައިޓާސް ގިލްޑްގައި 11،500 އަށް ވުރެ ގިނަ މެންބަރުން ތިބޭއިރު، ސެގް-އަފްޓްރާގައި 160،000 މެންބަރުން ތިބެ އެވެ. ލިޔުންތެރިންގެ އިހުތިޖާޖާ ގުޅިގެން އެތައް ފިލްމަކާއި ސީރީޒަކާއި ޝޯތައް ހުއްޓިފައިވާއިރު، ސެގް-އަފްޓްރާގެ އިހުތިޖާޖުން އަސަރުކުރާނެ މިންވަރު އަދި ދެނެގަންނާކަށް ނޭނގެއެވެ.

މީގެ ކުރިން މި ދެ ގިލްޑް އެއްފަހަރާ އިހުތިޖާޖްކޮށްފައިވަނީ 1960 ގައެވެ. އޭރު ސެގްގެ ރައީސްގެ ގޮތުން މި އިހުތިޖާޖް ލީޑްކުރީ ކުރީގެ ފިލްމީ ތަރި އަދި އެމެރިކާގެ ރައީސް ރޮނަލްޑް ރޭގަން އެވެ. މި އިހުތިޖާޖްގެ ސަބަބުން، ލިޔުންތެރިންނަށާއި އެކްޓަރުންގެ ހައްގުތައް ހިމާޔަތްކުރުމަށް ބޮޑެތި ކުރިއެރުން ލިބުނެވެ.