ދުނިޔެ

ކެމްޕޭނަށް ޚަރަދުކުރަން 77 މިލިއަން ޑޮލަރު އެބަހުރި: ބައިޑަން

އެމެރިކާގެ ރައީސް ޖޯ ބައިޑަން ދެވަނަ ދައުރަކަށް އަންނަ އަހަރު -- 2024 ގައި އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ އެވެ. އޭނާ ވަނީ އާ ދައުރަކަށް އޭޕްރީލް 25 ގައި ކެމްޕޭން ފައްޓަވާފަ އެވެ.

ޖޯ ބައިޑަންއަށް ރައީސްކަމުގެ ދެވަނަ ދައުރެއް ހޯދައިދިނުމަށް ކެމްޕޭން ކުރާ ޓީމުން ބުނާ ގޮތުން ބައިޑަން އިޝްތިހާރުކުރުމަށް 77 މިލިއަން ޑޮލަރު -- ކެމްޕޭން އެކައުންޓްގައި އެބަހުއްޓެވެ.

މިއީ ޖޯ ބައިޑަން ކެމްޕޭން ފެއްޓެވި ފަހުން އެއްކުރި ފައިސާ ކަމަށް އެ ޓީމުން ބުނެ އެވެ.

އެމެރިކާގައި އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީން ވާދަކުރައްވާ ކެންޑިޑޭޓަކީ މިހާރުގެ ރައީސް ޖޯ ބައިޑަން އެވެ. ރިޕަބްލިކަނުން އަދި ވަކި ކެންޑިޑޭޓެއް ޚާއްސަކޮށްފައި ނެތް ނަމަވެސް، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކެމްޕޭން ފައްޓަވާފަ އެވެ.

މީގެ އިތުރުން ފްލޮރިޑާގެ ގަވަރުނަރު ރޮން ޑިސާންޓިސް ވެސް ހުންނެވީ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓަކަށް ވުމަށް ތައްޔާރަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން 2024ގެ ކެމްޕޭނަށް ކެންޑިޑޭޓުން ވަރަށް ބޮޑު ހޭދައެއް ކުރާނެ އެވެ. އެމެރިކާގެ ތާރީޚްގައި ވެސް އެންމެ ގިނަ ފައިސާ ކެމްޕޭންކުރުމަށް ހޭދަކުރާނެ ކަމަށް ވަނީ މިއަންނަ އަހަރެވެ.

ބައިޑަންއަށް ދެވަނަ ދައުރެއް ދިނުމާ މެދު އޭނާގެ ޕާޓީން އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓަކަށް ވުމަށް އެންމެ ފަސޭހަވާނެ ކަމަށް ބުނެވެނީ ބައިޑަން އަށެވެ.

އަނެއްކޮޅުން ރިޕަބްލިން ޕާޓީން ވާދަކުރަން އެދޭ ކެންޑިޑޭޓުން ގިނަވުމުން ވަކި ގޮތެއް ނިންމުން ޕާޓިއަށް ދަތިވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ޚަބަރުތައް ބުނެ އެވެ.

ރިޕަބްލިކަން ޕާޓީގެ ރަސްމީ ކެންޑިޑޭޓުގެ މަގާމު ލިބިވަޑައިނުގެންފި ނަމަ އަމިއްލަ ކެންޑިޑޭޓެއް ގޮތުގައި ވެސް އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާގެ ސިޔާސީ މަސްރަހު އަންދާޒާކުރާ މީހުން ގަބޫލުކުރާ ގޮތުގައި އިންތިހާބަށް ކެމްޕޭން ކުރުމަށް އެންމެ ގިނަ ފައިސާ ލިބިވަޑައިގަންނަވާނި ޖޯ ބައިޑަން އަށެވެ. އެއީ އާންމު ހާލަތުގައިވެސް ވާގޮތް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ރައީސްގެ މަގާމުގައި ހުންނަވާ މީހަކަށް ކެމްޕެން ފައިސާ -- ހެޔޮ އެދޭ ކުންފުނިތަކާއި ވިޔަފާރިވެރިންގެ ފަރާތުން ވެސް ލިބެ އެވެ.