ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މަޝްރޫއުތައް ހިންގާނީ ރައްޔިތުން އެދޭ ގޮތަކަށް: ރައީސް

މިސަރުކާރުން ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭނީ ގިނަ ރައްޔިތުން އެކަމެއް ކުރަން ބޭނުންވާ ގޮތަށް ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ކެމްޕޭން ދަތުރެއްގައި މިއަދު ވ. ފުލިދޫއަށް ވަޑައިގެން ރައީސް ވިދާޅުވީ ރައްޔިތުންގެ ފަރާތުން ބޭނުންވާ ކަންކަން ހުށަހެޅުމުން ރައްޔިތުން އެދޭގޮތަށް އެކަން ކޮށްދިނުމަށް ސަރުކާރަށް ކޮށްދެވެން އޮތް އެންމެ ރަނގަޅަށް އެކަމެއް ކޮށްދޭނެ ކަމަށެެވެ. ރައްޔިތުންނަށް ކުރމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމުގައި މަޝްވަރާކުރައްވައިގެން ހައްލު ހޯދުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމުގައިވެސް ވިދާޅުވި އެެވެ.

"ރައްޔިތުން ބޭނުންވާ ކަމެއް އަޅުގަނޑަށް ހުށަހެޅުމުން އެކަމެއް ބަލައި، ސަރުކާރުގެ ބަޖެޓުން އެކަމެއް ކުރުމުގެ މަސަތްކަތް ފަށާނަން. ރާއްޖޭގެ ހުރިހާ ރަށެއްގައި، އެރަށަކަށް ބޭނުންވާ އަސާސީ ހިދުމަތް އަދި ތަރައްގީގެ މަޝްރޫއުތައް ރައްޔިތުން ބޭނުންވާ ގޮތަށް ފުއްދައިދިނުމަށް މަސައްކަތް ކުރުމަކީ އަމާޒެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ބައެއް ރަށްރަށުން އަގުލަބިއްޔަތު ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް އެއްވެސް ރަށެއް އެކަހެރި ނުކޮށް ރަށްރަށުގައި މަޝްރޫއުތައް ހިންގާފައިވާނެ ކަމަށެވެ.

"ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އެއްވެސް ރަށެއް އަޅުގަނޑު ބާކީކޮށްފައެއް ނުވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު 2018ގައިވީ ވައުދުތަކުގެ ތެރެއިން ފުއްދައިދެވިފައި ނުވާ ވައުދުތަކާ ގުޅޭ މަސައްކަތްތައް ފެށުމަށް ކޮންޓްރެކްޓްތަކުގައި ސޮއިކުރުމުގެ މަރުހަލާތައް ނިމި މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި އެ މަޝްރޫއުތައް ވީހާވެސް އަވަހަށް ނިންމާ، ރައްޔިތުންނަށް ހެޔޮ ބަދަލެއް ފެންނަވަރު ކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ. ތަރއްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ސަރުކާރަށް ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"މިރަށުގެ ރައްޔިތުން މިކަމާ ވިސްނާ ފިކުރުކުރުމަށް އަޅުގަނޑު ގޮވާލަން،" ރައީސް ވިދާޅުވި އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވ. އަތޮޅުން ވަކިން ހާއްސަކޮށް ފެލިދޫ އިން ރަނގަޅު ކާމިޔާބެއް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމުގައިވެސް ރައީސް ވިދާޅުވެފައިވެ އެވެ.