މަރު

ސަފާރީއެއްގެ ވާ ނައްޓަން އުޅެނިކޮށް މީހަކު މަރުވެއްޖެ

ގދ. ގައްދޫ ބޭރުގައި އޮތް ސަފާރީއެއްގެ ވާ ނައްޓަން އުޅެނިކޮށް މީހަކު މަރުވެއްޖެ އެވެ. އެމީހާ މަރުވެފައިވަނީ ފުޅި އަޅައިގެން ވާ ނައްޓަން އެރި މޫދަށް އެރި އުޅެނިކޮށެވެ. މި ހާދިސާގައި މަރުވެފައިވަނީ ގައްދޫ ފެމޯރާ، އަހުމަދު ރަޝީދު، 24އ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ގައްދޫ ބޭރުގައި އަޅާފައި އޮތް ސަފާރީއެއްގެ ނަގިލި ވާގަނޑު ނައްޓަން އުޅުނު މީހަކު މަރުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ފުލުހުންނަށް މި މައްސަލަ ރިޕޯޓްކޮށްފައިވަނީ 3:25ގަ އެވެ.

ފުލުހުން ވިދާޅުވީ، ވާގަނޑު ނައްޓަން އުޅުމުގެ ތެރޭގައި ހާލު ދެރަވެ އެކަކު މަރުވެފައިވާއިރު އިތުރު ދެ މީހުންނަށް ގައްދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށެވެ. އަހުމަދު ރަޝީދު މަރުވެފައިވަނީ ފުޅިން ވައި ހުސްވުމުގެ ސަބަބުން ކަމަށް ކައުންސިލް މެންބަރު ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ، އަހުމަދު ރަޝީދު މައްޗަށް ނެގިއިރު މުޅި މީހާ އޮތީ ހުއްޓިފައި ކަމަށެވެ.

ގައްދޫ ކައުންސިލްގެ މެންބަރަކު ވިދާޅުވީ، ހާލު ދެރަވެގެން ސިއްހީ މަރުކަޒަށް ގެންދިޔަ ދެ މީހުންގެ ތެރެއިން އެކަކުގެ އެއް ފަޅި ވާގިނެތިފައިވާ ކަމަށެވެ. ކައުންސިލަރު ވިދާޅުވީ ސިއްހީ މަރުކަޒަށް ގެންނައި ފަހުން ދެ މީހުންގެ ހާލު ވެސް ރަނގަޅުވަމުން އަންނަ ކަމަށެވެ.

ސަފާރީގެ ނަގިލީގެ ވާގަނޑު ނެއްޓުމަށް އަހުމަދު ރަޝީދާއި އިތުރު ދެ މީހުން 80 މީޓަރަށް ފީނާފައިވާ ކަމަށް މައުލޫމާތުލިބެ އެވެ. މި ހާދިސާ ހިނގި ސަރަހައްދުގައި 70 މީޓަރާއި 80 މީޓަރާއި ދެމެދުގެ ފުންމިނެއް ހުންނާނެ ކަމަށް ގައްދޫ ކައުންސިލް މެންބަރު ވިދާޅުވި އެވެ. އެއީ ޑައިވް ކުރުން ހުއްދަ އޮންނަ މިންވަރަށްވުރެ ދެ ގުނަ ފުންމިނެވެ.

ގައްދޫ ބޭރުގައި އަޅާފައި އޮތް ރެފް ކޫލް ޓްރެވަލް އެންޑް ޓުއާޒްގެ ސަފާރީގެ ނަގިއްޔަށް ދިމާވި މައްސަލައަކާ ގުޅިގެން ނަގިލި ނަގަން އުޅެނިކޮށް ހިނގި މި ހާދިސާގައި ހާލު ދެރަވި ގައްދޫ، އަހްމަދު އިބްރާހިމް، 35 އައްޑޫ ސިޓީގެ ޝަންގްރިއްލާގެ ޗެމްބަރަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.