ފިނިޕޭޖް

ގްރީން ލެންޓާންގެ ރޯލަށް ނޭތަން ފިލިއަން

ގާއި ގާޑްނާ / ގްރީން ލެންޓަންގެ ރޯލަށް ނޭތަން ފިލިއަން ކާސްޓްކޮށްފިކަމުގައި ޑީސީ ސްޓޫޑިއޯ އިން އިއުލާންކޮށްފި އެވެ.

ނޭތަން މި ރޯލުން ފެނިގެންދާނީ ޑީސީ ސްޓޫޑިއޯ އިން ނެރޭ "ސުޕަމޭން: ލެގަސީ" އިންނެވެ.

މީގެ ކުރިން "ގްރީން ލެންޓާން" ފިލްމުގައި ގްރީން ލެންޓާންއެއް ކަމުގައިވާ ހަލް ޖޯޑަންގެ ރޯލު އަދާކޮށްފައިވަނީ ރަޔާން ރެނޯލްޑްސް އެވެ. އެކަމކު މި ފިލްމް ކާމިޔާބުވެފައެއް ނުވެ އެވެ. ރަޔާން މިހާރު ކުޅެމުންދަނީ މާވެލް ސިނަމެޓިކް ޔުނިވާސްގެ ޑެޑްޕޫލް ކެރެކްޓާ އެވެ.

ނޭތަން އަކީ ގްރީން ލެންޓާންގެ ރޯލަށް އާ އެކްޓަރެއް ނޫނެވެ. ނޭތަން ވަނީ ޑީސީގެ އެތައް އެނިމޭޝަން ފިލްމުތަކަކަށް ހަލް ޖޯޑަންގެ އަޑު އަޅާފަ އެވެ. ޑީސީގެ އެކްސްޓެންޑަޑް ޔުނިވާސްގެ "ސުއިސައިޑް ސްކޮޑް" ގައި ދަ ޑިޓޭޗަބަލް ކިޑް (ޓީޑީކޭ)ގެ ރޯލްވެސް އަދާކޮށްފައިވެ އެވެ.

ނޭތަން "ގާޑިއަންސް އޮފް ދަ ގެލެކްސީ 3" ގައި މާސްޓާ ކާޖާގެ ރޯލު އަދާކޮށްފައިވެ އެވެ. މީގެ އިތުރުން ނޭތަން އަކީ "ފަޔާ ފްލައި"، "ކާސަލް"، "ޑެސްޕަރޭޓް ހައުސްވައިވްސް"، "ދަ ރޫކީ" ފަދަ ކާމިޔާބު ސީރީޒް ވެސް ކުޅެފައިވާ އެކްޓަރެކެވެ. އަދި "ޓޫ ގައިޒް އެންޑް އަ ގާލް" ސީރީޒް އަކީ ރަޔާން އާއި ނޭތަން އެކުގައި ކުޅުނު ސީރީޒް އެެކެވެ.

ޑީސީގެ ކޯ ސީއީއޯއިންނަށް ޖޭމްސް ގަން އާއި ޕީޓާ ސަފްރަން ހަވާލުވެ، އެ ސްޓޫޑިއޯގެ ކުރިއަށްހުރި ޕްރޮޖެކްޓްތަކަށް ބަދަލުގެނެސްފައިވެ އެވެ. އެގޮތުން ޖޭމްސް ގަން ވަނީ "ސުޕަމޭން: ލެގަސީ" ގައި ސުޕަމޭންގެ ކެރެކްޓާ އާކޮށްލާ، އެ ރޯލް ޑީސީގެ ފިލްމްތަކުގައި އަދާކުރަމުންދިޔަ ހެންރީ ކެވިލްގެ ބަދަލުގައި ޑޭވިޑް ކޮރެންސްވެޓް ކާސްޓްކޮށް، ލޮއިސް ލޭންގެ ރޯލަށް އެމީ އެޑަމްސްގެ ބަދަލުގައި ރޭޗަލް ބްރޮސްނަހޭން ކާސްޓްކޮށްފަ އެވެ. ޑޭވިޑް ކޮރެންސްވެޓް ހީވަނީ ހެންރީ ކެވިލްގެ ޒުވާން ވާޝަންއެއް ހެންނެވެ.

މި ފިލްމުގައި ފެނިގެންދާނެ އިތުރު ކެރެކްޓަރުންގެ ތެރޭގައި ހޯކް ގާލްގެ ގޮތުގައި އިސަބެލް މާސިޑް އަދި މިސްޓާ ޓެރިފިކްގެ ގޮތުގައި އެޑީ ގަތެގީ ހިމެނެ އެވެ.

"ސުޕަމޭން: ލެގަސީ" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޖުލައި 11، 2025 ގައެވެ.