ބ. ފުޅަދޫ ގޮނޑުދޮށުން 10 ކިލޯގެ ޑްރަގްސް ފެނިއްޖެ އެވެ.
މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި މި ޕެކެޓުތައް ފެނުނީ ރަށުގެ އުތުރު ފަރާތު ގޮނޑުދޮށުން މިއަދު ހެނދުނު އެވެ.
ފުޅަދޫ ކައުންސިލްގެ މެންބަރަކު އަވަސްއަށް ވިދާޅުވި ގޮތުގައި ރަށުގެ ގޮނޑުދޮށުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 10 ވަރަކަށް ޕެކެޓު ފެނުނެވެ. ޕެކެޓެއްގެ ބަރުދަނުގައި ގާތްގަނޑަކަށް ކިލޯއެއް ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް މެންބަރު ވިދާޅުވި އެވެ.
ފެން ނުވަންނަ ގޮތަށް ބަންދުކޮށްފައިވާ މި ޕެކެޓުތަކުގައި މީހެއްގެ ފޮޓޯހުރިއިރު ގޫގުލްކޮށްގެން ބެލި ބެލުމުން އެއީ މެކްސިކޯގައި ޑްރަގު ވިޔަފާރިކުރާ މީހެއްގެ ފޮޓޯކަން ފާހަގަކުރެވުނު ކަމަށް މެންބަރު ވިދާޅުވި އެވެ.
މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޕެކެޓުތައް ފެނުމުން ފުލުހުންނަށް އެކަން ރިޕޯޓުކޮށްފައިވާއިރު މައްސަލަ ބެލުމަށް ފުލުހުން ދަނީ އެރަށުގައި ހަރަކާތްތެރިވަމުންނެވެ.