ގދ. ތިނަދޫ

ތިނަދޫގައި ސިހުރު ހެދި ކަމަށް ބުނާ އިންޑިއާ ދެ މީހަކު ހޯދަނީ

ގދ. ތިނަދޫގައި ސިހުރި ހެދި ކަމަށް ބުނާ އިންޑިއާ ދެ މީހަކު ހޯދުމަށް އިއުލާންކޮށްފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ހޯދަން އިއުލާންކޮށްފައިވާ ދެ މީހުންނަކީ އުމުރުން 78 އަހަރުގެ ކޮޔާ ކާލިއާތު ހާލިދު އާއި އޭނާގެ ދަރިފުޅު ކަމަށް ބުނާ އުމުރުން 34 އަހަރުގެ އިލިޔާސް އަންސާރީ ކާލިއާތު ކޮޔާ އެވެ.

މި ދެ މީހުން ހޯދާ ވަކި ސަބަބެއް އިމިގްރޭޝަނުން ނުބުނެ އެވެ. އެކަމަކު ތިނަދޫ ބައެއް މީހުން އަވަސްއަށް ބުނި ގޮތުގައި މި ދެ މީހުންނަކީ އެރަށު ސަހަރާގައި ސިހުރު ހެދި ކަމަށް ބުނާ ދެ މީހުންނެވެ. މިކަމާ ގުޅޭ ފޮޓޯއާއި ވީޑިއޯ ވެސް މީގެ ދުވަސްކޮޅެއް ކުރިން ސޯޝަލްމީޑިއާގައި އާންމުވެފައިވެ އެވެ.

އިމިގްރޭޝަންގެ އިއުލާންގައި ވަނީ މި ދެ މީހުން ފަސް ދުވަހުގެ ތެރޭގައި އެ އިދާރާއަށް ހާޒިރުވުމަށް އަންގާފަ އެވެ. އެކަމަކު މައުލޫމާތު ލިބިފައިވާ މި މީހުން މިހާރު ވަނީ ރާއްޖެއިން ފުރާފަ އެވެ.

މި ދެ މީހުން ތިނަދޫ އިން ފުރީވެސް މި މީހުންނަށް ކުރެވުނު ތުހުމަތާ އެކު ރަށުތެރެ ހަލަބޮލިވުމާ ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.