( 16 ޖުލައި 2023 އާ ގުޅޭ )
ފައިސަލްގެ ވާހަކައިން އޭނާގެ ހަޔާތުން އަންހެންކުއްޖެއްގެ ނަސީބު ލިބިފައެއް ނެތެވެ. ކުރީން ލޯބިވެރިޔަކު ހުރިކަމެއް ނުބުނެއެވެ. އެކަމަކު އަހަރެންގެ ކުރީން ލޯބިވެރިޔަކު ހުރިކަން ފައިސަލް އެހުމުން ކިޔާދިނީމެވެ. ޝިފާލީއާ އޮތް ގުޅުން ފައިސަލް އަހަރެންނަށް ސިއްރު ކުރީ ކީއްވެބާއެވެ. ކުރީގެ ލޯބިވެރިއަކު ހުއްޓޭ ފައިސަލް ބުންޏަސް އަހަރެން މައްސަލައެއް ނުޖައްސާނަން ވިއްޔާއެވެ.
ހަމައެކަނި ވައްތަރުވީ ފައިގާވީ އަނގޮއްޓި އެކަންޏެއްނޫނެވެ. ޝިފާލީގެ ގަހަނާ ފޮށި ހުޅުވައިގެން އޭނާ އިނީ ރީތިވާ މޭޒު ކައިރީއެވެ. އަހަރެން ހުރީ އޭނާގެ ގާތުގައެވެ. ގަހަނާ ފޮށީގެ ތެރެއިން އަހަރެންގެ ކަރުގައި ފައިސަލް އަޅުވައިދިން ފަށް އެ ފޮށީގައި އޮއްވާ ދުށީމެވެ. އެއީ ހަމަ އެ ފަށްކަން ޔަގީންކުރަން އެނގެނީ ފަށުފޫ ފެނިފައެވެ. އަހަރެންނަކީ ތަފާތު ކުލަކުލައިގެ ހިލަކޮޅުތަކުން ހަދާފައި ހުންނަ ގަހަނާ އަޅާ މީހެއްނޫނެވެ. ޚާއްޞަ ޙަފުލާއަކަށްނޫން ގޮތަކަށް އެފަދަ ކަމަކަށް އިސްކަންދެވިފައި ނެތީއެވެ. ކަރުގައި އޮތް ރަންފަށް ޝިފާލީ ނަގައި ގަހަނާ ފޮށްޓަށް ލިއެވެ. ފޮށީތެރޭގައި ހުރި ގަހަނާތައް ބެލުމުގައި އިރުކޮޅަކު އޭނާ އިނެވެ. ހީވާގޮތުން އޭނާގެ ހުރިހާ ގަހަނާއެއް ހަމައަށް އެބަހުރިތޯ ބެލީއެވެ. އަދި އަލިފާންކުލައިގެ އަގީދުން ކޮކާލެއްހެން ހަދާފައިވާ ކަންފަތު މުދި ކަންފަތު ފޫޅުގަނޑުން ނަގައި ގަހަނާ ފޮށީތެރެއަށް ފަރުވާތެރިކަމާއެކު ލައި ފޮށި ލައްޕާލިއެވެ. އޭނާގެ ގަހަނާފޮށީގައި އެކި ކުލަކުލައިގެ ގަހަނާތައް ވިއެވެ. ފެންނަފެނުމަށް އެއީ އަގުބޮޑު ގަހަނާތަކެކެވެ. އަބަދުވެސް ނިކަން ރީތިކޮށް ހުންނަން ޝިފާލީ ސަމާލުކަން ދެއެވެ. ހެނދުނު ގަޑީ ވެސް އޭނާ ކޮޓަރިން ނުކުންނާނީ ނިކަން ފަރިވެގެންނެވެ. މޭކަޕްނުކުރާ ވަގުތެއް ނުދެއެވެ. ހިމަދިގު އިނގިލިތަކުގެ ނިޔަފަތިތައް ދިގުކޮށްލާފައި ހުންނައިރު އެ ނިޔަފަތިތަކުގައި މަޑު "ޕީޗް" ކުލައެއް ޖައްސާފައި ހުއްޓެވެ. ފައިގެ ނިޔަފަތިތައް ވެސް ވަނީ ހަމަ އެ ކުލައިގައެވެ. މަޑުފޮނި ވަހަށްވުރެ ޝިފާލީ ޖަހަނީ ވަސްގަދަ ސެންޓެވެ. މޫނުގައިވީ މޭކަޕްތައް ސާފުކޮށްލާފައި ލޯގަނޑުން އަމިއްލަ ސޫރައަށް އޭނާ ބަލާލިއެވެ. ޝިފާލީގެ ތުންފަތަށް ހިނިތުންވުމެއް ވެރިއެވެ. އޭނާއަކީ ރީތި އަންހެނެއްހެން ޚުދު އޭނާ އަމިއްލައަށް ވެސް ޤަބޫލުކުރެއެވެ.
އިރުއަރަން ވަގުތުކޮޅެއް ހުއްޓެވެ. ޝިފާލީއަށް މާކުރިން ހޭލެވުނީއެވެ. އެނދުން ތެދުވެގެން އައިސް ބެލްކަންޏަށް ނުކުމެގެން ހުރި ދޮރާ ދިމާލުން ފަރުދާ ކަހާލިއެވެ. އަދި ދޮރުފަތް ކަހާލާފައި ބެލްކަންޏަށް ނުކުތެވެ. ވާރޭ ހުއްޓާލާފައި އޮތެއްކަމަކު ފަޒާގައިވަނީ ފިނިކަމެވެ. ވައިރޯޅީގެ ބީހިލުން އިޙްސާސްވުމާއެކު ޝިފާލީ ތުރުތުރުއަޅާލިއެވެ. ދެ އަތް ވަށާލައި އެއްއަތުން އަނެއްއަތުގައި ފިރުމާލަމުން ލަކުނޑި ރެއިލިން ކައިރިއަށް ޖެހިލިއެވެ. ގަސްތަކުތެރެއިން ނުކުމެގެން ގެސްޓްހައުސްގެ ވަލު ދޮރުން ވަންނަން އައި ފައިސަލް ޝިފާލީއަށް ފެނުނެވެ. އޭނާގެ ދެއަތުގައި އެއްޗެއް ހޭކިފައި ހުރިއިރު އެއީ ކޯއްޗެއްކަމެއް ޝިފާލީ ހުރި ހިސާބުން ނުފެނެއެވެ. ފައިސަލްގެ ފިޔަވަޅު އަވަހެވެ. އޭނާ އައިސް ވަނީ އޭނާ ދިރިއުޅޭ ކުޑަގެއަށެވެ.
އެހެން ދުވަސްދުވަހަށްވުރެ ހެނދުނާ ޝިފާލީ ކޮޓަރިން ނުކުމެއްޖެއެވެ. ފައިސަލް ބަދިގެއަށް އައިއިރު ޝިފާލީ އިނީ ކާމޭޒުދޮށުގައި ކޮފީއެއް ބޯށެވެ. ޝިފާލީ ފެނުމުން ފައިސަލް ސިހުނެވެ.
"ނުނިދަންތަ؟." ފައިސަލް އަހާލިއެވެ.
"މާކުރިން ހޭލެވުނީ. އެންމެން ހޭލަންވާއިރަށް ތިއައީ ސައިބޯންތަ." ޝިފާލީ ބުންޏެވެ. މި ނޫނީ ހެނދުނު ގަޑީ ފައިސަލް ބަދިގެއިން އޭނާ ނުދެކެވެ. އެހެންނޫނަސް އެންމެން ހޭލައިގެން ސައިބޯން އާދެވޭއިރު ހުންނާނީ ނުވައެއް ޖަހާފައެވެ.
ފައިސަލް ނާސްތާ ތައްޔާރުކުރީ ޝިފާލީއަށާ އެއްކޮށެވެ. އޭރު އަދި ގަޑިތަކުން ހަތެއް ނުޖަހައެވެ. ކާމޭޒުދޮށުގައި ދެ ޒުވާނުން ސައިބޯން ތިއްބެވެ.
"ފަތިސްގަޑީ ކޮންތާކަށް ގޮސްފައި އައީ." ޝިފާލީ ކޮށްލި ސުވާލުން ފައިސަލްގެ ހަރަކާތްތައް ހުއްޓުމަކަށް އައެވެ. އޭނާ ބަލާލީ ނިކަން ސީރިއަސް ބެލުމަކުންނެވެ.
"ވިއްސާރަތޯ ބަލާލަން ބެލްކަންޏަށް ނުކުތްވަގުތު އެފަރާތު ގަސްތަކު ތެރެއިން ފައިސަލް ނުކުތްތަން ފެނުނީ... ކޯއްޗެއް އަތުގައި އުނގުޅައިގެން އުޅުނީ." ޝިފާލީ ވާހަކަދެއްކިއެވެ.
"ވަލުކުކުޅުތަކެއް ފެނިގެން އެ ހިފަންވަނީ. ނުގަނެ ކާން ލިބުނީނު." ފައިސަލް ބުންޏެވެ.
"ދެން ކޮބާ ކުކުޅުތައް." ޝިފާލީ އަހާލިއެވެ. ފައިސަލް އައިސް ގެއަށް ވަންއިރު އޭނާގެ އަތުގައި އެއްޗެއް ނެތްކަން ޝިފާލީއަށް ޔަގީނެވެ.
"ވަލުތެރޭ އެލުވާފައި އައީ." ފައިސަލް ބުންޏެވެ. އޭނާ ކެއުން ހުއްޓާލާފައި ތެދުވިއެވެ. ކޮފީޖޯޑު އޭރު ހުސްނުވެއެވެ. ނަމަވެސް ތަށިތައް ހިފައިގެން އޭނާ ދިޔައީ ސިންކު ކައިރިޔަށެވެ. އަދި އެއަށް ކޮފީޖޯޑު ހުސްކޮށްލާފައި ތަށީގައި ނުކުވި ހުރި އެއްޗެހި ކުނިވަށިގަނޑަށް އަޅާލައި ތަށިތައް ދޮވެފިއެވެ. ހުރެވެން ނެތްކަން ހާމަކޮށް ފައިސަލް ބަދިގެއިން ވެސް ނުކުތީއެވެ. ހިމޭންކަމުގައި އެކަނި އިނދެ ޝިފާލީ ސައިބޮއެ ނިންމިއެވެ.
ފަރީލާއާއި ހުސެން މަޑުކުރާނީ ހަފްތާއެއް ވަންދެންކަން ޝިފާލީއަށް އެނގެއެވެ. ދުވަސްތައް ދިޔައީ ހީނުކުރާހާ ހަލުވިކަމުގައެވެ. ފައިސަލްއާއި ޝިފާލީގެ ދެމެދުގައި ގާތްކަން ބޮޑުވެއްޖެއެވެ. އެކަމަކު އެ ގުޅުމުގެ ކުރިމަގަށް އެއްވެސް ކަމެއް ރޭވިފައެއް ނެތެވެ. މުސްތަޤްބަލާމެދު މަޝްވަރާ ކުރާނޭ ފުރުޞަތެއް ނުލިބުނެވެ. ފުރަން އެންމެ ދުވަހަކަށްވެފައި ވާއިރު ޝިފާލީއަށް ހުރެވުނީ މާޔޫސްވެފައެވެ. އޭނާ އެކަނި އެ ރަށުގައި ފައިސަލް ކައިރީ މަޑެއްނުކުރެވޭނެކަން އެނގެއެވެ. މިހާރު ވެސް އޭނާއަށް އެ ހުރެވެނީ ފަރީލާ މަޑުކުރަން ނިންމީމައެވެ. އޭނާގެ މައިންބަފައިން އެހެންނޫންނަމަ ޤަބޫލެއްނުވީހެވެ. އޭނާގެ މަންމަ ހުރީ މާލެ ނައިސްގެން ލަސްވެފައެވެ. މަންމައާ ވާހަކަދައްކާ ކޮންމެ ފަހަރަކު އަންނަނީ ކޮންއިރަކުންތޯ ނާހާ ފޯނުކޯލު ނިންމާނުލައެވެ. ބައްޕަ ވާހަކަނުދެއްކިޔަސް މަންމަގެ ވާހަކަތަކުގައި އޭނާގެ ބައްޕަގެ ކަންބޮޑުވުން ވާކަން ޝިފާލީއަށް އެނގެއެވެ. މަންމަ އެހާ ބާރު އެ އަޅަނީ ބައްޕަގެ ސަބަބުން ކަމެވެ. ޢާއިލާގެ މީހަކާނުލާ އަންހެންކުއްޖަކު އެކަނި ހުރުމަކީ އޭނާގެ ބައްޕަ ބޭނުންވާ ގޮތެއް ނޫނެވެ.
ދެ މީހުން ބައްދަލުކުރަންވީ ގަޑި ޖެހިއްޖެކަން ޝިފާލީއަށް އަންގައިދިނީ ފޯނުގެ ރިންގެވެ. ފޯނުކޯލު ނެގުމާއެކު ފައިސަލްގެ އަޑު އިވުނެވެ. އޭނާ ހުރީ ކޮޓަރި ބޭރުގައިކަން ބުނެފައި ކޯލު ކަނޑާލީއެވެ. ޝިފާލީގެ ހިތްއަވަސްވިއެވެ. އޭނާ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލާފައި ދޮރު ހުޅުވަން އައެވެ.
"ބޭރަށް ދަމާ." ކޮޓަރިއަށް ފައިސަލް ވެއްދުމުގެ ބަދަލުގައި ޝިފާލީ ބުންނެވެ. އަދި އޭނާ ނުކުމެ ފަހަތުން ކޮޓަރީގެ ދޮރުފަތް ލައްޕާލިއެވެ. ކޮޓަރިބަރީގެ ކުރިމަތިން ލަކުޑި ރެއިލިންގައި ޝިފާލީ އައިސް ލެނގިލިއެވެ. ފައިސަލް ވެސް ފަހަތަށް ޖެހިލައި އެފަދައިން ކަންތައްކުރިއެވެ. އޭރު ބޯކޮށް ވާރޭވެހެއެވެ. އެތެރެއަށް ފެންވިއްސާނޭތީ ރެއިލިންއާ ދިމާ ނިވާވާނޭހެން ވައްޓާލާފައި އޮންނަ ރަބަރު ފަރުދާ އޮތީ ތިރިކޮށްލެވިފައެވެ. ރަބަރު ފަރުދާގައި ފެންތިކިތައް އެއްތިކި އަނެއްތިއްކާ އެއްވެ ރޮނގެއްހެން ފައިބައިގެންދާ މަންޒަރު ބަލަން އިރުކޮޅަކު ހުރެފައި ފައިސަލް ވާހަކަދެއްކިއެވެ.
"މިތާ ތިބެނިކޮށް ޝިފޫގެ ފްރެންޑް ނުކުމެދާނެ." ޝިފާލީއާ ކައިރިވެލައި ފައިސަލް ބުންޏެވެ.
"ބާބެކިއު ހަޓަށް ދަމާ." ޝިފާލީ މިހެންބުނެ ހިނގައިގަތެވެ. އެއީ އެމީހުންގެ މައިޒާނެވެ. މިފަހަރު ވާހަކަދެއްކުމެއްނެތި ފައިސަލް ޝިފާލީގެ ފަހަތުން ފައިސަލް ހިނގައިގަތެވެ.
ދެ ޒުވާނުން ދަންވަރުގެ އަނދިރިކަމުގެ ތެރޭގައި ދުވަމުން އައިސް ހަޓަށް ވަނެވެ. ގައިން ފެންފޮޅާލާފައި އެތަނުން ގޮނޑިއެއްގައި އިށީންނަން ޝިފާލީ އުޅުމުން ފައިސަލް އޭނާގެ އަތުގައި ހިފެހެއްޓިއެވެ. އަދި ގާތަށް ދަމާލަމުން ގޮނޑީގައި އިށީނދެ އޭނާގެ އުނގުގައި ޝިފާލީ ބޭންދިއެވެ.
"ފައިއަށް އެނގޭ ދޯ މާދަމާ މީ އަހަރެންނަށް މިކޮޅުގައި ހުރެވޭނެ އެންމެ ފަހު ދުވަސްކަން." ޝިފާލީ ބުނެލިއެވެ. ފައިސަލް ބޯޖަހާލީއެވެ.
"އަހަރެމެންގެ މި ގުޅުމަށްވާނީ ކިހިނެއް؟. މީ... ޓައިމްޕާސްކޮށްލަން ކުރިކަމެއްތަ؟. އަހަރެންނަށް ފީލްއެއްނުވޭ ފައިސަލް ސީރިއަސް ހެނެއް. ފައި ދެކެ އަހަރެން ވަރަށް ލޯބިވޭ. މެރީ ކުރަން ބޭނުން... އެންމެން ކައިރީ އަހަރެމެންގެ ވާހަކަ ބުނަން ވެސް ބޭނުން. ފައި ބޭނުންވަންޏާ މެރީކޮށްގެން މިކޮޅުގައި އުޅޭން ވެސް އަހަރެން ރެޑީ." ޝިފާލީ ބުންޏެވެ. އޭނާގެ އަޑުގައި މާޔޫސްކަން ވިއެވެ.
"ދުވަސްކޮޅަކަށް މިކޮޅުގައި މަޑެއް ނުކުރެވޭނެތަ؟. އަދި ދެ މީހުން ދިމާވިތާ އެހާގިނަ ދުވަހެއްނުވޭ ދޯ. ކިހިނެއް ކުއްލިއަކަށް މެރީ ކުރާނީ." ފައިސަލް ބުންޏެވެ.
"މަންމަމެން ޤަބޫލެއްނުވާނެ. ބައްޕަ ކަމެއްނޫން އަހަރެން ބަލާ މަންމަ މި ރަށަށް ފޮނުވާކަށް ވެސް. ހުސެންގެ ވޯކްތައް މަޑުޖައްސާލާފައި މިހާރު ވެސް ވީކަކަށް އެ މަޑުކުރީ. އޭނާއާއި ފަރީއަށް ނުތިބެވެންޏާ އަހަރެންނަކަށް ނުހުރެވޭނެ... އަހަރެންގެ ބެކްގްރައުންޑް ފައިސަލްއަށް ކިޔާދިނީމެންނު. ބައްޕަ ޤަބޫލުވާނެ ފައިސަލްއާމެދު.... މެރީނުކޮށް ތިބުމުގެ ބޭނުމެއް މިހާރު ނެތެއްނު. އެއަށްވުރެ އަހަރެމެން މިވަނީ ކްލޯޒްވެފައި... ނޫންތަ؟. މިސްޓޭކެއް ހެދޭނީ އެނގިފައެއްނޫން... އިތުރަށް ފައިސަލް އެނގެން ބޭނުންވާކަމެއް އަދިވެސް އޮތީތަ؟. އަހަންނާމެދު ޔަގީންނުވަނީތަ؟." ޝިފާލީ ބުންޏެވެ.
"ޝިފޫ މާލެ ދިޔަސް އަހަރެންނާ ގުޅޭނެ. ހަފްތާއެއް އަހަރެންނަށް ދީ. ޝިފޫ ފުރީމަ އަހަރެން ފެމިލީއާ ވާހަކަދައްކާނަން. އެއަށްފަހު ކައިވެނި ރާވާނީ. ޝިފޫގެ ފެމެލީ ކައިރީ ވެސް ބުނާނީ. އެންމެ ރަނގަޅުތަ؟." ފައިސަލް ބުންޏެވެ.
"އެކަމަކު... އަހަރެން މާލެ ދިޔައީމަ ފައިސަލްގެ ޚަބަރެއްނުވެއްޖެއްޔާޔޯ." ޝިފާލީ ބުންޏެވެ.
"އަހަރެން ޝިފޫ ބޭނުން. އެހެންވީމަ އަހަރެންނަށް އިތުބާރު ކުރޭ... ޝިފޫ މާލެ ދާގޮތަށް މަންމަމެން ކައިރީ އަހަރެމެންގެ ގުޅުމުގެ ވާހަކަދެއްކިޔަސް އެންމެ ރަނގަޅު. އަދި އަހަރެން ހޯދަން މިރަށަށް ވެސް އާދެވޭނެ ދޯ." ފައިސަލް ޔަގީންކަން ދިނެވެ.
"ތީގެ މާނައަކީ އަހަރެންނާ މެރީ ކުރާނަމޭތަ؟." ޝިފާލީ ނަޒަރު ހުރީ ސީދާ ފައިސަލްގެ ލޮލަށް އަމާޒުކޮށްލެވިފައެވެ.
"ޕޮރޮމިސް... މިރޭ ކޮޓަރިއަށް ވަންނަން ޤަބޫލުނުވީ އެހެންވެތަ؟. މެރީނުކޮށްފާނެތީތަ؟." ފައިސަލް ބުންޏެވެ.
"ފައިސަލް ނިންމާފައި އޮތް ގޮތެއް ނޭނގޭތީ. މަޖާކޮށްލުމެއްނޫން އަހަރެންގެ މަޤްޞަދަކީ. އެކަހަލަ ގުޅުމަކަށް އަހަރެމެންގެ ގުޅުންވާކަށް ނޭދެން. ކޮޓަރިއަށް ވަނީމަ އަހަރެމެންނަށް ވާހަކަދެއްކުމުގެ ބަދަލުގައި ކުރެވެނީ އެހެންކަމެއް. އެހެންވެ... މިރޭ ކޮންމެހެން ވެސް ފައިސަލްއާ ވާހަކަދައްކަން ބޭނުންވީ." ޝިފާލީ ހަޤީޤަތަށް ހާމަކުރިއެވެ. ފައިސަލް ޖަހާލީ ލުއި ހިނިގަނޑެކެވެ.
"ތެންކިޔު... މެރީކުރަން އެއްބަސްވީމަ." ފައިސަލްގެ ކޮލުގައި ޝިފާލީ ބޮސްދިނެވެ.
"އެއީ ތެންކިޔު ބުނަންޖެހޭވަރު ކަމެއްތަ؟. އަހަރެން މިބުނީ ދޯ އަހަރެން ވެސް ބޭނުމޭ ޝިފޫ. އެހެންނޫނަސް މިހާރު ތިހުރީ އަހަރެންގެ މަޅިފަތީގައި ޖެހިފައި އިނގޭ. ދެން ލާހިކެއްނޫން ސަލާމަތްވާކަށް." ހެވިފައި އިނދެ ފައިސަލް ބުންޏެވެ. ޝިފާލީ ހީނލިއެވެ.
"ފައިސަލް... ކީއްކުރަން ތިއުޅެނީ... ބޭރުގައޭ މިތިބީ." ކުއްލިއަކަށް ފައިސަލްގެ ހަރަކާތްތައް ބަދަލުވުމުން އޭނާގެ އުނގުން ފައިބަން ޝިފާލީ އުޅުނެވެ.
"ބޭރުގަވިއްޔާ ވާނީ ކީއް. މިތަން އަނދިރިކަމުން މީހަކަށް ނުފެންނާނެ. ވާރޭގައި މިހިސާބަށް ކާކު އަންނާނީ... ބިރުނުގަނެބަލަ." ފައިސަލް ކައިރިން ޝިފާލީ ސަލާމަތްވިޔަ ނުދީ ހިފެހެއްޓިއެވެ. އެއީތެދެކެވެ. ވަށައިގެންވަނީ އަނދިރިކަމެވެ. ބޯކޮށްވެހެމުންދާ ވާރޭގެ އަޑުން މާޙައުލުގައިވީ އެހެން އަޑުތައްވަނީ ފަނޑުވެފައެވެ. އޭގެ ދެ މީހުންނަށް ފާރަލަމުން އަންނާނެ މީހަކު އެތާކު ނުވެއެވެ.
އަހަރެންނަށް އެރޭ ޝިފާލީއާއި ފައިސަލްއާ ދެމެދު ކަންތައްވީ ކިހިނެއްކަން ނުފެނުނަސް ލަފާކުރަން އެނގުނެވެ. އަހަރެން ދެން ޝިފާލީ ފެނުނީ ހަވީރުގެ ވަގުތު ފަރީލާއާއި ހުސެންނާއެކި ބަދިގޭގައި ސައިބޯން އިންދައެވެ. ހުސެން ދައްކަމުންދިޔައީ ލަސްވެގެން ހެނދުނު ދިހައެއް ޖަހަންވާއިރަށް ބަނދަރަށް ދާންޖެހޭނެ ވާހަކައެކެވެ. އިރުއަރަންދެން މަޑުނުކޮށް އެރޭ ނިދަންވާނީ ފޮށިތައްޔާރުކޮށްފައިކަން އޭނާ ބުންޏެވެ.
"ފުރަންޖެހޭތީތަ ތިހާ އޯފްވެފައި ތިއިންނަނީ." ސައިބުއި ޖޯޑު ދޮންނަން ސިންކު ކައިރިޔަށް އައި ޝިފާލީގެ ފަހަތުން އައިސް މަޑުކޮށްލި ގޮތަށް ފަރީލާ ބުންޏެވެ. ނޫނެކޭ ބުނެ ޝިފާލީ ދެފަރާތަށް ބޯހޫރާލީއެވެ.
"އެބައޮތް ވާހަކައެއް ބުނަން." މޭޒުކައިރީ އިން ހުސެންނަށް ނީވޭނެހާ މަޑުން ޝިފާލީ ބުނެލިއެވެ. ފަރީލާ ދެ ލޯ ބޮޑުކޮށްލީ ލާނެތް ހިންޏަކާއެކީއެވެ.
"އަވަސްކުރޭ." ފަރީލާ ބުނެލިއެވެ.
"މާލެ ދެވުނީމަ. އޭގެ ކުރީން ބުނެވޭކަށްނެތް." ޝިފާލީ ހިނިތުންވެލިއވެ. ފަރީލާ ތުންއަނބުރާލިއެވެ.
"ހުއް! ފޮނިގަނޑު... މަށަށް މިހާރު އެނގިއްޖެ. އެހެންވިޔަސް އަޑުއަހަން ބޭނުން. ލޯންޗަށް އަރާ ގޮތަށް ބުނަންޖެހޭނެ." ފަރީލާ ބުންޏެވެ. ޝިފާލީ ލައްވާ އެކަމަށް އެއްބަސްކުރުވިއެވެ. މާލެ ނުދެވުނަސް ރަށު ފަސްގަނޑުން ފޭބުމުން ފަރީލާއަށް ހުރިހާކަމެއް ކިޔައިދޭން ޝިފާލީ ވަޢުދުވިއެވެ.
ސައިބޮއެގެން އޭގެ ތިންމީހުން ނުކުމެ ތިބީ ބިއްދޮށުގައި އެލުވާފައި ހުރި ޖޯލިތަކުގައެވެ. ފަރީލާގެ އަނގަ މަޑެއްނުވެއެވެ. ފަޒީލުއަށް ގުޅައި އޭނާ ގެންނަން ފަރީލާ ބޭނުންވިއެވެ. ފަރީލާގެ ނަޒަރުގައި ޝިފާލީގެ ޠަބީއަތް ފަޒީލު ފެނުމުން ރަނގަޅުވެދާނޭ ހީވާ ކަހަލައެވެ. ނަމަވެސް ފަޒީލަށް ގުޅުމުން ބުނީ ދެވޭނީ އިރުއޮއްސި ފިހާރަ ބަންދުކޮށްފައިކަމެވެ. އެމީހުން ތިބޭ އެންމެ ފަހު ރޭގައި އަތިރިމަތީގައި ބޮޑު ބާބެކިއު ބާއްވަން ފަޒީލު ހުށެހެޅިއެވެ. އެގޮތް ފަރީލާއާއި ހުސެންނަށް ވެސް ކަމުދިޔައެވެ.
އިރުއޮއްސި އަނދިރިކަން ވެރިވެއްޖެއެވެ. ފަޒީލާއި އެކުވެރި ކުދީންތައް ވެގެން އަތިރިމަތީގައި އަލިފާންގަނޑެއް ޖަހާފައި ހުއްޓެވެ. އެންމެން ތިބީ އެތަނުގައެވެ. ސަކަރާތުގެ މާޙައުލެކެވެ. ޝިފާލީގެ ދެ ލޯ ހޯދަމުން ދިޔަ ފަރާތެއް އެތާކުނެތެވެ.
"ކޯއްޗެއް ބޯނީ. ކޯކުތަ، ސްޕްރައިޓްތަ؟." ފަޒީލު އައިސް ޝިފާލީގެ ގާތުގައި މަޑުކޮށްލިއެވެ.
ޝިފާލީ ކޯކު ދަޅުގައި ހިފާލިއެވެ. ފަޒީލު އެނބުރި ދިއުމުން އޭނާ މަޑުމަޑުން މީހުންގަނޑާ ދުރަށް ހިނގައިގަތެވެ. ފަރީލާ ގޮވާލިއެވެ. ކޮންތާކަށްތޯ ދަނީ އަހާލިއެވެ. ދުރަކަށް ނުދަމޭ ބުނެ ޝިފާލީ މަޑުނުކޮށް ދިޔައީއެވެ. އޭނާގެ ފޯނަށް މެސެޖެއް އައިސްގެން ފޯނު ވައިބްރޭޓްވެލިއެވެ. ޖިންސުގެ ފަހަތު ޖީބަށް ކޮށްޕާލާފައިވާ ފޯނު ނަގައި އަވަހަށް ބަލާލިއެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެއްގަމަށް ޝިފާލީ ހިނގައިގަތީ އެންމެންނާ ތަންކޮޅެއް ދުރުންނެވެ. ޖެހިލުންވެފައި ހުރި އޭނާ ގެސްޓްހައުސްއަށް ނުވަދެ ބިއްދޮށުންލާފައި ގަސްތަކާ ދިމާއަށް ދިޔައެވެ. ދެ ލޮލަށް އިނގިލޮކޮށްޕާލިޔަސް ނޭނގޭ އަނދިރިވުމުން ޝިފާލީގެ ފިޔަވަޅު މަޑުޖެހުނެވެ.
"މިހާ އަނދިރިއިރު ފައިސަލްއަށް މިތަނަށް ވަންނަން އެނގުނުކަން." ޝިފާލީ ބުނެލިއެވެ. އަދި އޭނާ ފޯނުން އަލިކޮށްލިއެވެ. ކުރިޔަށް އަލިކުރަމުން އޭނާ ވާގަނޑުގެ ތެރެއަށް ވަނެވެ. ތަފާތު ފިނިކަމެއް އެ ވެށީގައި ހުއްޓެވެ. ދެކޮނޑު ކައިރިކޮށްލާ ފަދަ ހަރަކާތެއް ޝިފާލީ ކޮށްލީ ފިނިކަން އިޙްސާސް ވެގެންނެވެ. ފައިސަލް ހުރި ހިސާބެއް އޭނާއަކަށް ނޭނގެއެވެ. ވަދެގެން އަންނަންވީ ކޮންދިމާއަކުންކަން ބުނީތީ އޭނާ ހިނގަމުން ދިޔައީ އެ މަގުންނެވެ. ބިންމަތީ ޖެހިފައި އޮތް ގަހެއްގެ އޮފިގަނޑު މަތިން ޝިފާލީ ގިރާކޮށްލިއެވެ. އޭރު ފުދޭވަރަކަށް ގަސްތަކުތެރެއަށް އޭނާ ހުރީ ވަދެވިފައިކަން އެނގެއެވެ. އިތުރަށް ކުރިޔަށް ދިއުމުގެ ބަދަލުގައި އޭނާ ފައިސަލްއަށް ގުޅިއެވެ. ކޯލުކުރި ގަޑި ފޯނުގެ ބައްތި ނިއްވިއްޖެއެވެ. ޝިފާލީގެ މޭގަނޑު ފިނިވިއެވެ. ކުއްލިއަކަށް އަނދިރިކަން އޭނާ ވަށާލައިފިއެވެ.
(ނުނިމޭ)