ފިނިޕޭޖް

ސޯފިއާ އާއި ޖޯ މެންގަނެލޯ ވަރިވަނީ

"އެމެރިކާސް ގޮޓް ޓެލެންޓް"ގެ ޖަޖް ސޯފިއާ ވަރްގާރާ، 51، އާއި "ޓްރޫ ބްލަޑް"ގެ ޖޯ މެންގަނެލޯ، 46، ވަރިވަނީ އެވެ. މި ދެމަފިރިން ވަރިވަނީ ހަތް އަހަރުގެ ކައިވެންޏަކަށްފަހު އެވެ.

ޕޭޖް ސިކްސް އަށް ދިން އިންޓަވިއުއެއްގައި މި ދެމަފިރިން ބުނީ ވަރިވުން ފަދަ އުދަނގޫ ނިންމުމެއް ނިންމައިފި ކަމަށާއި އެމީހުންގެ ޕްރައިވެސީއަށް އިހްތިރާމް ކުރުމަށް އެދޭ ކަމަށެވެ.

ސޯފިއާ މިވަގުތު ދަނީ އިޓަލީގެ ކެޕްރީގައި ގިނަ އަދަދެއްގެ ރަށްޓެހިންނާއެކު އޭނާގެ 51 ވަނަ އުފަން ދުވަސް ފާހަގަކުރަމުންނެވެ. އަދި ސޯފިއާ ފޮޓޯތައް ޕޯސްޓްކުރަމުންދާއިރު ފޭނުންނަށް ފާހަގަވެފައިވާ ކަމަކީ ސޯފިއާއާ އެކު ޖޯ ނެތުމާއި ސޯފިއާގެ އިނގިލީގައި ކައިވެނީގެ އަގޮޓި ނެތް ކަމެވެ.

ޖޯ ވަނީ އޭނާގެ އިންސްތަގްރާމް އެކައުންޓްގައި ސްޕެނިޝް ބަހުން ހަމައެކަނި "ހެޕީ ބާތްޑޭ ސޯފިއާ" ލިޔެފަ އެވެ. ޖޯގެ ޕޯސްޓްގައި ލޯތްބާއި ގާތްކަމެއް ފާހަގަވާން ނެތްކަމަށް ބުނެ، ފޭނުން ވަނީ ކޮމެންޓްވެސް ކޮށްފަ އެވެ.

މި ދެމަފިރިންގެ ގާތް މީހަކު ބުނި ގޮތުގައި ސޯފިއާ އާއި ޖޯ ވަނީ ދުވަސްތަކެއް ވަންދެން މަޑުމަޑުން ދުރުވަމުން ގޮސްފަ އެވެ. މި ދެމަފިރިން އެންމެ ފަހުން ރެޑް ކާޕެޓް މަތިން އެކުގައި ފެނިފައިވަނީ މިދިޔަ މާޗް މަހު ވެނިޓީ ފެއާގެ އޮސްކާ ޕާޓީންނެވެ.

ސޯފިއާ އާއި ޖޯ ދިމާވެފައިވަނީ 2014ގައި ބޭއްވި ވައިޓް ހައުސް ކޮރަސްޕޮންޑެންޓްސް އެސޯސިއޭޝަން ޑިނާގެ ތެރެއިންނެވެ. އޭރު ސޯފިއާ އެންގޭޖްވެފައިވަނީ ނިކް ލޯބްއާ އެވެ. މިގުޅުން ނިމުނުފަހުން ޖޯ ވަނީ ސޯފިއާގެ ނަންބަރު އަހާ ޑޭޓްކުރަން ފަށާފަ އެވެ. ކައިވެނިކޮށްފައިވަނީ ނޮވެމްބަރު 2015 ގައި ޕާމް ބީޗްގައެވެ. މިއީ ސޯފިއާގެ ދެވަނަ ކައިވެނި އަދި ޖޯގެ ފުރަތަމަ ކައިވެންޏެވެ.

ސޯފިއާގެ ފުރަތަމަ ކައިވެންޏަށް 31 އަހަރުގެ ފިރިހެން ދަރިއެއް ލިބިފައިވާއިރު، ދެވަނަ ކައިވެންޏަށް ދަރިއަކު ލިބިފައެއް ނުވެ އެވެ.