ފިނިޕޭޖް

ސައުންޑް އޮފް ފްރީޑަމްއަށް ބޮޑު ކާމިޔާބެއް

ޖިމް ކެވިޒެލްގެ އާ ފިލްމް "ސައުންޑް އޮފް ފްރީޑަމް" ބޮކްސް އޮފީސް ހައިރާންކޮށްލައިފި އެވެ.

މި ފިލްމަކީ ހަގީގީ ވާހަކައަކަށް ބިނާކޮށްފައިވާ ފިލްމެކެވެ. އަދި މި ފިލްމަކީ މިނިވަން ސްޓޫޑިއޯއެއް ކަމުގައިވާ އޭންޖަލް ސްޓޫޑިއޯޒް އިން މިމަހުގެ ހަތަރުވަނަ ދުވަހު ރިލީޒްކުރި ފިލްމެކެވެ.

މި ފިލްމްގައި ޖިމް އަދާކުރަނީ ޓިމް ބެލޭޑް ކިޔާ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ އޭޖެންޓެއްގެ ރޯލެވެ. މީނާ އަކީ ކުޑަކުދިން ވިއްކުން ހުއްޓުވާ ޖަމިއްޔާ "އޮޕަރޭޝަން އަންޑަގްރައުންޑް ރެއިލްރޯޑް"ގެ ކޯފައުންޑަރެވެ.

އެލެހާންޑްރޯ ގޮމެޒް މޮންޓެވަރްދެ ޑައިރެކްޓްކޮށްފައިވާ މި ފިލްމްގައި ފެނިގެންދާނީ ކުޑަކުދިންތަކެއް ޖިންސީ ބޭނުންތަކަށް ޓްރެފިކްކުރުމުން ސަލާމަތްކުރުމަށް ޓިމް ކޮލޮންބިއާއަށް ދާ މިޝަން އެކެވެ.

އޭންޖަލް ސްޓޫޑިއޯސް އިން ބުނި ގޮތުގައި މި ފިލްމު ގެނެސްދިނުމުގެ ތެރޭގައި ބައެއް ކަންތައްތައް ބެލުންތެރިންގެ ސަމާލުކަން ހޯދުމުގެ ގޮތުން ބަދަލުކޮށް، ބޮޑުކޮށްލާފައިވާނެ އެވެ.

މި ފިލްމްގެ އިތުރު ތަރިންގެ ތެރޭގައި މީރާ ސޯވީނޯ، ބިލް ކޭމްޕް، އެޑުއާޑޯ ވެރަސްތެގުއި، ހާވިއާ ގޯޑީނޯ، ހޯޒޭ ޒުނީގާ، ކާޓް ފުލާ އަދި ސްކޮޓް ހޭޒް ހިމެނެއެވެ.

ސާދަ މިލިއަން ޑޮލަރަށް ހެދި "ސައުންޑް އޮފް ފްރީޑަމް" އަށް ވަނީ އުތުރު އެމެރިކާގެ ބޮކްސް އޮފީހުގައި 85 މިލިއަން ޑޮލަރު ލިބިފަ އެވެ. މިއީ ބޮކްސް އޮފީހުގައި ޓޮމް ކްރޫޒްގެ "މިޝަން އިމްޕޮސިބަލް: ޑެޑް ރެކެނިން ޕާޓް 1" އަށް ފަހު ދެވަނައަށް އެންމެ ކާމިޔާބީ ހޯދި ފިލްމެވެ.

މައިގަނޑު ގޮތެއްގައި ރަނގަޅު ރިވިއު ލިބިފައިވާ މި ފިލްމަށް ރޮޓަން ޓޮމާޓޯސްއިން 72 ޕަސަންޓާއި އައިއެމްޑީބީ އިން 8.2 ރޭޓިން ލިބިފައިވެ އެވެ.