ފިނިޕޭޖް

ލިންޑްސީއަށް ދަރިއަކު ލިބިއްޖެ

ލިންޑްސީ ލޯހަން، 37، އާއި ފިރިމީހާ ބޭޑާ ޝަމާސްގެ އާއިލާ ބޮޑުވެއްޖެ އެވެ.

ލިންޑްސީ އާއި ބޭޑާ މި ހަބަރު ހާމަކޮށްފައިވަނީ ސީއެންއެންއަށް ފޮނުވި ސްޓޭޓްމަންޓެއް ގައެވެ.

ސްޓޭޓްމަންޓްގައިވާ ގޮތުން މި ދެމަފިރިންނަށް ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާގެ ނަމަކީ ލުއައި އެެވެ. ދަރިފުޅާ އެކު ދެމަފިރިން އުފަލުން ފޮޅިފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

މިއީ މި ދެމަފަރިންގެ ވެސް ފުރަތަމަ ދަރި އެވެ. ދުބާއިއަށް އުފަންވި ލުއާއިގެ އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

ލިންޑްސީ މާބަނޑުކަން ހާމަކޮށްފައިވަނީ މިދިޔަ މާޗް މަހުގައި އިންސްތަގްރާމްގައި ކުރި ޕޯސްޓެއް ގައެވެ. މި ޕޯސްޓްގައި ހުދު ކުލައިގެ ބޭބީ ވަންސީއެއްގެ ފޮޓޯގައި "ކަމިން ސޫން" އާއި އެކު ވަރަށް އެކްސައިޓްވެފައިވާ ކަމަށް ލިޔެފައިވެ އެވެ.

މިދިޔަ ޖޫން މަހުގައި އެލުއާ މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ލިންޑްސީ ބުނީ އޭނާ މަންމައަކަށް ވުމުގެ އިހްސާސްތައް ދެނެގަތުމަށާއި މަންމައަކަށް ވުމަކީ ކޮބައިކަން ދެނެގަތުމަށް ކެތްމަދުވެފައިވާ ކަމަށެވެ.

ލިންޑްސީ އާއި ފައިނޭންސަރެއް ކަމުގައިވާ ބޭޑާ ލޯބީގެ ގޮތުން ގުޅުނީ ލިންޑްސީގެ ދިރިއުޅުން ދުބާއީއަށް ބަދަލުކުރުމަށްފަހުގައި ކަމަށް ހަބަރު ފަތުރާ ވަސީލަތްތަކުން ބުނެ އެވެ. އަދި ތިން އަހަރު ދުވަހުގެ ގުޅުމަކަށްފަހު 2021ގެ ނޮވެމްބަރު މަހު އެންގޭޖްކޮށް، މިދިޔަ އޭޕްރިލް މަހު ކައިވެނި ކުރި އެވެ.

ޗައިލްޑް މޮޑެލް އަދި އެކްޓަރެއްގެ ގޮތުން ހޮލީވުޑްގައި ކެރިއާ ފެށި ލިންޑްސީ މަޝްހޫރުވީ "ދަ ޕޭރަންޓް ޓްރެޕް"، "ލައިފް ސައިޒް" އަދި "ގެޓް އަ ކްލޫ" ފަދަ ފިލްމްތަކުންނެވެ. މީގެ އިތުރުން ލިންޑްސީ ވަނީ "މީން ގާލްސް"، "ފްރީކީ ފްރައިޑޭ"، "ޖޯޖިއާ ރޫލް" އާއި "ހާބީ ފުލީ ލޯޑަޑް" ފަދަ މަގުބޫލު ޓީނޭޖް ރޮމޭންޓިކް ކޮމެޑީ ފިލްމު ކުޅެ، ލަވަ އަލްބަމްތަކެއް ވެސް ނެރެފަ އެވެ.