ފިނިޕޭޖް

ހޯންޓަޑް މޭންޝަންގެ ޕްރިމިއާ މުޅިން ތަފާތު

އާންމުކޮށް ފިލްމުތަކުގެ ޕްރީމިއާގެ ރެޑް ކާޕެޓްގައި ފެނިގެންދަނީ އެ ފިލްމެއްގެ ތަރިންނާއި ޑައިރެކްޓަރާއި ފިލްމާއި އެކިގޮތްތުން ގުޅުންހުރި މީހުންނެވެ.

އެހެން ނަމަވެސް ޑިޒްނީގެ ހޮރޯ ކޮމެޑީ "ހޯންޓަޑް މޭންޝަން"ގެ ރީމޭކްގެ ޕްރީމިއާ ކެލިފޯނިއާގައި ހުންނަ ޑިޒްނީލޭންޑްގައި މިމަހު 15ގައި ބޭއްވިއިރު، އެ ޕްރީމިއާ އިން ފެނުނީ އެ ފިލްމްގެ ތަރިންގެ ބަދަލުގައި ތީމްޕާކްގެ މިކީ އަދި މިނީ މައުސް އާއި ޑިޒްނީ ވިލަންތަކާއި މި ފިލްމުގެ ޑައިރެކްޓަރު ޖަސްޓިން ސިމިއަން އެވެ.

މީގެ ސަބަބަކީ މިހާރު ކުރިއަށްދާ އެކްޓަރުންނާއި އެކްޓްރެސުންގެ އިހްތިޖާޖެވެ.

ޖުލައި 28ގައި އާންމު ސިނަމާތަކަށް ރިލީޒްކުރާ މި ފިލްމު ޑިޒްނީލޭންޑްގައި ޕްރީމިއާ ކުރީ އެ ތީމް ޕާކްގެ "ހޯންޓަޑް މޭންޝަން" އެޓްރެކްޝަން ގައެވެ. ޖަސްޓިން ބުނީ އޭނާ ޕްރީމިއާއަށް އަންނަން މުހިއްމު ކަމަށް ފެންނާތީ އައީ ކަމަށެވެ.

މި ފިލްމަކީ 2003 ގައި އެޑީ މާފީއާ އެކު ހެދި "ހޯންޓަޑް މޭންޝަން"ގެ ރީމޭކް އެވެ.

ކުރީގެ ފިލްމުގައި ދެ ރިއަލް އިސްޓޭޓް އޭޖަންޓުން އެމީހުންގެ ދެ ދަރިންނާއެކު ހޯންޓަޑް މޭންޝަންގައި ބަންދުވެ އެވެ. އެކަމަކު ރީމޭކްގައި ތަފާތެއް ގެނެސްފައިވެ އެވެ. އެގޮތުން މަންމައަކާއި ދަރިފުޅު ގެއަކަށް ބަދަލުވެ، އެގެއިން ރޫހުތައް ސާފުކުރުމަށް ޕެރެނޯމަލް އިންވެސްޓިގޭޓާ އަދި ޓުއާ ގައިޑަކާއި ފާދިރީއަކާއި ކޮލެޖް ހިސްޓްރީ ޕްރޮފެސަރަކާއި ސައިކިކްއެއްގެ އެހީ ހޯދަ އެވެ.

މި ފިލްމްގެ ކާސްޓުންގެ ތެރޭގައި ރޮޒާރިއޯ ޑޯސަން، ލާކީތް ސްޓޭންފީލްޑް، އޯވަން ވިލްސަން، ޑެނީ ޑިވީޓޯ، ޓިފަނީ ހަޑީޝް، ޖޭމީ ލީ ކާޓިސް، ވައިނޯނާ ރައިޑާ އަދި ޖެރެޑް ލެޓޯގެ އިތުރުން ހަސަން މިންހަޖް އާއި ޑޭން ލީވައި ހިމެނެ އެވެ.

މި ފިލްމާ ބެހޭގޮތުން މައިގަނޑު ގޮތެއްގައި އަދި ލިބެނީ ތައުރީފެވެ. އަދި މިއީ އާއިލާ އެއްކޮށް ބަލާލަން ރަނގަޅު ފިލްމެއް ކަމުގައި ބުނެފައި ވެއެވެ.