އެމްއެމްއޭ

ތުހުމަތުތަކުގައި ހަގީގަތެއް ނެތް، ފިޔަވަޅުއަޅަން ޖެހިދާނެ: އެމްއެމްއޭ

  • ދައުލަތުގެ ހަޒާނާ ބަލަހައްޓަނީ ހަރުދަނާ އުސޫލަކުން
  • ސިޔާސީ ފަރާތްތަކުން ޒިންމާދާރުވުމަށް ގޮވާލި
  • ތުހުމަތުތަކުން ބޭންކިން ސިނާއަތުގެ އަގު ވެއްޓިދާނެ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައި، ބަދުނާމް ކުރާ ފަރާތްތަކާއި މެދު ފިޔަވާލު އަޅާނެ ކަމަށް އެއިދާރާ އިން ބުނެފި އެވެ.

އެމްއެމްއޭ އިން މިހެން ބުނީ ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި އެމްއެމްއޭއާއި ގަވަނަރު އާޒިމާ އާދަމް ގުޅިގެން ރާއްޖެއަށް 1.5 ބިލިއަން ޔޫއެސް ޑޮލަރު ނަގުދު ފައިސާ ގެނެސްފައިވާ ކަމަށާއި އެފައިސާތައް އަމިއްލަ ފަރާތްތަކުގެ އެކައުންޓުތަކަށް ޖަމާކޮށްފައިވާ ކަމަށް އެމްޑީޕީގެ ޗެއާ ޕާސަން އަލީ ވަހީދު ބުނެފައިވާތީ އެވެ.

އެކަން ދޮގުކޮށް އެމްއެމްއޭ އިން ރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެފަދަ ވާހަކަތަކަކީ ދައުލަތުގެ މުއައްސަސާތަކާއި އިސްވެރިންގެ އިތުބާރާއި އަބުރާއި އިއްޒަތް ގެއްލުވާލުމަށް ދައްކާ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އަލީ ވަހީދުގެ ދެއްކެވި އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކުގައި ބޮޑެތި ދޮގުތަކާއި އޮޅުވާލުންތައް ހުރި ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އެގޮތުން ދައުލަތުގެ ހަޒާނާ ހުންނަނީ އެމްއެންޑީއެފްގައި ކަމަށް ބުނި އިރު، އެއީ ދޮގެއް ކަމަށާއި ހަޒާނާ ހުންނާނީ އެމްއެމްއޭގައި ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ. މީގެ އިތުރަށް ހަޒާނާއަށް ފައިސާ ޖަމާކުރުމުގެ ކަންކަން ކުރިއަށް ދަނީ ފިނޭންސާއި އޮޑިޓާ ޖެނެރަލް އާއި ރައްޔިތުން މަޖިލީހުގެ އިސްވެރިންގެ ހާޒިރުގައި ހަރުދަނާ އުސޫލަކުން ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ. އަދި ބުނެފައި ވަނީ ސަރުކާރަށް ލިބޭ ޖަމާ ކުރަނީ ޕަބްލިކް ބޭންކް އެކައުންޓަށް ކަމަށެވެ. އަދި ސަރުކާރު ކުންފުނިތަކުން ބޭނުން ބޭންކެއްގައި އެކައުންޓް ހުޅުވޭނެ ކަމަށާއި އެއީ އެމްއެމްއޭ އިން ބެހޭ ކަމެއް ނޫން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"މިފަދަ ހަގީގަތް ނެތް ވާހަކަތައް ދައްކައި، އެމްއެމްއޭއާއި އެމްއެމްއޭގެ އިސްވެރިން ބަދުނާމުކޮށް، ދޮގު އިލްޒާމު އަޅުވައި ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ވިސްނަމުން ގެންދާނަން،" ބަޔާނުގައި ބުނެފައިވެއެވެ.

އެމްއެމްއޭ އިން އިތުރަށް ބުނެފައިވަނީ ދައުލަތުގެ ހަޒާނާ އާއި ބެހޭގޮތުން ދޮގު ވާހަކަތައް ނުފެތުރުމަކީ ސިޔާސީ ވެރިންގެ ހައިސިއްޔަތުން އޮތް މުހިންމު ވާޖިބެއް ކަމަށެވެ. ހަޒާނާއާއި ބެހޭގޮތުން އާމުންގެ ހިތުގައި އޮންނަ އިތުބާރު ދަމަހައްޓައި ނެގެހެއްޓުމަކީ ސިޔާސީ ވެރިން ކޮންމެހެން ވެސް އުފުލަން ޖެހޭ ޒިންމާއެއް ކަމަށް އެމްއެމްއޭ އިން ދެކޭ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"މި ޒިންމާ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ ހުރިހާ ބޭފުޅުން ވެސް ވަރަށް ޒިންމާދާރުކަމާ އެކު އުފުއްލަވާނެ ކަމަށް އުންމީދު ކުރަމެވެ،" އެމްއެމްއޭގެ ބަޔާނުގައިވެ އެވެ.