ޑޮމެސްޓިކް އެއާޕޯޓް

މިދައުރުގައި އިތުރު ފަސް އެއާޕޯޓުގެ މަސައްކަތް ފަށާނަން: ރައީސް

ވެރިކަމުގެ މިދައުރުގެ ތެރޭގައި އިތުރު ފަސް އެއާޕޯޓެއްގެ މަސައްކަތް ފަށާނެ ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ހއ. ހޯރަފުށްޓަށް މިއަދު ކުރެއްވި ކެމްޕޭން ދަތުރުފުޅުގައި ރައީސް ވިދާޅުވީ މިވެރިކަމުގައި އަމަލީ މަސައްކަތް ފަށައި ނިންމި ފުރަތަަމަ އެއާޕޯޓަކީ ހޯރަފުށި އެއާޕޯޓް ކަމަށެވެ. އަދި މިވަގުތު އިތުރު ހަތަރު އެއާޕޯޓެއްގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވިދާޅުވި އެވެ. އެއީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީކުރުމާއި، ރ. އަލިފުށި، ފ. ބިލަތްދޫ، އަދި މުލި އެއާޕޯޓުގެ މަސައްކަތެވެ.

އެއާޕޯޓްތައް އަޅައި އަދި އެހެންވެސް ވަސީލަތްތައް ގާއިމުކުރުމުގެ ބޭނުމަކީ މުޅި ރާއްޖެ އެކުގައި ތަރައްގީކުރުން ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. މިސަރުކާރުން ގައުމަށް ގެންނަ ތަރައްގީ ރައްޔިތުން މިއަދު ބަލައިގަންނަ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހް މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި އަދި ވެރިކަމަށް ވަޑައިގަތުމަށްފަހު މީގެކުރިންވެސް ވަނީ ބައެއް ރަށްތަކުގައި އެއާޕޯޓްތަކެއް އަޅައިދިނުމަށް ވައުދުވެވަޑައިގެންފަ އެވެ.

އެއާޕޯޓް އެޅުމަށް ވައުދުވި ރަށްތައް

  • ހދ. މަކުނުދޫ
  • ށ. ބިލަތްފަހި
  • ރ. ބެރިޔަންފަރު
  • ބ. ތުޅާދޫ
  • ފ. މަގޫދޫ
  • ތ. ވިލުފުށި

މިރަށްތަކުގެ ތެރެއިން މިވަގުތު މަސައްކަތް ހިނގަމުންދާ ހަމައެކަނި ރަށަކީ ފ. މަގޫދު އެވެ. އެހެން ރަށްތަކުގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.

ކެމްޕޭންގައި މިމަހު ށ. ކޮމަންޑޫއަށް ވަޑައިގެން އެރަށް ކައިރީގައި އޮންނަ ށ. ކުޑަަފަރުގައި ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އެއާޕޯޓެއް އަޅައިދޭނެ ކަމަށްވެސް ރައީސް މިހާރު ވަނީ ވައުދުވެވަޑައިގެންފަ އެވެ.