ފިނިޕޭޖް

އިހްތިޖާޖާ ގުޅިގެން ހޮލީވުޑްގެ ފިލްމުތަކަށް ގެއްލުން ވަނީ

ހޮލީވުޑްގައި ލިޔުންތެރިންނާއެކު އެކްޓަރުންވެސް އިހްތިޖާޖުކުރަން ފެށުމުން ވަރަށް ގިނަ ފިލްމުތަކެއްގެ ޝޫޓިން އަދި ޕްރޮމޯޝަން ހަރަކާތްތައް ވެސް ހުއްޓިއްޖެ އެވެ.

އެމެރިކާގައި ހޮލީވުޑްގެ ފިލްމުތަކާއި ސީރީޒްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ލިޔުންތެރިން އިހްތިޖާޖުކުރަން ފެށީ މިދިޔަ މެއި މަހު އެވެ. އެކްޓަރުންގެ އިހްތިޖާޖު ފެށީ މިމަހުގެ 14 ވަނަ ދުވަހު އެވެ.

އިހްތިޖާޖުތަކާ ގުޅިގެން ފިލްމްތައް ނިންމަން ކަނޑައަޅާފައިވާ މުއްދަތަށް ނުނިންމި، އިތުރު ހަރަދުކުރަން ޖެހި، ރިލީޒްކުރާ ތަރީހުތައް ފަސްކުރަންޖެހޭ ހިސާބަށް ހާލަތު ވަނީ ބަދަލުވެފަ އެވެ.

މިފަހަރު މިގެނެސްދެނީ ޝޫޓިން / ޕްރޮޑަކްޝަން މެދުކެނޑިފައިވާ ނުވަތަ ހުއްޓިފައިވާ ބައެއް ފިލްމްތަކެވެ.

ބީޓްލްޖޫސް 2

"ބީޓްލްޖޫސް" ނެރުނުތާ 35 އަހަރުގެ ދިގު އިންތިޒާރަކަށްފަހު، މައިކަލް ކީޓަން، މައި ރޯލުގައި ހިމަނައިގެން ޓިމް ބާޓަން ހަދާ ސިކުއެލްގެ މައިގަނޑު ޝޫޓިން ނިމި، އެއް ސިކުއެންސް ޝޫޓްކުރުމަށް ތައްޔާރުވަމުން ދަނިކޮށް އެކްޓަރުންގެ އިހްތިޖާޖް ފެށި އެވެ. އެހެންވެ ޝޫޓިން ވަނީ ހުއްޓިފަ އެވެ.

ޑެޑްޕޫލް 3

"ޑެޑްޕޫލް 3" އިއުލާންކުރީ ތަފާތު ގޮތަކަށް އަދި ވުލްވަރިން އޭގައި ހިމެނޭނެކަން ހާމަކޮށްފަ އެވެ. މި ހަބަރުވީ ފޭނުންނަށް ވަރަށް ކަމުދިޔަ ހަބަރަކަށެވެ. މި ފިލްމްގެ ޝޫޓިން، ރަޔާން ރެނޯލްޑްސް ޑެޑްޕޫލްގެ ގޮތުގައި އަދި ހިއު ޖެކްމަން ވުލްވަރީންގެ ގޮތުގައި ހިމަނައިގެން ކުރިއަށް ދިޔައީ އިނގިރޭސިވިލާތު ގައެވެ. ނަމަވެސް އިހްތިޖާޖާ ގުޅިގެން މި ފިލްމުގެ މަސައްކަތްތަކަށްވެސް ވަނީ އަސަރުކޮށްފަ އެވެ.

ގްލޭޑިއޭޓާ 2

ރިޑްލީ ސްކޮޓް 2000 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމް "ގްލޭޑިއޭޓާ"ގެ ސިކުއެލް ނެރުމަށް ޕޯލް މެސްކަލް، ޑެންޒެލް ވޮޝިންޓަން އަދި ޕެޑްރޯ ޕާސްކަލް ފަދަ އެކްޓަރުންނާއެކު ހެދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. މި ފިލްމްގެ ޝޫޓިން ކުރިއަށް ގެންދިޔައީ މޮރޮކޯ ގައެވެ. މި ފިލްމަށްވެސް ވަނީ އިހްތިޖާޖުގެ ހިޔަނި އެޅިފަ އެވެ.

ޖޫރޯ 2#

ކްލިންޓް އީސްޓްވުޑްގެ މާޑާ ޓްރަޔަލްއެއްގެ ޑްރާމާ "ޖޫރޯ 2#"ގެ ޝޫޓިން ކުރިއަށް ގެންދިޔައީ ސެވާނާގައެވެ. މި ފިލްމުގައި ނިކޮލަސް ހޯލްޓް، ޓޯނީ ކޮލެޓް، ކީފާ ސަދާލޭންޑް، ޒޯއީ ޑަޗް އަދި ލެސްލީ ބިބް ހިމެނެ އެވެ. މި ފިލްމު ވެސް މިހާރު ވަނީ ޝޫޓިން މެދުކެނޑިފަ އެވެ.

ލީލޯ އެންޑް ސްޓީޗް

ޑިޒްނީއިން 2002 ގައި ނެރުނު އެނިމޭޓެޑް ފިލްމް "ލީލޯ އެންޑް ސްޓީޗް"ގެ ލައިވް އެކްޝަން ފިލްމް ހަވާއީގެ އޮއާހޫގައި ކުރިއަށް ދިޔަ އެވެ. ޑީން ފްލައިޝާ ކޭމްޕް ޑައިރެކްޓް ކުރާ ފިލްމްގެ ޝޫޓިން ކުރިން ހަމަޖެހިފައި އޮތީ އަންނަ މަހު ނިންމާލާ ގޮތަށެވެ. އެކަމަކު އެކަން ކާމިޔާބު ވާނެ ކަމާ ދޭތެރޭ މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

މައިންކްރާފްޓް

"މައިންކްރާޕްޓް" ގޭމަށް ޖޭސަން މޮމޯއާއެކު ހަދާ ފިލްމުގެ ޝޫޓިން ކުރިން ހަމަޖެހިފައި އޮތީ އަންނަ މަހު ނިއުޒީލޭންޑްގައި ފެށުމަށެވެ. އެކަމަކު އިހްތިޖާޖާ ގުޅިގެން މި ފިލްމުގެ ޝޫޓިންއާ ގުޅޭގޮތުން ޕްރޮޑަކްޝަން ޓީމުން ވާހަކައެއް ނުދައްކަ އެވެ.

މިޝަން އިމްޕޮސިބަލް: ޑެޑް ރެކަނިން ޕާޓް 2

ޓޮމް ކްރޫޒްގެ ކާމިޔާބު އެކްޝަން ފިލްމް ސީރީޒް "މިޝަން އިމްޕޮސިބަލް"ގެ "މިޝަން އިމްޕޮސިބަލް: ޑެޑް ރެކަނިން ޕާޓް 1" މި މަހު ރިލީޒްކުރާނެ އެވެ. މި ފިލްމުގެ ޕާޓް 2ގެ ބޮޑެތި އެކްޝަން މަންޒަރުތައް ޝޫޓްކޮށް ނިމިފައިވާއިރު އަދިވެސް ބައެއް މަންޒަރުތައް ނަގަން އެބަހުއްޓެވެ. މި ފިލްމުގެ ޝޫޓިން ކުރިން މެދުކެނޑިފައިވަނީ ޑައިރެކްޓަރު ކްރިސްޓޮފާ މެކުއޭރީ އާއި ޓޮމް ކްރޫޒް އާއި އެހެން ކާސްޓް މެމްބަރުން "މިޝަން އިމްޕޮސިބަލް: ޑެޑް ރެކަނިން ޕާޓް 1" ޕްރޮމޯޓްކުރުމަށް ޓުއާ ފެށުމުންނެވެ. ނަމަވެސް މިހާރު ހިޔަނި އެޅިފައިވަނީ އިހްތިޖާޖާ ގުޅިގެންނެވެ.

މޯޓަލް ކޮމްބެޓް 2

"މޯޓަލް ކޮމްބެޓް" ވީޑިއޯ ގޭމަށް ބިނާކޮށް ސައިމަން މެކްއޮއިޑް ޑައިރެކްޓް ކުރާ މި ފިލްމުގެ ޝޫޓިން ކުރިއަށް ދިޔައީ އޮސްޓްރޭލިއާ ގައެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ކާލް އާބަން، ހިރޮޔޫކީ ސަނާޑާ، ޑޭމަން ހެރިމަން އަދި ޖެސިކާ މެކްނެމީ ހިމެނެ އެވެ.

ވެނަމް 3

ޑައިރެކްޓާ ކެލީ މާސެލް ޓޮމް ހާޑީގެ އެންޓި-ހީރޯ "ވެނަމް" ފިލްމް ސީރީޒްގެ ތިންވަނަ ފިލްމްގެ ޝޫޓިން ފެށީ މިދިޔަ މަހު ސްޕޭން ގައެވެ. މި ފިލްމްގައި ޖޫނޯ ޓެމްޕަލް އާއި ޗްވެތަލް އެޖިއޯފޯ ވެސް ހިމެނެ އެވެ. އެކަމަކު އިހްތިޖާޖާ ގުޅިގެން މަސައްކަތްތައް ދަނީ މަޑުދުވެލީ ގައެވެ.