ނެޓްފްލިކްސް އިން ހަދަމުން އައި "މާސްޓާސް އޮފް ދި ޔުނިވާސް" ކާޓޫނުގެ ލައިވް-އެކްޝަން ފީޗާ ފިލްމް ހުއްޓިއްޖެ އެވެ.
"މާސްޓާސް އޮފް ދަ ޔުނިވާސް" އާއި އޭގެ ސްޕިން-އޮފް "ޝީ-ރާ" އަކީ 1980 އާއި 1990ގެ އަހަރުތަކުގައި އުފަންވި މީހުންނަށް ވަރަށް ކަމުދިޔަ ސީރީޒްތަކެކެވެ. "މާސްޓާސް އޮފް ދި ޔުނިވާސް" އަކީ ބާބީ ބުދު ހެދި ކުންފުނި -- މެޓެލް އިންކްގެ މިލްކިއްޔާތެކެވެ.
މި ޕްރޮޖެކްޓް ހުއްޓުނު ކަމުގެ ހަބަރު ވަނީ މެޓެލް އިންކް އިން ކަށަވަރުކޮށްދީފަ އެވެ. އެހެން ނަމަވެސް ނެޓްފްލިކްސް އިން މިކަމަށް އަދި ވަކި އެއްޗެއް ނުބުނެ އެވެ.
"މާސްޓާސް އޮފް ދި ޔުނިވާސް"ގެ ލައިވް އެކްޝަން ފިލްމުގައި ޕްރިންސް އެޑަމް / ހީ-މޭންގެ ރޯލް އަދާކުރުމަށް ކާސްޓްކޮށްފައިވަނީ ކައިލް އެލަން އެވެ. އަދި ޑައިރެކްޓް ކުރުމަށް ހަމަޖެހުނީ "ދަ ލޮސްޓް ސިޓީ" ޑައިރެކްޓްކުރި ނީ ބްރަދާސް ކަމުގައިވާ އާރޮން އާއި އެޑެމް އެވެ.
ވެރައިޓީން ބުނީ މި ފިލްމްގެ ޑިވެލޮޕްމަންޓް އަދި ލީޑް އެކްޓަރާއި ޑައިރެކްޓަރުން ރިޒާވްކުރުމަށް 30 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށެވެ.
ނެޓްފްލިކްސް އިން މި ފިލްމަށް ފުރަތަމަ ކަނޑައަޅާފައިވަނީ 200 މިލިއަން ޑޮލަރު ކަމަށް މައުލޫމާތު ލިބެ އެވެ.
ނެޓްފްލިކްސްގެ ހިއްސާގެ އަގު ހިއްސާގެ ބާޒާރުގައި ދަށަށް ގޮސް ލިބުނު ގެއްލުންތަކާއި ހިއްސާދާރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅައި، ބައެއް ޕްރޮޖެކްޓްތަކަށް ބަދަލު ގެނެސްފައިވެ އެވެ. އެހެންވެ ފަހުން ނިންމީ ފިލްމަށް 150 މިލިއަން ޑޮލަރު ދިނުމަށެވެ.
ކައިލް އެލަން ފަދަ އަރަމުން އަންނަ އާ ތަރިއަކަށް ބޮޑު ހޭދައެއް ކުރަން ނެޓްފްލިކްސް އިން ފަހުން ބޭނުންނުވީ އެވެ. އެހެން ނަމަވެސް އިތުރު މަޝްވަރާތަކަށްފަހު ޕްރޮޑިއުސަރުން މިހާތަނަށް ކޮށްފައިވާ ހަރަދާއެކު 180 މިލިއަންގެ ބަޖެޓެއް ހުށަހަޅާ، އެއް ފަހަރާ މި ފިލްމާއެކު ސިކުއެލްއެއްގެ ޝޫޓިން ކުރިއަށް ގެންދަންވެސް ހުށަހެޅި އެވެ. ނަމަވެސް ނެޓްފްލިކްސްއާ އެކު އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށްވެ އެވެ.
މި ޕްރޮޖެކްޓްގެ ބަޖެޓްގެ މައްސަލައިގެ އިތުރުން ހޮލީވުޑްގައި މިހާރު ކުރިއަށްދާ އިހްތިޖާޖަކީ ވެސް މި ފިލްމްގެ ޕްރޮޑަކްޝަނަށް ދިމާވި އިތުރު ބޮލުގަރިހުމެކެވެ. މި އިހްތިޖާޖު ނިމޭއިރު ކައިލް އާއި ނީ ބްރަދާސް ޝޫޓިން އަށް ހުސްނުވެ، އެހެން ޕްރޮޖެކްޓްތަކާ ވެސް ގުޅިދާނެ އެވެ.
"މާސްޓާސް އޮފް ދި ޔުނިވާސް" އަށް 1987 ގައި ވެސް ދެރަވަރުގެ ލައިވް އެކްޝަން ފިލްމެއް ވަނީ ހަދާފަ އެވެ.