ދުނިޔެ

ރަޝިއާގެ ރައީސް ޕޫޓިން ބްރިކްސް ސަމިޓަށް ދެކުނު އެފްރިކާއަށް ވަޑައިނުގަންނަވާނެ

ދުނިޔެއަށް ބާރުގަދަކުރަމުން އަންނަ އިގުތިސާދީ ޖައިމިއްޔާއެއް ކަމަށްވާ ބްރިކްސްގެ އަހަރީ ސަމިޓްގައި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށް ދެކުނު އެފްރިކާގެ ރައީސް ސައިރަލް ރޯމޯޕޯސާ ވިދާޅުވެއްޖެ އެވެ.

މި އަހަރު ބްރިކްސް ސަމިޓް އޮންނާނީ އޯގަސްޓް 22 – 23 ގައި ދެކުނު އެފްރިކާގެ ވެރިރަށް ޖޮހަނަސްބާގް ގައެވެ.

ރޯމޯޕޯސާ ވިދާޅުވި ގޮގުތައި މިގޮތަށް ހަމަޖެއްސެވީ ޕޫޓިންއާ ވަރަށް ގާތުން އަދި ވަރަށް ދިގުކޮށް މަޝްވަރާކުރެއްވުމަށް ފަހު އެވެ. އެއީ ދުނިޔޭގެ ސިޔާސީ މަސްރަހު މިހާރު ބައްޓަންވެފައި އޮތް ގޮތުން ދެކުނު އެފްރިކާއަށް ޕޫޓިން ވަޑައިގަތުން އެދެވިގެން ނުވާތީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރަޝިއާގެ ފަރާތުން ބްރިކްސް ސަމިޓްގައި ބައިވެެރިވެ ވަޑައިގަންނަވާނީ އެ ގައުމުގެ ޚާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް އެވެ. ޕޫޓިން ދެއްވާ ޚާއްސަ މެސެޖެއް ބައިވެރިންނަށް އިއްވުންވެސް މި ސަމިޓްގައި އޮންނާނެ އެވެ.

ލަޑިމިއާ ޕޫޓިންއަށް މި ޝަރަފު ގެއްލިވަޑައިގަތީ ޔުކްރޭން ހަނގުރާމައިގެ ސަބަބުންނެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަނެ ހިންގަމުން ގެންދާ އުދުވާނީ ހަމަލާތައް ހުޅަނގުން ކުށްވެރިކުރުމުގެ އިތުރުން ޕޫޓިން އަކީ ހަނގުރާމައިގެ ކުށްވެރިއެއް ކަމަށް އޮތީ އިއުލާންކޮށްފަ އެވެ. އަދި ހަނގުރާމައިގެ ކުށްވެރިން ހިފައި ހައްޔަރުކުރުމަށް -- އަމިއްލައަށް ބާރުލިބިގަނެގެން އުޅޭ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން އޮތީ ޕޫޓިން ހައްޔަރުކުރަން އަމުރުވެސް ނެރެފަ އެވެ.

ދެކުނު އެފްރިކާ އަކީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ މެމްބަރަކަށް ވުމުން އެ ކޯޓުން ނެރޭ އަމުރުތަކަށް ތަބާވެ ތަންފީޒުކުރުމަކީ އެ ގައުމަށް ލާޒިމު ކަމެކެވެ. އެހެންކަމުން ދެކުނު އެފްރިކާއަށް ޕޫޓިން ވަޑައިގެންފިނަމަ އޭނާ ހައްޔަރުކުރުން އެ ގައުމަށް ލާޒިމްވެ އެވެ.

ދެކުނު އެފްރިކާއަށް ޕޫޓިން ވަޑައިގެންނެވި ނަމަވެސް އޭނާ ހައްޔަރުކުރުމަކީ އެ ގައުމުން ކުރާނެ ކަމެއް ކަމަކަށް ނުބެލެވެ އެވެ. އެހެން ނަމަވެސް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓާއި ހުޅަނގުގެ ނުފޫޒުގަދަ ގައުމުތަކާ ހެދި ޕޫޓިންއާ މެދު ކޮންމެވެސް ވިޔަވަޅެއް އެޅުމަކީ ދެކުނު އެފްރިކާއަށް މަޖުބޫރު ކަމަކަށް ވެދާނެ އެވެ.

މިހެން ކަން އޮތުމުން ރަޝީއާއަށް އަދި ދެކުނު އެފްރިކާއަށް ވެސް އޮތް އެންމެ ތަނަވަސް ގޮތަކީ ޕޫޓިން ބްރިކްސް ސަމިޓަށް ވަޑައިނުގެންް ގައުމުގައި -- ރަޝިއާގައި މަޑުކުރެއްވުމެވެ. މިހެން ކަންތައްތައް ފުރޮޅިގެން ދިއުމުން ޕޫޓިން ބްރިކްސް ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާނީ ވީޑިއޯ ލިންކް މެދުވެެރިކޮށެވެ.

ލަޑިމިއާ ޕޫޓިން ދެކުނު އެފްރިކާއަށް ވަޑައިގަތް ނަމަވެސް އޭނާ ހައްޔަރުނުކުރާނެ ކަމަށް ދޭހަވާ ގޮތަަށް ރޯމޯޕޯސާ ވަނީ ވާހަކަދައްކަވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޕޫޓިން ހައްޔަރުކޮށްފިނަމަ ބޮޑު ހަނގުރާމައެއް ފެށުމަކީ އޮތް ބިރެކެވެ.