ޓޫރިޒަމް

ޖީއެމް ފޯރަމް އޮކްޓޯބަރުގައި ބާއްވަނީ

މި އަހަރުގެ ޖެނެރަލް މެނޭޖާސް (ޖީއެމް) ފޯރަމު އަންނަ އޮކްޓޯބަރު މަހު ބޭއްވުމަށް ނިންމައިފި އެވެ.

މި ފޯރަމް ބޭއްވުމަށް ކުރިން ނިންމީ ސެޕްޓެމްބަރު މަހު އެވެ. ނަމަވެސް ޖީއެމް ފޯރަމު އިންތިޒާމްކުރާ ހޮޓެލިއަ މޯލްޑިވްސް އިން ބުނީ މިއަހަރުގެ ޖީއެމް ފޯރަމް އޮންނާނީ 19 އޮކްޓޯބަރުގައި ކަމަށެވެ.

"އިނޮވޭޝަން އެންޑް ޓެކްނޮލަޖީ ފޯ ސަސްޓެއިނެބިލިޓީ"ގެ ނަމުގައި މި އަހަރުގެ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަނޑޮސް މޯލްޑިވްސް ރިސޯޓު ގައެވެ.

ހޮޓެލިއަ މޯލްޑިވްސް އިން ބުނީ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމާ ގުޅޭގޮތުން މި އަހަރުގެ މައުލޫއުގެ ތެރެއިން މަޝްވަރާތައް ކުރާނެ ކަމަށެވެ.

ވަކި މައުލޫއެއްގައި ފޯރަމް ކުރިއަށް ގެންދިޔުމަކީ އަދި މިއަހަރު މުޅިން އަލަށް ކުރާ ކަމެކެވެ. އަދި ކުރިއަށް އޮތް ތާންގައި ކޮންމެ އަހަރަކުވެސް ފޯރަމް ކުރިއަށް ގެންދާނީ މިގޮތަށް ވަކި ޝިއާރެއް ކަނޑައަޅައިގެން ކަމަށް ހޮޓެލިއަ މޯލްޑިވްސްއިން ބުނެ އެވެ.

ޖީއެމް ފޯރަމް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު އެވެ. މި ފޯރަމްގެ ބޭނުމަކީ ރިސޯޓު ހިންގުމާއި އަދި އާންމުކޮށް ރާއްޖެއާއި ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި ފުރުސަތުތަކާއި ބެހޭގޮތުން މައުލޫމާތާއި ހިޔާލު ބަދަލުކުރުމާއި މިދާއިރާގައި އިސްކޮށް މަސައްކަތް ކުރާ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ފުރުސަތު ހުޅުވާލުމެވެ.