މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

މާދަމާ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނެ

ކުރިއަށް އޮތް ހަފްތާ ބަންދުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ -- މެޓް އޮފީހުން ލަފާކޮށްފި އެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދުވެސް މޫސުން ގޯހެވެ.

މެޓް އޮފީހުން ވަނީ ހދ. އަތޮޅުން ފެށިގެން ވ. އަތޮޅަށް މިއަދު އިރުއޮއްސި 6:00 ޖަހަން ދެން ވައިޓް އެލާޓްވެސް ނެރެފަ އެވެ.

ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދު ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގާތްގަޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.

މެޓް އޮފީހުން ބުނީ މާދަމާވެސް ރާއްޖޭގެ އުތުރާއި މެދުރާއްޖޭގެ ރަށްތަކަށް ގުރުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. މާދަމާ ދެކުނުގެ އަތޮޅުތަކަށްވެސް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މޫސުން ގޯސް ވަގުތުތަކުގައި ރާޅުގެ އުސްމިން ދެފޫޓާއި ހަފޫޓާއި ދެމެދަށް އުފުލޭނެ ކަމަށްވެސް ބުންޏެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުން ސަމާލުވެގެން ނޫނީ ދަތުރުތައް ނުފެށުމަށް ކަމާ ގުޅޭ އިދާރާތަކުން ވެސް ގެންދަނީ އިލްތިމާސް ކުރަމުންނެވެ.