( 18 ޖުލައި 2023 އާ ގުޅޭ )
ބިންމަތީ ޖެހިފައި އޮތް ގަހެއްގެ އޮފިގަނޑު މަތިން ޝިފާލީ ގިރާކޮށްލިއެވެ. އޭރު ފުދޭވަރަކަށް ގަސްތަކުތެރެއަށް އޭނާ ހުރީ ވަދެވިފައިކަން އެނގެއެވެ. އިތުރަށް ކުރިޔަށް ދިއުމުގެ ބަދަލުގައި އޭނާ ފައިސަލްއަށް ގުޅިއެވެ. ކޯލުކުރި ގަޑީ ފޯނުގެ ބައްތި ނިއްވިއްޖެއެވެ. ޝިފާލީގެ މޭގަނޑު ފިނިވިއެވެ. ކުއްލިއަކަށް އަނދިރިކަން އޭނާ ވަށާލައިފިއެވެ. ޝިފާލީ ބިރުން ހުރިކަމުގެ އިޙްސާސް އަހަރެންނަށް ކުރެވުނެވެ. ކަންފަތުގައި ފޯނު ޖައްސާލައިގެން ހުރެ އޭނާ ކޮޅުކޮޅަށް ބަލައެވެ. އެއްވެސް ތަނެއް ޝިފާލީއަކަށް ނުފެނެއެވެ. ހަނދުވަރުދޭ ރެއެއް ވެސް ނޫނެވެ. ވިއްސާރައިގެ ބޯ ކަޅު ވިލާތަކުން އުޑުމަތި ވަކިން އަނދިރިކޮށްލާފައި ވެއެވެ. ތަނެއްދޮރެއް ވަކިނުވާ ހާލުގައި ޝިފާލީ ހުއްޓެއްކަމަކު އަހަރެންނަށް ހުރިހާ މަންޒަރެއް އެބަފެނެއެވެ. އެކަމާ ހައިރާންވެސް ވިއެވެ. އަލިކޮޅެއް ވަންނާނޭ ދިމާލެއް ނެތި ވަށައިގެންވާ ގަސްތަކުގެ ތެރެއަށް ވެރިފައި އޮތް ކަނުއަނދިރިކަމުގެ ތެރެއިން އަހަރެންނަށް ހުރިހާ ތަނެއް ފެންނަނީ ދުވާލުގެ އަލިކަން ފަދަ ސާފުކަމާއެކީގައެވެ. ޝިފާލީއަށްވުރެ ކުރީން ގަސްތަކުގެ ތެރެއިން ފައިސަލް އަހަރެންނަށް ފެނުނީ އެހެންވެއެވެ. އަނދިރިގަނޑުގައި އޭނާ ވަކިކުރަން ފަސޭހައެއް ވެސް ނުވާނެއެވެ. އޭނާ ލައިގެން ހުރީ ކަޅު އެއްޗިއްސެވެ. ސޯޓަކާއި ޖާޒީ ފޮތީގެ ޓީޝާޓެކެވެ. އެނާގެ ސޯޓުގެ ޖީބުން ފޯނު ނެގިއެވެ. ޝިފާލީގެ ކޯލު ކަނޑާލައި ފޯނުގެ ބައްތި ދިއްލާލިއެވެ. އެ އަލިކަން ޝިފާލީއަށް ފެނުނެވެ.
"ފައިސަލް." ޝިފާލީ ޔަގީންކޮށްލަން ގޮވާލި ފަދައެވެ. އޭނާ ވެސް އަވަހަށް ފޯނުން އަލިކޮށްލިއެވެ. ފައިސަލް އަންނަ ދިމާއަށެވެ. ފޯނުގެ އަލި ފޯރާ ހިސާބު ކައިރިޔަށް ފައިސަލް އައުމާއެކު ޝިފާލީ ހިނިތުންވެލައިފިއެވެ. އެއީ ފައިސަލްކަން އޭނާއަށް ޔަގީންވީއެވެ.
"މިތަނަށް ކީއްކުރަން އަންނާށޭ ބުނީ." ޝިފާލީ އަހާލިއެވެ.
"މިރޭ މާ މީހުން ގިނަވީމަ." މިހެންބުނެ ޝިފާލީގެ މޫނުގައި ގޯނާ ކުރަމުންދިޔަ އިސްތަށިތައް އެއްފަރާތްކޮށްލުމަށް ކަންފަތް ކައިރިއަށް ލައްވާލަ ދިނެވެ. އަދި ޝިފާލީގެ އަތުގައި އޮތް ކޯކު ދަޅު ނެގިއެވެ.
"އަހަރެން ހީކުރީ ފައިސަލް ބައިވެރިވާނެކަމަށް. ކުޑަވަގުތުކޮޅަކަށް އެންމެންނާއެކީ މަޑުކޮށްނުލެވޭނެތަ." ޝިފާލީ ބުންޏެވެ.
"ޝިފޫއަށް އެނގެއެއްނު މީހުންގެ ތެރެއަށް ނުކުމެ އުޅޭން އަހަރެން ބޭނުންނުވާކަން. އެމީހުން ޖަހާ ސަކަރާތުގައި އަހަރެން ބައިވެރިވާ ހިތެއްނުވޭ... އެތަނަށް ނުދިޔަޔަސް އަހަރެން މިހާރު މިހުރީ ޝިފޫ ކައިރީގައެއްނު. އާދެބަލަ." ޝިފާލީގެ އަތުގައި ފައިސަލް ހިފާލީ ހިނގައިގަންނަން އުޅޭ މީހަކު ފަދައިންނެވެ.
"އަދިވެސް އެތެރެއަށްތަ ދަނީ. ފޯނުގައި އެހާ ޗާޖެއް ވެސް ނެތް." އަދިވެސް ފައިސަލް ބޭނުންވަނީ ވާގަނޑުގެ އެތެރެއަށް ވަންނަންކަން އެނގުމުން ޝިފާލީ ޖެހިލުންވިއެވެ.
"ޓޯޗެއް އެބޯތޭ." ސޯޓުގެ ޖީބުން ނެގި ކުޑަ ޓޯޗު ފައިސަލް ދައްކާލިއެވެ.
ނުދާން ހުރެފައި ވެސް ފައިސަލްއާއެކު ޝިފާލީ ހިނގައިގަތެވެ. އެހިނދު ވާރޭ އޮއްސާލީ ހަމަކުއްލިއަކަށެވެ. ގަސްތައް ބޯކަމުން ބިންގަނޑާ ހަމައަށް ވާރޭގެ އަސަރު ކުރާން ވަގުތު ނެގިއެވެ.
"ވާރޭ އެ އޮއްސާލީ. އަހަރެން ބޭނުމީ އެނބުރިދާން." ފިޔަވަޅު މަޑުޖައްސާލުމާއެކު ޝިފާލީ ބުންޏެވެ. ފައިސަލް ގަޔާނުވިކަން އޭނާގެ މޫނުން ފާޅުވެލިއެވެ. ޝިފާލީގެ ފޯނު ރިންގުވާންފެށިއެވެ. ފައިސަލް ޗަސްޖަހާލިއެވެ. އޭނާގެ އެ ޢަމަލުން ޝިފާލީ ހައިރާންވިކަން ގައިމެވެ. އެފަދަ ހިތްހަމަނުޖެހުމެއް މި ނޫނީ ފައިސަލް ދައްކާފައި ނުވާތީއެވެ.
"ފަރީ އެ ގުޅަނީ. އަހަރެން ނުފެނިގެން ކަންނޭނގެ." ފޯނަށް ބަލާލަފައި ޝިފާލީ ބުންޏެވެ. ފޯނުކޯލަށް ޖަވާބެއް ނުދީ ޝިފާލީ ހުރީ ފައިސަލްއަށް ބަލާށެވެ. ރިންގުވެފައި ކޯލު ކެނޑުނީއެވެ. ދެން ވެސް ފައިސަލް އެއްޗެކޭ ނުބުންޏެވެ. އޭނާ ކަމަކާ ވިސްނަނީ ކަހަލައެވެ. ފައިސަލްއަށް ޝިފާލީ ގޮވާލިއެވެ. އެނބުރިދާން ހިނގާށޭ އިޝާރާތްކުރާ ފަދަ އަސަރެއް ޝިފާލީގެ ވިއެވެ.
"ޝިފާ... ޝިފާލީ..." ފަޒީލާއި ފަރީލާގެ އިތުރުން ހުސެންގެ އަޑު ދުރުން އިވުނެވެ. އެމީހުން ޝިފާލީ ހޯދަނީކަން ޔަގީނެވެ.
"ދެ މީހުން އެކުގައި ފެނުނީމާ ކަމަކު ނުދާނެ. ހިނގާ... ވަކި ހިސާބަކަށް އަހަރެން ޝިފޫއާއެކީ ދާނަން." ފައިސަލް ބުންޏެވެ. އޭނާގެ އެ ނިންމުން އިވިފައި ޝިފާލީ ހިތްހަމަޖެހުނުކަން އެ މޫނުން ފާޅުވެލިއެވެ. އޭރު އޮފިގަނޑުތަކާއި ފަތްތަކުން ފައިބަމުންދާ ފެނުން އޭގެ ދެ މީހުން ވެސް ތެމެން ފަށައިފިއެވެ. ޝިފާލީ ގޮވައިގެން ގެސްޓްހައުސް ފެންނަ ހިސާބަށް ފައިސަލް އައެވެ. ކުރިމަތިން ފެންނަން އޮތީ ވަލުތެރެއަށް ޝިފާލީ ވަދެގެން އައި މަގެވެ. އެހެންވެ ވަލުތެރޭން ނުކުންނާކަށް ޝިފާލީއަށް އުނދަގުލެއް ނުވިއެވެ.
"ފަރީ... ފެނިއްޖެ." ޝިފާލީ ގަސްތަކު ތެރެއިން ނުކުތްތަން ފުރަތަމަ ފެނުނީ ފަޒީލަށެވެ. އެހެންވެ އޭނާ ގޮވާލީ ނިކަން ބާރަށެވެ. ވާރޭގެ ތެރޭގައި ވެސް އޭނާގެ އަޑު ފަރީލާމެންނާ ހަމައަށް ފޯރާނޭ ވަރަށެވެ.
"ޝިފާލީ ނުފެނިގެން ފަރީ ރައްޔިތުން އެއްކުރާ ހިސާބުގައި ހުރީ... ވާގަނޑުތެރެއަށް މިގަޑީގައި ވަނީ ކީއްކުރަން؟. ބިރުކުޑަ ކުއްޖެކޭ ދޯ." ޝިފާލީ ގޮވައިގެން ގެސްޓްހައުސްގެ ވަލު ދޮރުން ވަންނަން ފަޒީލު އައެވެ. އޭރު ގަސްތަކުތެރޭ ސިއްރުން ބަލަން ފައިސަލް ހުއްޓާ އަހަރެން ދުށީމެވެ. އެވަގުތު އެ މޫނުން ފާޅުވޭވޭ ހުރި އަސަރުތައް އަހަރެން މި ދުށީ މުޅިން އަލަށެވެ. ޖެހިލުންވާފަދަ ނުރައްކާތެރިކަމެއް އޭނާގެ ބެލުމުގައި ވާންވީ ކީއްވެބާއެވެ.
"ކުކުޅު އުޅޭތަ އެދިމާ ވާގަނޑުގައި." ޝިފާލީ ބުންޏެވެ. އޭނާ ދިޔައީ ފައިސަލްއާ ބައްދަލުކުރާން ކަމެއް ނުބުންޏެވެ. އެފަދަ ޝައްކެއް ވެސް ވާން އޭނާ ނޭދޭ ކަހަލައެވެ.
"ވަލު ކުކުޅެއް ކަންނޭނގެ... މިރޭ ފިހެލަން ހިފަންތަ އުޅުނީ." ފަޒީލުގެ އަޑުގައިވީ ސަމާސާއެވެ. އޭނާގެ ވާހަކައާއެކީ ހީނ ވެސް ލިއެވެ.
ވާރޭގެ ސަބަބުން ބާބެކިއު ހުއްޓައެއް ނުލިއެވެ. ގެންގުޅުނު ސާމާނުތައް ހިފައިގެން އެންމެން އައިސް ތިބީ ހަޓު ތެރޭގައެވެ. މޭޒެއްގެ މަތީ ބަހައްޓާފައި ހުރި ކުޑަ އިސްޕީކަރަކުން ބޮޑިބެރު ލަވައެއްގެ އަޑު އިވިއިވި ހުއްޓެވެ. އެ ދިމާއަށް އެއްވެ ތިބި މީހުންގެ އަޑު ވަކިން ގަދައެވެ. ފަޒީލާއެކު ހަޓުގެ ތެރެއަށް ޝިފާލީ ވަނެވެ. އޭރު ފަޒީލުގެ ރައްޓެހި ދެ ފިރިހެން ކުދީންނާއި ފަރީލާއާއި ހުސެން ވެސް އައިސް ހަޓަށް ވަންނަނީއެވެ. ފަރީލާ އައިގޮތަށް ހިފީ ޝިފާލީގެ އަތުގައެވެ. އެކުވެރިޔާގެ އަތުގައި ހިފައިގެން އޭނާ އެއްފަރާތްވެލީއެވެ.
"އެނގޭތަ އަހަރެން ހާސްވީވަރު. ޝިފާލީ ދަމުން ބުނެލިނަމަ... އެހެންނޫނަސް އެކަނިމާއެކަނި އެއްވެސް ދިމާލަކަށް ގޮސްގެން ނުވާނެ. މީހުން ކިތަންމެ ރަނގަޅަސް މީ އަހަރެމެންނަށް ބީރައްޓެހި ރަށެއް. ކަމެއްވާނީ ބުނެފައެއްނޫން." ފަރީލާގެ ހުރީ ވަރަށް ކަންބޮޑުވެފައިކަން ޝިފާލީއަށް ވެސް އެނގުނެވެ.
"ދުރަކަށް ނުދަމޭ. ގެސްޓްހައުސް ފެންނަ ހިސާބުގައޭ ހުރީ. ތި މީހުން ގޮވި އަޑު އިވުނީމަ މިއައީނު އަވަހަށް. ތިވަރަށް ހާސްނުވެބަލަ ފަރީ. ކަންކަން ނުވިސްނޭވަރު ކުޑަކުއްޖެއް ނޫނޭ އަހަންނަކީ... އަހަރެން ވެސް އެނބުރި އަންނަން ނޭނގޭހާ ދުރަކަށް ނުދާނެއެއްނު. ހަމަޖެހޭ ދެން. އެހެންނޫނީ މިރޭގެ ފޯރި ކުޑަވެދާނެ. މިރޭ ދޯ މިކޮޅުގައި މަޖާކޮށްލަން ދެން ލިބޭނީ." ޝިފާލީ ބުންޏެވެ. އެކުވެރިޔާއަށް ބަލަން ހުރެފައި ފަރީލާ ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
އެންމެން ކައި ނިމުނުއިރު ވެސް ވާރޭ ހުއްޓާ ނުލައެވެ. އެހެންވިޔަސް އަޑުފަށްގަނޑު މަޑެއް ނުވިއެވެ. ފަރީލާއާއި ޝިފާލީގެ ފަރި ހަރަކާތްތައް ދައްކާލުމަށް އެންމެން އެދެން ފެށިއެވެ. ނަށާލާ ކަހަލަ ލަވައެއް ވެސް ކުއްޖަކު ފޯނުން ޖަހާލިއެވެ. ފަރީލާ އެކަނި އަރާކަށް އެއްބަހެއްނުވިއެވެ. ހަޓުތެރޭ ތިބި ޒުވާނުންގެ ތެރެއިން ކުއްޖެއްގެ އަތުގައި ހިފައިގެން ފަރީލާ ނުކުތެވެ. ހަޓުގެ ވަށައިގެންވީ ލަކުޑި ރެއިލިން ކައިރިއަށް އެންމެން ޖެހި ތިބީ މެދުގައި ފަރީލާއަށް ޖާގަ ހަދައިދީގެންނެވެ. ޖަހަންވީ ކޮންލަވައެއްކަން ބުނީ ފަރީލާއެވެ. އޭނާ އެއްބަސްވީތީ ވަކިން ފޯރި ގަދަވެއްޖެއެވެ. ހެވިފައި ހުރި ޝިފާލީއަށް އެހެންކަން ވާނީ މާކުރިން ވެސް އެނގޭ ކަހަލައެވެ.
"ޝިފާގެ ޑޭންސެއް ފެންނާނެތަ." ކައިރީގައި ހުރި ފަޒީލު އަހާލިއެވެ. ޝިފާލީ ބަލާލީ ދެ ޚިޔާލެއްގައި ހުރި މީހަކު ފަދައިންނެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ގެސްޓްހައުސްގެ މައިދޮރު ކައިރިޔަށް ނުކުމެ ހުރި ފައިސަލްއެވެ. ރަކި ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވިއެވެ.
ނަށަން ހުރެފައި ފަރީލާ އައިސް ޝިފާލީގެ އަތަށް ދަމާލަމުން މެދަށް ނެރުނެވެ. ހިނިތުންވެލައިގެން ހުރި ޝިފާލީ އެންމެންނަށް ބަލާލިއެވެ. އެންމެންގެ ތަރުހީބުގެ ބަސްތައް އިވުނެވެ. ފަޒީލުގެ އަޑު އެންމެންނަށްވުރެ ގަދައެވެ. ފޯނު ނަގައި ފަރީލާގެ އަތަށް ޝިފާލީ ދިއްކޮށްލިއެވެ. އަދި ހަޓުން ބޭރަށް ނުކުތެވެ. އެންމެން ހީކުރީ ޝިފާލީ ފިލަން އުޅެނީ ކަމަށެވެ. އެންމެން އަޑުގަދަކޮށްލިއެވެ. ވާރޭގެ ތެރެއަށް ނުކުމެ ޝިފާލީ މަޑުކޮށްލީ ފައިސަލް ފެންނަ ހިސާބުގައެވެ. ދެ އަތް ފުޅާކޮށްލަމުން އޭނާ ލޯ މަރާލިއެވެ. ވާރެއާ ތެމިފޯވާން ގިނައިރެއް ނުނެގިއެވެ. އިސްތަށިގަނޑުގައިވީ ވޫލުކޮޅު ނައްޓާލައި އިސްތަށިގަނޑު ނިއުޅާލުމާއެކު ޝިފާލީ އިޝާރާތް ކޮށްލީ ހަޓު ތެރޭ ތިބި އެންމެންނަށެވެ.
"މިރޭ މީ އެންމެފަހު ރޭ ވީމަ. ތަނުގެ ވެރިމީހާއަށް އަހަރެންގެ ފަރާތުން ހުށަހަޅައިދޭ ހަދިޔާއެއް މީ." އެންމެންނާ ކުރިމަތިލައިގެން ހުރެ ޝިފާލީ ބާރަށް ބުނެލިއެވެ. އޭނާގެ ހަރަކާތްތައް ބެލުމަށް އެންމެން ހަޓުގެ ތެރެއިން ނުކުމެގެން އައިސް ގެސްޓްހައުސްގެ ދޮރުމަތީ ހިޔާކޮށްފައި އޮންނަ ބައިގަ މަޑުކޮށްލިއެވެ. އޭރު ވެސް ދޮރުމަތީ ފައިސަލް ހުއްޓެވެ. ދެ އަތް އުރާލައިގެން އެއްފައި މައްޗަށް ބުރަވެ ދޮރުކަނީގައި ލެނގިލައިގެންނެވެ. އޭނާގެ މޫނުން އެއްވެސް އަސަރެއް ފާޅެއްނުވެއެވެ. އެންމެންގެ ތެރެއިން ފަޒީލު ވަކިން ކުރިޔަށް ނުކުމެ އަތްޖަހަން ހުއްޓެވެ. ޝިފާލީ އެދުނު ލަވަ ގުރޫޕު ތެރެއިން ކުއްޖަކު ޖަހާދިނެވެ. އެމީހުން ގެންގުޅުނު ކުޑަ އިސްޕީކަރު ވަނީ ފޯނާ ގުޅުވާލާފައެވެ.
"އަންނަނީ ފެންވަރުވަން..." ލަވައިގެ އަޑު ވާރެޔާ އެކުވެ އިވެމުންދިޔައެވެ. ޝިފާލީގެ ފަރި ހަރަކާތްތައް ދައްކާލިއެވެ.
ފެންނަމުންދިޔަ މަންޒަރުން އަހަރެން އަޖައިބުވިއެވެ. ފައިސަލްގެ ކުރިމަތީ އަހަރެން ނެށީ ހަމަ އެ ލަވަޔަށެވެ. ޝިފާލީގެ ހަރަކާތްތަކާއި ތަފާތެއްނެތެވެ. ޝިފާލީއާ ނުގުޅޭ ކަމަކަށް އަހަރެން އެ ލަވައަށް ނެށިއިރު ކުރިހާ ވެސް ކަމަކީ ފައިސަލްއަށް ހުރިހާ ސަމާލުކަމެއް ދިނުމެވެ. އަދި ފައިސަލްއަށް ތަފާތު ސިގްނަލްތައް ދިނުމަށް ކުރި އިޝާރާތްތަކެވެ. އެ ނޫން ހުރިހާކަމެއް އެއްގޮތެވެ. ޝިފާލީގެ ހަރަކާތްތައް ނިމުމާއެކު އެންމެން ހޫނު އަތްތިލަބަޑިއެއް ދިނެވެ. ނަމަވެސް ޝިފާލީ ބޭނުންވި ތަރުހީބެއް ނުލިބުނެވެ. ފައިސަލް އެނބުރި ގޭތެރެއަށް ވަނީއެވެ. ޝިފާލީއަށް ހަރަކާތެއް ނުކުރެވިގެން އުޅެނިކޮށް އޭނާއާ ބައިވެރިވާން ފަރީލާ ވާރޭގެ ތެރެއަށް ނުކުމެއްޖެއެވެ. އެންމެން ވާރެއާ ތެމެންވެއްޖެއެވެ. ފަޒީލު ވެސް އެވެ.
"ޝިފާ... އާދެބަލަ." ޝިފާލީގެ އަތުގައި ހިފާ ގާތްކޮށްލަމުން ފަޒީލު ބުންޏެވެ. ބުމައަރުވާލައި ޝިފާލީ އިޝާރާތްކޮށްލީ ސުވާލުގެ ނަޒަރުންނެވެ. އެއާއެކު އަނެއްކާވެސް ފަޒީލު އެދުނީ އޭނާއާއެކު އައުމަށެވެ. އެންމެންނަށް ބަލާލާފައި ފަޒީލާއެކު ޝިފާލީ ހިނގައިގަތެވެ. އެ މީހުން އައިސް މަޑުކޮށްލީ ހަޓު ކައިރީ ހުރި ރުއްދޮށުގައެވެ.
"ހެނދުނުން ފުރުވަން އަންނާނަން." ފަޒީލު ބުންޏެވެ.
"އެހެންބުނަން މިހިސާބަށް ތިގެނައީ." ޝިފާލީ ބުނެލިއެވެ.
"ނޫން. ޝިފާ... މާލެދާން އުޅޭތީ... މާލެ ދިޔަޔަސް ޝިފާއާ ވާހަކަދައްކާލަން ބޭނުން. އޯކޭތަ އަހަރެން ގުޅިޔަސް." ފަޒީލު ބުންޏެވެ.
"އޯކޭ. އެކަމަކު އެހާ ގިނައިން ނުގުޅާތި އިނގޭ." ޝިފާލީ ހިނިތުންވެލިއެވެ.
"ފަރީ ބުނި ޝިފާގެ ބޯއިފްރެންޑެއް ނުހުރޭ. އެއީ ތެދެއްތަ؟." ފަޒީލު އަހާލިއެވެ. ޝިފާލީ ފަރުވާތެރިކަމާއެކު ފަޒީލުގެ ލޮލަށް ބަލާލިއެވެ. ފައިސަލްގެ ވާހަކަ އޭނާ ހާމަކުރަން ބޭނުންވެފައި ހުރި ކަހަލައެވެ. ނަމަވެސް އޭނާ ފަޒީލުގެ ސުވާލަށް ހޫން ލައްވާލުން ފިޔަވައި ބަހެއް ނުބުންޏެވެ.
"އަހަންނަށް ޝިފާ ވަރަށް ކަމުދޭ." ފަޒީލުގެ ވާހަކަދެއްކުމާއި އޭނާގެ ހަރަކާތްތަކުގައި ހުރި ޖެހިލުންވުން ޝިފާލީއަށް ވިސްނުނީ ކަހަލައެވެ. އޭނާ ޖަވާބު ދޭން އަވަސްވެލިއެވެ.
"އަހަރެންގެ އަދި އެކަހަލަ ވިސްނުމެއްނެތް. ސޮރީ." ޝިފާލީ ބުންޏެވެ. ފަޒީލު ރަކިވިއެވެ. ޝިފާލީ ނޫނެކޭ ބުނެދާނޭ ފަޒީލަށް ހީވެފައި ނެތީ ކަންނޭނގެއެވެ. އޭނާ ޝިފާލީގެ ބަސް ޤަބޫލުކުރި ފަދައަކުން ބޯޖަހާލިއެވެ.
"ފަރީ އަނެއްކާ ހޯދަން ނާންނަނީސް މިތަނުން ދަމާ." ޝިފާލީ ބުންޏެވެ. އަދި އޭނާ ފަޒީލަށްވުރެ ކުރީން ހިނގައިގަނެއްޖެއެވެ. އެ މީހުންނަށް ނޭނގުނީ ފަރީލާއަށް އޭގެ ދެ މީހުން ފެނުނުކަމެވެ. ނަމަވެސް ފަޒީލާއެކު ޝިފާލީ ދާތަން ފެނުމުން އޭނާ އަޅާނުލީއެވެ.
އެކެއް ޖަހަންވީއިރު ގެސްޓްހައުސްތެރެ ހިމޭންވެއްޖެއެވެ. ތެމި ފޯވެފައި ތިބީތީ ވާރޭ ހުއްޓާލަންދެން އެންމެން މަޑެއް ނުކުރިއެވެ. އެކުވެރީންތަކާއެކު ފަޒީލު ވެސް ދިޔައީއެވެ. ޝިފާލީގެ ޖަވާބުގެ ސަބަބުން އޭނާ ހުރީ އަވަހަށް ދާން ބޭނުންވެފައި ކަހަލައެވެ. ކޮޓަރިތަކާ ދިމާލަށް ޝިފާލީ އައީ ފަރީލާއާއި ހުސެންނާ އެކުއެވެ. އޭގެ ދެ މީހުން ތިބެނީ އެއްކޮޓަރިއެއްގައެވެ. ޝިފާލީގެ ކޮޓަރިއަށްވުރެ ކުރީން ޖެހެނީ އެމީހުންގެ ކޮޓަރިއެވެ.
ފެންވަރާލައިގެން ޝިފާލީ ފާޚާނާއިން ނުކުތެވެ. އެއާއެކު އޭނާ ދިޔައީ ސިއްސައިގެންނެވެ. ކޮޓަރިއަށް ވަދެ އެނދު އަރިމަތީ އިށީނދެލައިގެން އިނީ ފައިސަލްއެވެ. އޭނާ ކޮޓަރިއަށް ވަންގޮތަށް ދޮރު ތަޅުލިއެވެ. ފެންވަރަން ހުރިއިރު ދޮރު ހުޅުވި އަޑެއް އޭނާއަށް ނީވެއެވެ. ހަށިގަނޑުގައިވީ އޮޅާލެވިފައިވާ ތުވާލި އެކަނިކަން އިނގެ ޝިފާލީ އެނބުރި ފާޚާނާއަށް ދެމިގަތެވެ.
"ކޮންއިރަކު އައީ... ކިހިނެއް ކޮޓަރިއަށް ވަނީ. އަހަރެން ތަޅުލިން." ފާޚާނާ ދޮރުން ބޭރަށް ބޯ ދިއްކޮށްގެން ހުރެ ޝިފާލީ ވާހަކަދެއްކިއެވެ.
"ތަނުގެ ވެރިވީމާއަށް ނުވަދެވޭނެ ކޮޓަރިއެއް ނުހުންނާނެއެއްނު." ފައިސަލް އެނދުން ތެދުވިއެވެ. ލަސް ހިނގުމެއްގައި އޭނާ މަޑުމަޑުން ފާޚާނާ ކައިރިޔަށް އައެވެ.
"ވެއިޓް... އަހަރެންގެ ހެދުން... ހެދުން ގެނެސްދީބަލަ." ޝިފާލީ ބުންޏެވެ. އޭނާ އެ އިޝާރާތްކުރީ އެނދުމަތީ އޮތް ނިދާ ހެދުމަށްކަން ފައިސަލްއަށް އެނގެއެވެ. އެނބުރި އެނދުމައްޗަށް ބަލާލާފައި ފައިސަލް ހިނިތުންވެލިއެވެ. އޭނާ އައިސް ފާޚާނާ ދޮރުކައިރީ މަޑުކޮށްލިއެވެ.
"ބާލާނެކަން ޔަގީންވާއިރު ނުލިޔަސް ރަނގަޅުވާނެ." ފައިސަލް ބުނެލީ ސިއްރުންނެވެ. ދެ ލޯ ބޮޑުކޮށްލި ޝިފާލީގެ މޫނުމަތިން ލަދުވެތިކަމުގެ އަސަރު ފާޅުވެލިއެވެ.
"އެހާ އަވަހަށް ދެން ނުފެންނާނެ. ވެރިމީހާގެ ހިތްހަމަޖައްސާ ނުދީތަ ފުރަން ތިއުޅެނީ." ފައިސަލްގެ އަޑާއި ހަރަކާތްތަކުގައިވީ މަސްތުކަމެވެ. ޝިފާލީގެ އުނަގަނޑުގައި އެއް އަތުން ހިފާލައި ފާޚާނާއިން ނެރުނެވެ. އަދި ފައިސަލް އެންމެ ސުކުންތަކަށް ވެސް ޝިފާލީއާ ދުރަކު ނުހުއްޓެވެ.
ޝިފާލީއާއި ފައިސަލް މާބޮޑަށް ގާތްވާ ވަގުތު އެ ދެމެދުގައި ހިނގައިދާ ކަންކަން އަހަރެންނަކަށް ނުފެނެއެވެ. ނަމަވެސް އޭގެ ދެ މީހުން ގާތްވީ ގޮތުން އަހަރެންނަށް އެ މަންޒަރުތައް ނުފެނުނަސް ކަން ހިނގައިދާނެ ގޮތް ތަސައްވުރު ކުރެވުނެވެ. އަހަރެންނަށް ކޮޓަރިތެރެ ފެންނަން ފެށިއިރު ފައިސަލް އެނދުން ތެދުވަނީއެވެ. ތަޅުން މަތީ އޮތް އޭނާގެ ސޯޓު އެކަނި ލައިގެން ކޮޓަރިން ނުކުތެވެ. ޝިފާލީ ފޯނު ނަގައި ބަލާލިއެވެ. ދެން އާފުރިލި ވަގުތު އުޅާހަށް ދެމިލިއެވެ. އަހަރެން އޭނާގެ ދާދި ކައިރީ ހުރިއިރު ފޯނުގައިވާ ގަޑިން ތިނެއް ޖަހައިފިކަން ފެންނަން ހުއްޓެވެ. ކޮޓަރީގައި ހުޅުވާފައި ހުރި ޓީވީގެ އަޑާއި ބޭރުން އިވެމުންދިޔަ ވާރޭގެ އަޑުން އެހެން އަޑުތަކަށް ފުރުޞަތެއް ނެތްކަހަލައެވެ. އެގޮތުގައި ޝިފާލީ އެކަނި އިރުކޮޅަކު އިނެވެ. ދެން އަނެއްކާ ވެސް ކޮޓަރީގެ ދޮރު ހުޅުވުނެވެ. ފައިސަލް ވަދެ ދޮރު ލައްޕާލިއެވެ. އޭރު އޭނާގެ އަތުގައި ދެ ތަށި ކޮފީ ހުއްޓެވެ.
"މިރޭ ނުނިދައިފިއްޔާ ލޯންޗުމަތީ ކެނޑޭނެ." ޝިފާލީ ބުންޏެވެ. މޭމަތިން ރަޖާ ހިފަހައްޓާލައިގެން އޭނާ ތެދުވެ ހެޑްބޯޑުގައި ލެނގިލިއެވެ. ފައިސަލްގެ އަތުގައިވީ ދެ ކޮފީ ޖޯޑުން އެއް ޖޯޑު ޝިފާލީއަށް ދިނެވެ. އަދި އޭގެ ދެ މީހުން ކޮފީބޯން ފެށިއެވެ.
"ކޮފީބޯއިރު ވެސް ހާދަ ވަރުބައްޔެކޭ މިވަނީ. ހީވަނީ ވެއްޓިދާނެހެން." ޝިފާލީ ބުންޏެވެ.
"އެހެންވީރު ޝިފޫ އޮށޯވެލާ." ފައިސަލް ބުންޏެވެ.
"އާން. ކުޑަކޮށް ޖައްސާލާފައި ތެދުވަނިކޮށް އޯކޭވެދާނެ ކަންނޭނގެ. އަހަރެންނަށް ނިދިއްޖެއްޔާ ގޮވާލައްޗޭ. މިރޭ އަސްލު ނިދާކަށް ބޭނުމެއްނޫން." ޝިފާލީ ބުންޏެވެ. އޭނާގެ އަތުގައިވީ ކޮފީތަށި ފައިސަލް ނެގިއެވެ. އެއާއެކު ޝިފާލީ އޮށޯވެލައިފިއެވެ.
އަހަރެންނަށް ދެން ފެނުނު މަންޒަރުން ހީވީ މެޔަށް ގަނޑުފެން އެއްޗެއް އޮއްސާލި ހެންނެވެ. ގެސްޓްހައުސްގެ މައި އިމާރާތުން ނުކުމެގެން ފައިސަލް އައިއިރު އޭނާގެ ކޮނޑުމައްޗަށް އެއްލާފައި އޮތް ބަސްތާއެއްހެން އޮތީ ޝިފާލީއެވެ. ވާރޭގަނޑުގެ ތެރޭ ފައިސަލް ހިނގަމުން އައީ ބިއްދޮށް ފަރާތަށެވެ. ޝިފާލީގެ އެއްވެސް ހަރަކާތެއް ނެތެވެ. ކުޑަމިނުން އެ ހަށިގަނޑު އެއްވެސް ފޭރާމެއް ވެސް ނެތެވެ. ލޯ ބޮޑުކޮށްގެން ބަލަން ހުރުން ފިޔަވާ އެއްވެސް އިޚްތިޔާރެއް އަހަރެންގެ ވެސް ނެތެވެ.
(ނުނިމޭ)