ދަ ޑިމޮކްރެޓްސް

ޑިމޮކްރެޓުންގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލައިފި

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓް ބޭނުންވާ ބޭފުޅުންނަށް އެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ޓިކެޓަށް ހުޅުވާލުމާ އެކު ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފަ އެވެ.

ޑިމޮކްރެޓުން ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ ބޭފުޅުން ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00ގެ ނިޔަލަށެވެ. ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.

ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު މިއަދު އާންމުކުރުމަށްފަހު އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ޑިމޮކްރެޓުން ވަނީ ނިންމާފަ އެވެ.

ޑިމޮކްރެޓުންގެ ރިޔާސީ ޕްރައިމަރީ ހުޅުވާލުމާ އެކު އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓުންގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީގައި ވާދަކުރާނެ ކަމަށާއި މެންބަރުންގެ ތާއީދަށް އެދޭ ކަމަށެވެ.

ޑިމޮކްރެޓުންގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެ ބޭފުޅުންގެ ތެރޭގައި ރައީސް މުހައްމަދު ނަޝީދު ހިމެނޭނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް ޑިމޮކްރެޓުންގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ނެތް ކަމަށް ރައީސް ނަޝީދު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ޑިމޮކްރެޓުންގެ ރިޔާސީ ޕްރައިމަރީގައި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރުވެސް ވާދަކުރައްވާނެ ކަމަށް ބުނާ އަޑުތަކެއް އެބައުޅެ އެވެ. އެކަމަކު އެކަހަލަ އިޝާރާތެއް އަމުރު އަދިކުރައްވާފައެއް ނުވެ އެވެ.

އެމްޑީޕީގައި ކުރިން މަސައްކަތް ކުރެއްވި އިސް ބޭފުޅުންތަކެއް އެ ޕާޓީން ވަކިވެ އުފައްދާފައިވާ ދަ ޑިމޮކްރެޓްސް އިން ގެންދަނީ އެ ޕާޓީގެ ސިޔާސަތުތައް އާންމުންނަށް ބުނެދިނުމަށް ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުކުރަން ފަށާފަ އެވެ.