ސައޫދީ އަރަބިއްޔާގައި ހުންނަވާ ސްވިޑަންގެ ސަފީރު، ސައޫދީގެ ޚާރިޖީ ވުޒާރާއަށް ހާޒިރުކޮށްފި އެވެ. އެއީ ސްވިޑަންގައި ތަކުރާރުކޮށް ގުރުއާން އަންދަނީ ކީއްވެތޯ ސުވާލުކުރުމަށެވެ.
ބައިނަލްއަގްވާމީ ދާއިރާގައި ގައުމެއްގެ ސަފީރު އެހެން ގައުމެއްގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކުރުމަކީ ހިތްހަމަނުޖުމެއް އޮތްކަން ދޭހަކޮށްދޭ އަމަލެކެވެ.
ސަފީރު ހާޒިރުކޮށްގެންވެސް ކަމެއް ނުހުއްޓިއްޖެނަމަ ދެން އޮންނަނީ އެ ސަފީރަކު އެ ގައުމަކުން ބޭރުކޮށް އަމިއްލަ ގައުމަށް ފޮވުނާލުމެވެ.
ގުރުއާނަށް އިހާނެތިކޮށް ހިތައި މުސްހަފުތައް ތަކުރާރުކޮށް އެންދުމަކީ ބައެއްގެ ހިތުގައި -- އެހެން ބަޔަކާ މެދު އޮންނަ ވަރަށް ބޮޑު ހިތްހަމަނުޖެހުމެއް ކަމަށް ސަައޫދީން ވަނީ ސްވިޑަންގެ ސަފީރަށް ދަންނަވާފަ އެވެ.
ސްވިޑަންގެ އިދާރާތަކުން އެއްވެސް ވަރެއްގެ ޒިންމާދާރު ކަމެއް ނެތި ކުރަމުން ގެންދާ އަމަލުތަކެއްގެ ސަބަބުން -- ކަމާ ގުޅުމެއް ނެތް އެތައް ބަޔަކަށް ގެއްލުމެއް ލިބިދާނެ ކަމަށްވެސް ސައޫދީން ވަނީ ބުނެފަ އެވެ.
ގުރުއާނަކީ މުސްލިމުންގެ ހިތްތަކާ ވަރަށް ބޮޑަށް ގުޅިަފައިވާ ފޮތެއް ކަމަށް ސައުދީން ބުންޏެވެ. އަދި އެއަށް އިހާނެތިކޮށް ހިތަން ހަދައިގެން ބައެއްގެ ނަފުރަތާއި ބާރުވެރިކަން -- އެކަން ކުރާ ބަޔަކަށް ފޯރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ސައޫދީން ބުންޏެވެ.
ސައުދީން ބުނީ ސްވިޑަގައި ގުރުއާން އަންދާ ކޮންމެ ފަހަރަކު ހަރަކާތްތެރިން އެކަން ކޮށްފައިވަނީ ފުލުހުންގެ ހުއްދަ އާއި ހިމާޔަތް ލިބިގެން ކަމަށެވެ. މިއީ ސްވިޑަންގެ އިދާރާތައް މިކަމުގައި ގުޅިފައި އޮތް މިންވަރު ކަމަށްވެސް ސައޫދީން ސަފީރަށް ދެންނެވި އެވެ.
ރުޅިވެރިކަން އުފެދޭ ބާވަތުގެ އަމަލުތަކުން ދުރުވެ ރައްކާތެރިވުމަށް އެދި ސްވިޑަންގެ އިދާރާތަކަށް ސައުދީން ވަނީ ލިޔުމެއް ވެސް ފޮނުވާފަ އެވެ. މި ލިޔުމުގައި ގުރުއާން އެންދުމާ މެދު ސައޫދީން ދެކޭ ގޮތް އަދި އެ ހަރަކާތްތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެ އެވެ.
ދުނިޔޭގެ އެއްވެސް ގައުމަކުން ރުޅިވެރިކަން އުފައްދަން ކުރާ އެއްވެސް ކަމަކަށް ސައޫދީން ހިތްވަރު ނުދޭނެ ކަމަށް ވެސް ޚާރިޖީ ވުޒާރާ އިން ބުންޏެވެ. ސްވިޑަން ވެސް އެ ފަދައިން އަމަލުކޮށް ބައިނަލްއަގްވާމީ ސުލްހަ ދެމެހެއްޓުަމަށް އެދޭ ކަމަށްވެސް ސައޫދީން ވަނީ ބުނެފަ އެވެ.