ފައިސަލް ނަސީމް

ނައިބް ރައީސް ފައިސަލްގެ ބަޔޮގްރަފީ ނެރެފި

ނައިބް ރައީސް ފައިސަލް ނަސީމަށް 50 އަހަރު ފުރުމާ ގުޅިގެން އެ މުނާސަބާ ފާހަގަކުރުމަށް އެމަނިކުފާނުގެ ހަޔާތްޕުޅުގެ މުހިއްމު ކަންކަން ހިމެނޭ ބަޔޮގްރަފީއެއް ނެރެފި އެވެ.

ޣިޔާސުއްދީން ސްކޫލުގައި ރޭ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސައިން އެވެ.

ސަން އޮންލައިންގެ އެސިސްޓެންޓް މެނޭޖިން އެޑިޓަރު އަހްމަދު ސާއިލް އަލީ ލިޔުއްވާފައިވާ 317 ސަފޮހާގެ މި ފޮތުގައި އެމަނިކުފާނުގެ ހަޔާތްޕުޅުން ކުރިން ނޭނގި އެތައް ކަމެއް އެނގިގެންދާނެ ކަމަށް ސާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުވައްމުލަކަށް އުފަން ނައިބް ރައީސް ފައިސަލް މާލެ ވަޑައިގެން ތައުލީމު ހާސިލްކުރެއްވުމަށް އުޅުއްވަންޖެހިވަޑައިގެންނެވި ގޮތާއި އެންމެ 20 އަހަރުގައި ރިސޯޓެއްގައި މެނޭޖަރުކަން ކުރެއްވި ގޮތާއި އަދި ސިޔާސީ މައިދާނަށް ވެންނެވި ގޮތްވެސް ފޮތުގައި ހިމެނޭނެ ކަމަށެވެ.

ފައިސަލް ނަސީމު ވަނީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ފުވައްމުލަކު މެންބަރުކަމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަންވެސް ކުރައްވާފަ އެވެ.

މިފޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެސް ހާއްސަ ބަޔާނެއް ދެއްވާފައިވެ އެވެ.

މި ފޮތް ވިއްކަމުންދަނީ ނޮވެލްޓީ ބުކްޝޮޕުންނެވެ. ފޮތެއްގެ އަގަކީ 300 ރުފިޔާ އެވެ.