ދިރާގު

ދިރާގުން މޯބައިލް ލެޖެންޑްސް ކޮންކުއެސްޓް މިމަހު 28ގައި ފަށަނީ

އެއްލައްކަ ރުފިޔާގެ އިނާމު ޕޫލަކާއެކު ބޭއްވުމަށް ހަމަޖެހިފައިވާ ދިރާގު މޯބައިލް ލެޖެންޑްސް ކޮންކުއެސްޓް މިމަހުގެ 28 އިން އޮގަސްޓް ފަހަކަށް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގޭމް ކުޅޭ މީހުންނަށް މި އުފާވެރި ހަބަރު ދިރާގު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މި ހަފުތާ ކުރީކޮޅު ވަނީ އިއުލާނުކޮށްފަ އެވެ.

ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ރަސްމީކޮށް ހުޅުވާލާފައިވަނީ މިމަހުގެ 26ވާ ބުރާސްފަތި ދުވަހުގެ މެންދަމު 12:00ގެ ނިޔަލަށް ޙާއްސަ ޕޯޓަލްއެއް މެދުވެރިކޮށެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 15 އަހަރުން މަތީގެ ދިވެހިންނަށެވެ. ކޮންމެ ޓީމެއްގައި ފަސް ކުޅުންތެރިންނަށް ހިމެނުމަށް ފުރުސަތު ދީފައިވެއެވެ. މުބާރާތުގައި ބައިވެރިވެވޭނީ 40 ޓީމަށް ކަމަށްވުމުން ވީއެންމެ އަވަހަށް ރަޖިސްޓްރީ ކުރުމަށް ދިރާގުން ވަނީ އެދިފަ އެވެ.

މުބާރާތުގެ ފުރަތަމަ ހަތް ދުވަސް އޮންލައިންކޮށް ކުޅުމަށް ހަމަޖެހިފައިވާއިރު، ދިރާގު ޔޫޓިއުބް ޕޭޖުން މި މެޗުތައް ލައިވް ކުރުމަށް ހަމަޖެހިފައިވެ އެވެ. އޮގަސްޓު ފަހެއްގައި ބާއްވާ ގްރޭންޑް ފިނާލޭ ވެގެންދާނީ ފުލް ޑޭ ފިޒިކަލް އިވެންޓަކަށް ކަމަށް ދިރާގުން މައުލޫމާތުދެ އެވެ.

ފައިނަލް ބުރަށް ދާ ޓީމުތަކުގެ އާއިލާއާއި ރަހުމަތްތެރިންނަށް އެ ތަނުން ލައިވްކޮށް މެޗުތައް ބެލޭނޭ ފަދަ ފޯރިގަދަ އިވެންޓަކަށް މި އިވެންޓް ވެގެންދާނެ ކަމުގެ ޔަގީންކަން ދިރާގުން ދެއެވެ.

މޯބައިލް ލެޖެންޑްސް އަކީ މޯބައިލް ގޭމިންގެ ދުނިޔޭގައި މަގުބޫލު މަލްޓިޕްލޭޔާ އޮންލައިން ބެޓްލް އެރީނާ (އެމްއޯބީއޭ) ގޭމެކެވެ. މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އީ-ސްޕޯޓްސް އިވެންޓެވެ.

ދިރާގުން އަންނަނީ އީ-ސްޕޯޓްސް ތަރައްގީކޮށް ކުރިއެރުވުމަށާއި ބައިނަލްއަގްވާމީ ބޮޑެތި ނަންތަކާ އެކު ހަރުދަނާ ގުޅުމެއް ގާއިމުކޮށް ޕްރޮފެޝަނަލް ގޭމް ކުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.