ދުނިޔެއާ މުޅިން އެކަހެރިވެގެން އޮންނަ ހަރުކަށި އުސޫލުތަކެއް ގެންގުޅޭ އުތުރު ކޮރެއާ އިން އެ ގައުމުގެ ސިފައިންގެ ވެރިޔާ ޖެނެރަލް ލީ ޔުންގް ގިލް ދަންޖައްސައި މަރާލައިފި ކަމަށް ރިޕޯޓްތައް ބުނަން ފަށައިފި އެވެ. ގިމް ޖޮން އުން ވެރިކަމަށް އިސްވެ ވަޑައިގަތް ފަހުން، ސަރުކާރާއި ސިފައިން އެތައް އިސް ބަޔަކަށް އޭނާ ވަނީ މަރުގެ އަދަބު ދީފަ އެވެ.
އެގައުމުގެ އަސްކަރީ ލަޝްކަރުތަކުގެ ގެ ޗީފް އޮފް ސްޓާފްގެ މަގާމުވެސް އަދާކުރައްވާ ޖެނެރަލް ލީ ޔުންގް އަށް މަރުގެ އަދަބު ދިނީ ކޮރަޕްޝަނާއި، މަގާމުގެ ބޭނުން ނާޖާއިޒް ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުގަ އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ އަށް މަރުގެ އަދަބު ދިނީ ކޮމިއުނިސްޓް ޕާޓީ އަށް ނިސްބަތްވާ އެ ގައުމުގެ ރައީސް ކިމް ޖޮންގް އުން ރިޔާސަތު ބަލަހައްޓަވަމުންދިޔަ އެޕާޓީގެ މަރުކަޒީ ބައްދަލުވުމެއްގަ އެވެ.
އުތުރުކޮރެއާގެ ސިފައިންގެ ލަޝްކަރުތަކުގެ ޗީފް އޮފް ސްޓާފް ކަމުގެ މަގާމަށް ރައީސް ވަރަށް އިތުބާރު ކުރައްވާ ޖެނެރަލުންނަށް އާދެވޭއިރު ޖެނެރަލް ލީ ޔުންގް އަކީވެސް ރައީސް ކިމް ޖޮންގް އިތުބާރު ކުރައްވާ އަދި ގާތް ގުޅުންތަކެއް އޮތް ޖެނެރަލެއް ކަމަށްވެ އެވެ. އަދި މިގޮތުން ރައީސް ކިމް އަސްކަރީ ތަންތަނަށް ކުރައްވާ ވަރަށް ގިނަ ދަތުރުފުޅުތަކުގައި ލީޔުންގް ބައިވެރި ކުރައްވާ ކަމަށް ހަބަރު ލިބެ އެވެ. އެހެން ނަމަވެސް މިދިޔަ ހަފްތާގައި އުތުރުކޮރެޔާ އިން ތަޖްރިބާކުރި ދުރުރާސްތާގެ ބެލަސްޓިކް މިސައިލް އުދުއްސާލި ރަސްމިއްޔާތުން ޖެނެރަލް ލީ ޔުންގް ފެނިފައެއް ނުވެ އެވެ.
ދެހާސް ތޭރަ ވަނަ އަހަރު ލަޝްކަރުތަކުގެ ޗީފް އޮފް ސްޓާފް ކަމުގެ މަގާމަށް ޖެނެރަލް ލީ ޔުންގް އައްޔަންކުރި އިރު އޭނާ އަކީ ސެންޓްރަލް ކޮމާންޑްގެ އެންމެ އިސް ކޮމާންޑަރެވެ.
ހަބަރުތައް ބުނާ ގޮތުގައި ޖެނެރަލް ލީ ޔުންގްގެ މަގާމަށް މިހާރު އައްޔަން ކުރައްވާފައިފަނީ ޕީޕަލްސް އާމީގެ ކޮމާންޑަރު ޖެނެރަލް ލީ މިންގް ސޫ އެވެ.
އަދި މިދިޔަ އެޕްރީލްމަހު ވަނީ ޕީޕަލްސް އާމީގެ ކުރީގެ އިސް ކޮމާންޑަރު ޖެނެރަލް ހިޔުން ޔުންގް ޗޫލް އަށްވެސް މަރުގެ އަދަބު ދީފައެވެ.