ފިނިޕޭޖް

"ވޮންކާ"ގެ ޓްރޭލާއާ މެދު ހިޔާލުތަފާތު

ވޯނާ ބްރަދާސްއިން ހަދަމުންދާ "ވޮންކާ" ގެ ފުރަތަމަ ޓްރޭލާ ނެރެފި އެވެ.

މި ފިލްމަކީ ކުޑަކުދިންގެ ފޮތް ލިޔާ ރޯލްޑް ޑާލް 1964 ގައި ލިޔުނު "ޗާލީ އެންޑް ދަ ޗޮކޮލެޓް ފެކްޓަރީ" ފޮތަށް ބިނާކޮށްފައިވާ ޗޮކޮލެޓިއާ ވިލީ ވޮންކާ ކެރެކްޓާގެ ބެކްސްޓޯރީ ދައްކައިދޭ ޕްރިކުއެލް އެވެ. ވިލީ ވޮންކާގެ ޗޮކޮލެޓްގެ ވިޔަފާރިއާއި ފެކްޓަރީ ފެށިގެންގޮސް ކާމިޔާބުވީ ގޮތެވެ.

ޕޯލް ކިން ޑައިރެކްޓްކުރާ މި ފިލްމްގައި ވިލީ ވޮންކާގެ ރޯލް އަދާކުރަނީ "ޑިއުންސް" އެކްޓާ ޓިމޮތީ ޝަލެމޭ އެވެ.

މި ފިލްމްގެ އިތުރު ތަރިންގެ ތެރޭގައި ކާލާ ލޭން، ކީގަން-މައިކަލް ކީ، ޕެޓާސަން ޖޯސެފް، މެޓް ލޫކަސް، މެތިއު ބޭންޓަން، ސެލީ ހޯކިންސް، ޖިމް ކާޓާ، ޓޮމް ޑޭވިސް، ރޯވަން އެޓްކިންސަން އަދި އޮލީވިއާ ކޯލްމަން ހިމެނެ އެވެ. އަދި ހިއު ގްރާންޓް އަދާކުރަނީ އޫމްޕަ ލޫމްޕާގެ ރޯލެވެ.

ހަބަރުތައް ބުނާ ގޮތުގައި ޓިމޮތީއަށް މި ރޯލް ލިބުނީ އެޑިޝަންވެސް ނުކޮށެވެ. މިއީ ފިލްމެއްގައި ޓިމޮތީ ލަވަކިޔާ ނަށާ ހަދާ ފުރަތަމަ ފަހަރެވެ.

މި ވާހަކައަށް ލައިވްއެކްޝަން ފިލްމެއް އެންމެ ފުރަތަމަ ހެދީ 1971 ގައެވެ. އެއީ ޖީން ވައިލްޑާއާ އެކު ޕެރެމައުންޓް ޕިކްޗާސް ހެދި "ވިލީ ވޮންކާ އެންޑް ދަ ޗޮކޮލެޓް ފެކްޓަރީ" އެވެ.

ތިން މިލިއަންގެ ބަޖެޓަކުން ހެދި މި ފިލްމަށް ބޮކްސް އޮފީހުގައި ހަތަރު މިލިއަން ލިބިފައިވެ އެވެ. ރޯލްޑް ޑާލްއަށް މިފިލްމް އެހާ ކަމުނުދިޔަ ނަމަވެސް، ކޭބަލް މެދުވެރިކޮށް ފިލްމް ރިޕީޓްކޮށް ދެއްކުމާއި ވީޑިއޯ ރެންޓަލްސްގެ ސަބަބުން މި ފިލްމު ވަނީ ވަރަށް މަގުބޫލު ފިލްމަކަށް ވެފަ އެވެ.

މި ވާހަކައަށް ދެވަނަ ފިލްމު ހެދީ ވޯނާ ބްރަދާސްއިންނެވެ. އެއީ 2005 ގައި ޖޮނީ ޑެޕްއާ އެކު ހެދި"ޗާލީ އެންޑް ދަ ޗޮކޮލެޓް ފެކްޓަރީ" އެވެ. ބައެއް ކްރިޓިކުންނަށް ޖޮނީ ޑެޕްގެ އެކްޓިން ކަމުނުދިޔަ ނަމަވެސް މި ފިލްމް ވެގެންދިޔައީ ވަރަށް ކާމިޔާބު ފިލްމަކަށެވެ. ސަތޭކަ ފަންސާސް މިލިއަންގެ ބަޖެޓަކުން ހެދި މި ފިލްމަށް ބޮކްސް އޮފީހުގައި 475 މިލިއަން ޑޮލަރު ލިބި، މި ފިލްމަކީ މިހާތަނަށް ރޯލްޑް ޑާލްގެ ވާހަކައަކަށް ހެދި އެންމެ ކާމިޔާބު ފިލްމެވެ.

ޕްރިކުއެލްއަކަށް ވީނަމަވެސް، މިހާ ފާހަގަކޮށްލެވޭ ދެ އެކްޓަރުން އަދާކޮށްފައިވާ ރޯލެއް "ވޮންކާ" ގައި ޓިމޮތީ އަދާކުރާތީ އަޅާކިއުން މަދެއް ނޫނެވެ.

"ވޮންކާ"ގެ ޓްރޭލާ ބެލުމަށްފަހު ބައެއް މީހުންނަށް ޓިމޮތީ އެ ރޯލުން ފެންނަލެއް ކަމުގޮސް، އެ ރޯލު އޭނާ އަމިއްލަ ކޮށްލައިފި ކަމަށް ބުންޏެވެ. އަދި މި ފަދަ ސޭކު މަޖާ ރޯލަކަށް ޓިމޮތީ ވަރަށް ކަމުދާ ކަމަށާއި މި ފިލްމު ބެލުމަށް ކެތްމަދުވެފައިވާ ކަމަށް ބުންޏެވެ.

އަނެއްބައި މީހުންނަށް ޓިމޮތީ / ޓްރޭލާ އެއްގޮތަކަށްވެސް ކަމަކު ނުދިޔަ އެވެ. މީހުންގެ ކޮމެންޓްތަކުގައި ޓިމޮތީއަކީ މޮޅު އެކްޓަރެއް ނަމަވެސް މި ޓްރޭލާގައި އޭނާ ފެންނަގޮތް ކަމުނުދާ ކަމަށާއި އެ ޑައިރެކްޓަރާއި ވިލީ ވޮންކާ ކަމުދިޔަޔަސް ޓްރޭލާ ކަމުނުދާ ކަމަށް ބުންޏެވެ. ބައެއް މީހުން ޖީން ވައިލްޑާގެ ވިލީ ވޮންކާ މާ ކަމުދާ ކަމަށް ބުނާއިރު، އަނެއްބާ މީހުންނަށް ޖޮނީ ޑެޕް ނޫން މީހަކު މި ރޯލަށް ހިޔާލުވެސް ނުކުރެވޭނެ ކަމަށް ބުންޏެވެ. އަދި ވިލީ ވޮންކާގެ ޝަހްސިއްޔަތުގެ ހުންނަ ގޮތް ނޭނގޭ އަނދިރި ބަނަ ސިފަތައް ޓިމޮތީގެ އުފާވެރި ވޮންކާއާ މުޅިން ތަފާތު ކަމަށް ބައެއް މީހުން ބުންޏެވެ. މި ޓްރޭލާގެ އޯޑިއޯކްލިޕަކަށް ޓިކްޓޮކްގައި ޖޯކްޖަހާފައި ގިނަ ވީޑިއޯތަކެއްވެސް ވަނީ ޓްރެންޑްވާން ފަށާފަ އެވެ.

މި ފިލްމު ކާމިޔާބުތޯ ނުވަތަ ނޫންތޯ އެނގޭނީ މި ފިލްމް ޑިސެމްބަރު 15، 2023 ގައި ރިލީޒްކުރުމަށް ފަހުގައެވެ.