ފިނިޕޭޖް

ދަ ގާޑިއަންސް އޮފް ދަ ގެލެކްސީ 3 ޑިޒްނީ ޕްލަސްއަށް އަންނަނީ

މާވެލް ސިނަމެޓިކް ޔުނިވާސްގެ ފޭނުންނަށް މިފަހަރު މިއޮތީ އުފާވެރި ހަބަރެކެވެ.

"ގާޑިއަންސް އޮފް ދަ ގެލެކްސީ"ގެ ތިންވަނަ ފިލްމު މިމަހުގެ ދެވަނަ ދުވަހު ޑިޒްނީ ޕްލަސްގައި ރިލީޒްކުރަނީ އެވެ. މި ފިލްމް ވަނީ ވޯލްޓް ޑިޒްނީ ސްޓޫޑިއޯޒް ހޯމް އެންޓަޓޭންމަންޓް އިން ޑިޖިޓަލްކޮށް ޑައުންލޯޑް ކުރެވޭ ގޮތަށް ޖުލައި ހަތެއްގައި ރިލީޒްކޮށްފަ އެވެ.

މިހާރުގެ ޑީސީ ސްޓޫޑިއޯސްގެ ކޯ-ސީއީއޯ ޖޭމްސް ގަން ލިޔެ، ޑައިރެކްޓްކުރި މި ފިލްމު ސްޓްރީމިން ޕްލެޓްފޯމަށް ރިލީޒް މިކުރަނީ މި ފިލްމު ސިނަމާތަކަށް ރިލީޒްކުރިތާ ގާތްގަނޑަކަށް ތިން މަސް ފަހުންނެވެ.

މި ފިލްމް ފުރަތަމަ ޕްރީމިއާކޮށްފައިވަނީ މިދިޔަ އޭޕްރީލް 22 ވަނަ ދުވަހު ޑިޒްނީލޭންޑް ޕެރިސް ގައެވެ. އެއަށްފަހު އެމެރިކާގެ ސިނަމާތަކަށް ރިލީޒްކުރީ މެއިބ ފަހެއް ގައެވެ. މި ފިލްމު ރިލީޒްކުރުމުގެ ކުރިން ކުރު ހޮލިޑޭ ސްޕެޝަލްއެއް މިދިޔަ އަހަރު ފަހުކޮޅު ރިލީޒްކޮށްފައިވެ އެވެ.

ފިލްމްތަކުގެ ސިނަމާ ރިލީޒްއަށްފަހު ސްޓްރީމިން ޕްލެޓްފޯމް ރިލީޒްއާ ދެމެދު ގާތްގަނޑަކަށް 90 ދުވަހުގެ މުއްދަތެއް ބެހެއްޓުމަކީ ޑިޒްނީން މިފަހަކަށް އައިސް ގެންގުޅޭ އުކުޅެކެވެ. "ބްލެކް ޕެންތާ: ވަކަންޑާ ފޯއެވާ" އާއި "އޭންޓްމޭން އެންޑް ވާސްޕް: ކުއެންޓުމޭނިއާ" ވެސް ވަނީ 80-90 ދުވަހުގެ މުއްދަތަކަށްފަހު ސްޓްރީމިން ޕްލެޓްފޯމަށް ރިލީޒްކޮށްފަ އެވެ.

"ގާޑިއަންސް އޮފް ދަ ގެލެކްސީ" އަކީ މީގެ ކުރީ ދެ ފިލްމެކޭ އެއްފަދައިން ބޮކްސް އޮފީހުގައި ވަރަށް ހިނގާފައިވާ ފިލްމެކެވެ. ދުއިސައްތަ ފަންސާސް މިލިއަން ޑޮލަރުގެ ބަޖަޓަކުން ހެދި މި ފިލްމަށް ބޮކްސް އޮފީހުގައި ޖުމްލަކޮށް 843.5 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މިއީ ބޮކްސް އޮފީހުގައި މިއަހަރުގެ މިހާތަނަށް ދެވަނަ އަށް އެންމެ ކާމިޔާބު ފިލްމެވެ.

މި ފިލްމުގެ މެއިން ކާސްޓްގެ ތެރޭގައި ޕީޓާ ކުއިލްގެ ގޮތުގައި ކްރިސް ޕްރެޓް، ގަމޯރާގެ ގޮތުގައި ޒޯއީ ސަލްޑާނާ، ރޮކެޓްގެ ގޮތުގައި ބްރެޑްލީ ކޫޕާ، ޑްރެކްސްގެ ގޮތުގައި ޑޭވް ބޯޓިސްޓާ، މެންޓިސްގެ ގޮތުގައި ޕޮމް ކްލެމެންޓީފް، ނެބިއުލާގެ ގޮތުގައި ކެރެން ޖިލިއަން، ގްރޫޓްގެ ގޮތުގައި ވިން ޑީސަލް އަދި ކްރެގްލިން އޮބްފެންޓެރީގެ ގޮތުގައި ޝޯން ގަން ހިމެނެ އެވެ. އަދި އިތުރު ކާސްޓްގެ ތެރޭގައި ވިލް ޕޯލްޓާ، ނޭތަން ފިލިއަން، ލިންޑާ ކާޑެލީނީ، ޗުކްވުޑީ އިވޫޖީ އަދި ސިލްވެސްޓާ ސްޓެލޯން ހިމެނެ އެވެ.