ށ. އަތޮޅު ނޫމަރާގައި މަޔަކު އޭނާގެ ހަތަރު އަހަރުގެ އަންހެން ދަރިފުޅުގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލި ހާދިސާ އާއި ގުޅިގެން ޖެންޑަ މިނިސްޓްރީގެ ޓީމެއް ނޫމަރާއަށް ގޮސްފި އެވެ. ނޫމަރާގައި ޝައިހާ ނަމަކަށްކިޔާ ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖާ މަރާލާފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.
ޖެންޑަ މިނިސްޓްރީގެ އޮފިޝަލަކު އަވަސްއަށް ވިދާޅުވީ، ކުޑަ އަންހެން ކުއްޖަކު މަރާލި މައްސަލައެއް އެއް މިއަދު ހެނދުނު މިނިސްޓްރީއަށް ރިޕޯޓުކުރުމާ ގުޅިގެން އެކަން ތަހުގީގުކުރުމަށް މިނިސްޓްރީގެ ޓީމެއް ފުލުހުންނާ އެކު އެ ރަށަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް އެމައްސަލައާ ބެހޭ އިތުރު ތަފްސީލެއް މިނިސްޓްރީން ނުދެއްވަ އެވެ.
"މައްސަލަ ތަހުގީގުކުރުމުގައި މާލެއިން ދިޔަ ފުލުހުންގެ ޓީމާއި އެކޮޅުގައި ތިބި ފުލުހުން ދަނީ ހަރަކާތްތެރިވަމުން. އަދި އަޅުގަނޑުމެންގެ ޓީމުވެސް މި ދަނީ އެކަމުގައި ފުލުހުންނަށް އެހީތެރިވަމުން. ތަހުގީގުކުރަމުންދާ މައްސަލައަކަށް ވާތީ އިތުރު ކޮމެންޓެއް ކުރަން މިނިސްޓްރީން އަދި ބޭނުމެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
މައްސަލައާ ގުޅޭ ތަފްސީލު ވީވަރަކުން ހާމަކުރަމުން ދާނެ ކަމަށް ޖެންޑަ މިނިސްޓްރީން ބުންޏެވެ. ނޫމަރާ ކައުންސިލް މެންބަރު ހަސަން ރަޝީދު ވިދާޅުވީ، އެ މައްސަލަ ތަހުގީގުކުރުމަށް މިހާރު ވެސް ފުލުހުންގެ ޓީމެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި ފުލުހުންގެ އިތުރު ޓީމެއް ވެސް ނޫމަރާއަށް ދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ށ. ނޫމަރާގައި ރޭ ހިނގި ހާދިސާގައި ކުޑަ ކުއްޖާގެ ގައިގެ އެކި ތަންތަނަށް ހުރީ ވަޅި ހަރައިފަ އެވެ. އެ ކުއްޖާގެ ގަޔަށް ހެރި ވަޅި ވެސް ވަނީ ލޭތަކާ އެކު އެ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ކަބަޑެއްގެ ތެރެއިން ފެނިފަ އެވެ.