ފިނިޕޭޖް

މިހާތަނަށް ސުޕަމޭން ރޯލް އަދާކޮށްފައިވާ އެކްޓަރުން

ސުޕަމޭން ފިލްމާ ބެހޭގޮތުން ވޭތުވެދިޔަ އަށް މަހު އެކި ކަންކަން ހިނގާފައިވެ އެވެ.

މިގޮތުން ޑީސީ އެކްސްޓެންޑަޑް ޔުނިވާސްގައި ސުޕަމޭންގެ ރޯލް އަދާކުރަމުން އައި މަގުބޫލް އެކްޓަރު ހެންރީ ކެވިލް، "މޭން އޮފް ސްޓީލް 2" އިން ފެންނާނެ ކަމަށް ވޯނާ ބްރަދާސް އިން ކަށަވަރު ކުރުމަށްފަހު، ވޯނާ ބްރަދާސްގެ ޑީސީ ސްޓޫޑިއޯސްގެ ހިންގުމާ ޖޭމްސް ގަން އަދި ޕީޓާ ސަފްރަން ހަވާލްވެ، އެ ނިންމުން ބަދަލުކުރީ އެވެ.

ޖޭމްސް ބުނީ "މޭން އޮފް ސްޓީލް 2"ގެ ބަދަލުގައި އޭނާ ބޭނުންވަނީ މި ކެރެކްޓާ ތާޒާކޮށްލައި، ޒުވާން ސުޕަމޭންއެއް ގެނެސްދޭށެވެ. މިކަމާ ގުޅިގެން ގިނަ އަދަދެއްގެ ނުރުހުމާއި ފާޑުކިޔުން ހަބަރުތަކާއި ސޯޝަލް މީޑިއާގައި ކުރިއަށް ދިޔަ އެވެ. އަދި ދާދި ފަހުން އެ ރޯލަށް ޑޭވިޑް ކޮރެންސްވެޓް ހޮވިކަމަށް އިއުލާންކުރުމުން، އެ އެކްޓަރާއި ހެންރީ ކެވިލް ވައްތަރުކަމާ މެދު ފޭނުން ވަނީ ނުރުހުން ފާޅުކޮށް ފާޑުކިޔާފަ އެވެ.

މިއައި ބަދަލުތަކާއެކު ކްލާކް ކެންޓް / ސުޕަމޭން ރޯލުން މިހާތަނަށް ފެނިފައިވާ އެކްޓަރުން ތަރުތީބުން ބަލާލަމާތޯ އެވެ.

1
 

ކާކް އެލީން

މިއީ ކޮމިކުން ލައިވް އެކްޝަނަށް ސުޕަމޭންގެ ގޮތުގައި އެންމެ ފުރަތަމަ ފެނުނު އެކްޓަރެވެ. އޭނާ ވަނީ އެ ރޯލް 1948 އިން 1950 އަށް، 15 އެޕިސޯޑްގެ ފިލްމް ސީރިއަލް އެއްގައި އަދި "އެޓަމް މޭން ވާސަސް ސުޕަމޭން" ސީރީޒެއްގައި އަދާކޮށްފަ އެވެ.

2
 

ޖޯޖް ރީވްސް

އޭނާ އަކީ ސުޕަމޭން ރޯލުގައި އެންމެ ފުރަތަމަ ފީޗާ ފިލްމެއް ކުޅުނު އެކްޓަރެވެ. އެ ފިލްމް ރިލީޒްކުރީ 1951 ގައެވެ. އޭގެ ފަހުން އޭނާ ވަނީ 1952 އިން 1958 އާ ހަމައަށް "ދި އެޑްވެންޗާސް އޮފް ސުޕަމޭން" ޓީވީ ސީރީޒެއްވެސް ކުޅެފައެވެ. ބްލެކް އެންޑް ވައިޓް އިން ފެށި މި ސީރީޒްގެ ފަހު ދެ ސީޒަން ވަނީ އިންޑަސްޓްރީއަށް އައި ބަދަލާ އެކު ކުލަކޮށް ގެނެސްދީފަ އެވެ.

ޖޯޖް ވަނީ 1959ގައި ހަގީގަތަކީ ކޮބައިކަމާމެދު ޝައްކުފެދޭ ގޮތަކަށް ބަޑީގެ ހަމަލާއަކުން މަރުވެފަ އެވެ.

3
 

ކްރިސްޓޮފާ ރީވް

1978 ގައި މޭކްއޯވާއަކަށްފަހު، ކްރިސްޓޮފާ ރީވްއާ އެކު ސުޕަމޭން ފިލްމް ފްރެންޗައިޒް ފެށި އެވެ. ކްރިސްޓޮފާ މި ރޯލުގައި ނުވަ އަހަރު ފެނިގެން ދިޔައިރު، ކާމިޔާބު ތިން ފިލްމާއި އެއް ފްލޮޕް ފިލްމް ކުޅެފައިވެ އެވެ.

ސުޕަމޭންގެ ހަތަރުވަނަ ފިލްމުގެ ޕްރޮޑިއުސަރުން ބަދަލުވެ، ބަޖެޓް ކުޑަވުން ފަދަ ސަބަބުތަކާއެކު ފްލޮޕަކަށް ވުމުން، މި ފްރެންޗައިޒްގެ އިތުރު ފިލްމެއް ހެދުން ވަނީ ހުއްޓާލާފަ އެވެ.

އަސް ދުއްވުމުގެ ތެރެއިން 1995ގައި ލިބުނު އަނިޔާއެއްގެ ސަބަބުން ކްރިސްޓޮފާ ވަނީ ޕެރެލައިޒްވެފަ އެވެ. އެހެންނަމަވެސް ބައެއް ފިލްމް ޕްރޮޖެކްޓް ތަކުގައި މަސައްކަތް ކުރުމުގެ އިތުރުން ކްރިސްޓޮފާ ވަނީ ސުޕަމޭން ސީރީޒް "ސްމޯލްވިލް"ގެ ދެ އެޕިސޯޑުން ފެނިފަ އެވެ. ކްރިސްޓޮފާ ވަނީ 2004 ގައި މަރުވެފަ އެވެ.

4
 

ޑީން ކެއިން

1993-1997 އަށް ސުޕަމޭން ފެނުނީ "ލޮއިސް އެންޑް ކްލާކް: ދަ ނިއު އެޑްވެންޗާސް އޮފް ސުޕަމޭން" ސީރީޒްއިންނެވެ. މި ސީރީޒްގައި ސުޕަމޭން ރޯލް އަދާކޮށްފައިވަނީ ޑީން ކެއިން އެވެ. މި ސީރީޒް ވެގެންދިޔައީ ވަރަށް މަގުބޫލު ސީރީޒަކަށެވެ.

5
 

ޓޮމް ވެލިން

ޓޮމް ވެލިން މި ރޯލުން ފެނިގެން ދިޔައީ 2001 އިން ފެށިގެން 2011 އާ ހަމައަށް "ސްމޯލްވިލް" އިންނެވެ. މިއީ އެހެން ސުޕަމޭން ފިލްމް އަދި ސީރީޒްތަކާ ތަފާތު ރޯލް އަދި ސީރީޒެކެވެ. މީގައި ސުޕަމޭންގެ ބަދަލުގައި ސަމާލުކަން ދެނީ ސުޕަމޭންގެ އަސްލު މީހާ، ކްލާކް ކެންޓަށެވެ.

މި ސީރީޒްގައި ކްލާކް ކެންޓްގެ ފެށުމާއި ފުރާވަރުގެ ދުވަސްތައް ގެނެސްދެ އެވެ. އަދި ސީރީޒްގެ ފަހުކޮޅުގައި، ހަތް އަހަރުން ފަހުގައި ނޫނީ ސުޕަމޭންގެ ގޮތުގައި އޭނާ ނުފެނެ އެވެ. މި ސީރީޒް ތަފާތު ނަމަވެސް، ސުޕަމޭންގެ އެހެން ފިލްމްތަކާއި ސީރީޒްތަކުގެ އެކްޓަރުންނާއި އެކްޓްރެސުން އެކި އެޕިސޯޑްގައި ހިމަނާފައިވެ އެވެ. އެގޮތުން ކްރިސްޓޮފާ ރީވް، ޑީން ކެއިން، މާގޯ ކިޑާ އަދި އެމީ އެޑަމްސް ހިމަނާފައިވާއިރު، ކްލާކްގެ މަންމަގެ ރޯލް އަދާކުރާ އެނެޓް އޯ ޓޫލް އަކީ ކްރިސްޓޮފާ ރީވްގެ ސުޕަމޭންގެ ތިންވަނަ ފިލްމުގައި ލާނާ ލޭންގެ ރޯލް އަދާކުރި އެކްޓްރެސް އެވެ.

ޓޮމް ސުޕަމޭން ރޯލުގައި އެހެން ސުޕަމޭންތަކަކާއެކު "ދަ ފްލޭޝް" ފިލްމުން ފެނިފައިވެ އެވެ.

6
 

ބްރެންޑަން ރޫތް

ސުޕަމޭން ބޮޑު ސްކްރީނަށް އައީ ބްރެންޑަން ރޫތް އާއެކު 2006 ގައި "ސުޕަމޭން ރިޓާންސް" އިންނެވެ. ބްރެންޑަން ވަނީ މި ރޯލް 2019ގެ އެރޯވާސް ކްރޮސްއޯވާ "ކްރައިސިސް އޮން އިންފިނިޓް އާތްސް" ގައިވެސް އަދާކޮށްފަ އެވެ. ބްރެންޑަން ޑީސީ އެކްސްޓެންޑަޑް ޔުނިވާސްގެ ރޭ ޕާމާ / އެޓަމްގެ ރޯލް އަދާކޮށްފައިވެ އެވެ. އަދި އެހެން ސުޕަމޭންތަކަކާއެކު "ދަ ފްލޭޝް" ފިލްމުން ފެނިފައިވެ އެވެ.

7
 

ހެންރީ ކެވިލް

"މޭން އޮފް ސްޓީލް" ފިލްމު 2013 ގައި ކުޅުމަށްފަހު، އިނގިރޭސި އެކްޓަރު ހެންރީ ކެވިލް ވެގެން ދިޔައީ ސުޕަމޭން ރޯލް އަދާކުރި އެމެރިކާ ނޫން އެހެން ގައުމެއްގެ ފުރަތަމަ އެކްޓަރަށެވެ. އޭގެ ފަހުން ހެންރީ 2016 ގައި "ސުޕަމޭން ވާސަސް ބެޓްމޭން" އާއި 2017ގެ "ޖަސްޓިސް ލީގް" ގައި މި ރޯލް އަދާކޮށްފައިވެ އެވެ. އަދި މިދިޔަ އަހަރު ނެރުނު "ބްލެކް އެޑަމް" ފިލްމުގައި ކެމިއޯއަކުން ފެނިފައިވެ އެވެ.

މީގެ ކުރިން "ސުޕަމޭން: ފްލައިބައި" ކިޔާ ފިލްމެއްގައި ހެންރީ ކާސްޓްކޮށްފައި ވަނިކޮށް، އެ ޕްރޮޖެކްޓްގެ މެނޭޖްމަންޓާއި ޑައިރެކްޓަރު ބަދަލުވެ، ފަހުން "ސުޕަމޭން ރިޓާންސް" އަށް ނަން ބަދަލުކޮށް ބްރެންޑަން ރޫތް ކާސްޓްކޮށްފައިވެ އެވެ.

8
 

ޓައިލާ ހޯޗްލިން

"ސުޕަގާލް" ސީރީޒުން ސުޕަމޭންގެ ރޯލަށް 2016 ގައި ޓައިލާ ހޯޗްލިން ތައާރަފްވި އެވެ. އަދި އޭގެ ފަހުން 2020 އާ ހަމައަށް "ދި އެރޯ"، "ބެޓްވުމަން" އަދި ލެޖެންޑްސް އޮފް ޓުމޯރޯ"ގެ އެޕިސޯޑްތަކުންވެސް ފެނުނެވެ. 2021 އިން ފެށިގެން ޓައިލާ ދަނީ "ސުޕަމޭން އެންޑް ލޮއިސް" ކުޅެމުންނެވެ.

މީގެ އިތުރުން ޓޮމް ވެލިން އާއި ބްރެންޑަން ރޫތްއާ އެކު "ދަ ފްލޭޝް" ފިލްމުންވެސް ފެނިފައިވެ އެވެ.