ޕީޕީއެމް ޕީއެންސީ އިން މިއަދު މާލޭގައި ބޭއްވި ސައިކަލް ބުރު، މުޒާހަރާއަކަށް ބަދަލުކޮށް ބައެއް މީހުން މަޖީދީ މަގުގައި އިށީނުމުން އޭގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފި އެވެ.
އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން ކުރީގައި ތިއްބަވައިގެން މިއަދު ހަވީރު ސައިކަލް ބުރު ފެށީ ޕީޕީއެމްގެ އޮފީސް ކުރިމަތިންނެވެ.
ގިނަ އަދަދެއްގެ ޒުވާނުން ސައިކަލް ބުރުގައި ބައިވެރިވެ ސައިކަލް ބުރު ޕީޕީއެމްގެ އޮފީސް ކުރިމައްޗަށް ނިންމާލި އެވެ. އެކަމަކު އެހިސާބުން ބައެއް މީހުންގެ އިރުޝާދާ އެކު ސައިކަލްތަކުގައި ތިބި ބަޔަކު ވަނީ މަޖީދީ މަގަށް ގޮސް އާންމުންނަށް ދަތިވާ ގޮތަށް މަޖީދީ މަގުގައި ސައިކަލްތައް މަޑުކޮށް މަގުގައި އިށީދެފަ އެވެ.
އޭގެއިރުކޮޅެއް ފަހުން ފުލުހުން އެ ސަރަހައްދަށް ގޮސް ބަޔަކު ހައްޔަރުކުރި ނަމަވެސް އެއީ ކިހާ އަދަދެއްގެ މީހުން ކަމެއް ސާފުވާ ގޮތެއް ނުވެ އެވެ. ފުލުހުންވެސް ޕީޕީއެމް އަކުންވެސް ހައްޔަރުކުރި މީހުންގެ އަދަދާ ގުޅޭ ގޮތުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ޕީޕީއެމް އިން މިއަދު ސައިކަލް ބުރެއް ބާއްވާފައި މިވަނީ "ދިވެހީންގެ ސުލްހަވެރި ހިނގާލުން"ގެ ނަމުގައި އިއްޔެ ބާއްވަން އުޅުނު ހިނގާލުން ފަސްކުރުމަށްފަހު އެވެ. މިހިނގާލުން ފަސްކުރީ މޫސުން ގޯސްވުމާ ގުޅިގެންނެވެ.
ސައިކަލް ބުރުގައި މައިގަނޑު ގޮތެއްގައި ގޮވާލީ ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި އިދިިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގެވިކަން ސާބިތުވެ ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ. މަތީ މަރުހަލާގެ ކޯޓަކުން މި ހުކުމް ބާތިލް ނުކުރާހާ ހިނދަކުން ރައީސް ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ. އެކަމަކު ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ބޭފުޅުންނަށް މާދަމާ ފުރުސަަތު ހުޅުވާލުމާ އެކު ރައީސް ޔާމީންގެ ނަމުގައި ފޯމު ހުށަހަޅާނެ ކަމަށް ޕީޕީއެމް އިން މިއަދު ބުނެފައިވެ އެވެ.