ހަންގޭރީ

އެމެރިކާ، ޗައިނާ މިސްރާބު ހަނގުރާމައަކާ ދިމާއަށް

އެމެރިކާއަށް ދުނިޔޭގައި އޮތް ޝަރަފާއި ގަދަރު ގެއްލިގެންދާ ވަރަކަށް ބަލަނީ ދުޝްމަނުން އިތުރުކުރެވޭތޯ ކަމަށް ހަންގޭރީގެ ބޮޑުވަޒީރު ވިކްތޯރު އޯރުބާން ވިދާޅުވެއްޖެ އެވެ.

ޗައިނާ އަކީ ދުނިޔޭގައި ނުފޫގަދަ އަދި އެހައި ބާރުގަދަ އިގުތިސާދެއް ކަމަށް ވެސް އޯރުބާން ވިދާޅުވި އެވެ. ޗައިނާ އާއި ޖެހިގަނެގެން އެމެރިކާ އެ އުޅެނީ ބޮޑު ކަންތައްގަނޑެއް އުފައްދަން ކަމަށްވެސް ތުހުމަތުކުރެއްވި އެވެ.

އެމެރިކާ އުޅޭ ގޮތުން ހީވަނީ ޗައިނާއާ އެކު ގަދަހިފުމަކަށް ދާނެ ކަމަށާއި -- ދެ ގައުމުގެ ދެމެދުގައި ހަނގުރާމައެއް ނުހިނގާނެ ކަމަށް ބެލެވެން ނެތް ކަމަށް ވެސް ހަންގޭރީގެ ބޮޑުވަޒީރު ވިދާޅުވި އެވެ.

ދުނިޔޭގެ ސިޔާސީ މަސްރަހު މިހާރު އޮތީ ދުވަހަކު ވެސް ނުރައްކާ ނުވާހާ ހިސާބުގައި ކަމަށް ވިކްތޯރު އޯރުބާން ވިދާޅުވި އެވެ. އެމެރިކާގެ ކިބައިން ފެންނަނީ މަރަށް ތެޅޭ ތަން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ބަލާލި ކޮންމެ ދިމާއަކުން ފެނިވަޑައިގަންނަވަނީ އެމެރިކާ ސޮހެމުން ތިރިއަށް އެލެމުންދާ ތަން ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވި އެވެ. އެމެރިކާ މިހާރު އެ އޮތީ މީގެ ކުރިން ވެއްޓޭނެ ކަމަށް އުންމީދުކުރި ވަރަށް ވުރެ ވެސް ދަށުގައި ކަމަށް އޯރުބާން ވިދާޅުވި އެވެ.

ޗައިނާ އިސްނަގައިގެން ހިންގާ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް އާއި ބްރިކްސް އަދި އޭޝިއަން އިންފްރަސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް މިހާރު އެ އޮތީ އަތްފޯރާ ފަށަށް ވުރެ މާ އުހުގައި ކަމަށް ވިދާޅުވެ އޯރުބާން ވިދާޅުވީ މިއީ ޗައިނާގެ ވަރަށް ކާމިޔާބު ޕްރޮގްރާމްތަކެއް ކަމަށެވެ.

ޗައިނާ ކުރިއަރައިގެން އެ ދަނީ ހުޅަނގަށް ގޮންޖަހަމުން އަދި އެމެރިކާއަށް މަލާމާތްކުރަމުން ކަމަށާއި ދުނިޔެ ބިރުގަންނަ ވަރަށް ޗައިނާއިން ވަސީލަތްތައް ގާއިމުކޮށްފި ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

އެމެރިކާ މިހާރު އެ އޮތީ ދާޚިލީ މައްސަލަތައް ގިނަވެ -- ތިންވަނަ ދުނިޔޭގެ ގައުމަކަށް ވެފައި ކަމަށް ވެސް ވިކްތޯރު އޯރުބާން ވިދާޅުވި އެވެ. މިއީ ބަޔަކާ ދިމާކުރަން އެމެރިކާއަށް ރައްކާތެރި ހާލަތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިގުތިސާދީ ގޮތުންނާއި ޓެކްނޮލޮޖީގެ ދާއިރާއިން އަދި އަސްކަރީ ގޮތުން ޗައިނާ ކުރިއަރަމުން ދަނީ އެފަދަ ދެވަނަ ބާރަކަށް ޖާގަވެސް ނުލިބޭނެ ހަލުއި މިނުގައި ކަމަށް ވެސް އޯރުބާން ވިދާޅުވި އެވެ.

އެމެރިކާ އަކީ ބާރުގަދަ ގައުމެއް ކަމަށް ހެދިގެން އުޅެނީ އެ މީހުން އަމިއްލަ އަށް ކަމަށާއި ދުނިޔޭގެ ތިލަފަތުގައި އެމެރިކާގެ ބަރުދަން -- ދުވަހަކަށް ވުރެ ދުވަހެއް ވަނީ ލުއި ކަމަށްވެސް އޯރުބާން ވިދާޅުވި އެވެ.