ވާހަކަ

ގަހަނާ ފޮށި

( 20 ޖުލައި 2023 އާ ގުޅޭ )

އަހަރެންނަށް ދެން ފެނުނު މަންޒަރުން ހީވީ މެޔަށް ގަނޑުފެން އެއްޗެއް އޮއްސާލި ހެންނެވެ. ގެސްޓްހައުސްގެ މައި އިމާރާތުން ނުކުމެގެން ފައިސަލް އައިއިރު އޭނާގެ ކޮނޑުމައްޗަށް އެއްލާފައި އޮތް ބަސްތާއެއްހެން އޮތީ ޝިފާލީއެވެ. ވާރޭގަނޑުގެ ތެރޭ ފައިސަލް ހިނގަމުން އައީ ބިއްދޮށް ފަރާތަށެވެ. ޝިފާލީގެ އެއްވެސް ހަރަކާތެއް ނެތެވެ. ކުޑަމިނުން އެ ހަށިގަނޑު އެއްވެސް ފޭރާމެއް ވެސް ނެތެވެ. ލޯ ބޮޑުކޮށްގެން ބަލަން ހުރުން ފިޔަވާ އެއްވެސް އިޚްތިޔާރެއް އަހަރެންގެ ވެސް ނެތެވެ.

ޓޯޗު ދިއްލާލުމާއެކު ވަލުތެރެއަށް ފައިސަލް ވަދެގެން އައެވެ. މީހުން ވަދެ އުޅޭ ތަނެއް ނޫންވީމާ ވާގަނޑުގެ ތެރެއިން ކުރިޔަށްދާނޭ މަގެއް ހެދިފައެއް ނޯވެއެވެ. އެތެރެއަށް ވަންނަ ވަރަކަށް ގަސްކަރަ ބޯވަމުންދިޔައެވެ. ދިމާލަށް ދިއްވެފައި ހުރި ހިކި އޮފިކޮޅުތަކާއި ކުރިޔަށްދާން ހުރަސް އަޅާ ގޮފިތަކުން ރެކެމުން ފައިސަލްގެ މިސްރާބު ހުރީ ވީހާ ވެސް އެތެރެއަކަށެވެ. ގަސްތަކުން ދިއްވެފައި ހުރި އެފަދަ ހިކި އޮފިކޮޅުތަކުން ފައިސަލްގެ ވައަތު ކޮނޑުމަތީ އޮތް ޝިފާލީގެ ހަށިގަނޑަށް އަނިޔާއެއް ނުލިބޭތޯ އޭނާ ފަރުވާތެރިވާތީ ފެނެއެވެ. ވާރޭ ވެހޭއަޑު ފިޔަވައި އެއްވެސް އަޑެއް އެ ހިސާބުން ވެސް ނީވެއެވެ. ވަކި ހިސާބަކަށް އާދެވުމާއެކު ވާރޭއިން ޗަކަވެފައި އޮތް ފަސްގަނޑުގެ ތެރެއަށް ފައިސަލްގެ ފައި ގަނބަންފެށިއެވެ. ދެން ވެސް އޭނާ ނުހުއްޓުނެވެ. ހާސްވެ ކަންބޮޑުވުމުގެ އަސަރެއް އޭނާގެ ނެތެވެ. ޓޯޗުން އަލިކުރަމުން ދަނިކޮށް ކޮނެފައި ހުރި ވަޅުގަނޑެއް ފެނުނެވެ. ފައިސަލް މަޑުކޮށްލީ އެ ވަޅުގަނޑުގެ ކައިރީ އެވެ. ދެން ޝިފާލީގެ ހަށިގަނޑު އެ ދިމާ ބިންމަތީ ބާއްވައިފިއެވެ. އެންމެ ކައިރީ ހުރި ގަހުގައި އައްސާފައި އޮތް ރަބަރު ދަބަހެއް ނަގައިގެން އޭނާ އައެވެ. ޝިފާލީގެ ކައިރިޔަށް ތިރިވެލައި ފައިސަލް ޓޯޗުން ދަބަހަށް އަލިކޮށްލިއެވެ. އެއިން އޭނާ ނެގީ މަސްވެރިކަމަށް ބޭނުންކުރާ ވަޅިއެކެވެ. އޭނާގެ ދެއަތަށް ލައްވާފައި އޮތް ކަޅު އަންގި އަހަރެންނަށް ފާހަގަވީ އެވަގުތެވެ. އަހަރެންނަށް ހުރެވުނީ ޝިފާލީގެ ބޯކޮޅުގައެވެ. ފައިސަލްގެ ހުރިހާކަމެއް އަހަރެންނަށް ފެނެއެވެ. ޝިފާލީ ލޯ ހުޅުވާލަން އުޅޭ ފަދައިން އެސްފިޔަ ތަޅުވާލިއެވެ. ނަމަވެސް އޭނާ ލޯ ހުޅުވައެއް ނުލިއެވެ. ޝިފާލީއަށް ވެފައި އޮތް ގޮތަކާމެދު އަހަރެން ސުވާލު އުފެދުނެވެ. ނަމަވެސް އެކަމާ ވިސްނުން ހިންގާނޭ ބާރު އަހަރެންގެ ނެތެވެ. ވަޅި ހިފައިގެން ފައިސަލް ޖެހިލީ ޝިފާލީގެ ބޯ ކައިރިއަށެވެ. އެއް އަތުން ޝިފާލީގެ ލޯ ހުޅުވާލައި ފައިސަލް ބަލާލިއެވެ.

"ބިރުނުގަނޭ. ތަދެއްނުވާނެ." ޝިފާލީގެ މޫނާ ދިމާއަށް ގުދުވެ އޮވެ ފައިސަލް ބުންޏެވެ. އެހިނދު އަނެއްކާވެސް ޝިފާލީ އެސްފިޔަ ތަޅުވާލައިފިއެވެ.

ފައިސަލް ދައްކާ ވާހަކައިން ބުއްދި ހަމަޖެހޭ މީހެއްހެން ހިޔެއްނުވެއެވެ. ޝިފާލީގެ ލޮލަށް ބަލަން ގުދުވެ ބަލަން އޮވެ އޭނާ ހީނ ވެސް ލިއެވެ. ވަގުތެއްނެތްކަން ފައިސަލް ބުނެފައި ތެދުވިއެވެ. ދަބަހުގެ ތެރެއިން ނެގީ ބިއްލޫރި ފުޅިއެކެވެ. އޭގެ މަތިގަނޑު ނެގުމަށްފަހު ފުޅި ހިފައިގެން ޝިފާލީގެ ކައިރިޔަށް ޖެހިލިއެވެ. ކޮނެފައި ހުރި ވަޅުގަނޑަށް ޝިފާލީގެ އަތް ފައިސަލް ދިއްކޮށްލިއެވެ. އޭނާ ގެންގުޅުނު ވަޅިން ޝިފާލީގެ އަތުގެ ކުޑަހުޅާ ހިސާބުން އަތުގެ ތެރެފަރާތުން ފައިސަލް ގެންގުޅުނު ވަޅި އަޅުވާލިއެވެ. އަތުގެ ނާރު ބުރިވެ ފުންކޮށް މަސްގަނޑު ފޭވެގެންދިޔައެވެ. ލޭތައް އޮހިގަންނަން ސުކުންތެއް ވެސް ނުނެގިއެވެ. ވާރޭ ފެނާ އެކުނުވާނޭ ގޮތް ބަލައިގެން ފައިސަލް ގެންގުޅުނު ފުޅިއަށް ޝިފާލީގެ އަތް ދިމާކޮށްލިއެވެ. ޝިފާލީގެ ލެއިން އެ ފުޅި ފުރާލިއެވެ. ދެން މަތިޖަހައި ބަންދުކޮށްފައި ޕްލާސްޓިކު ކޮތަޅަކަށް ލުމަށްފަހު އެ ފުޅި ދަބަހުގެ ތެރެއަށް ލައިފިއެވެ. އެކަން ކޮށްފައި އައިސް ޝިފާލީގެ ހަށިގަނޑު އަރިއަށް ޖަހާލިއެވެ. އޭރު ވަޅި އެޅި އަތް އޮތީ ޝިފާލީގެ ގައިދަށުވެފައެވެ. އަތްކުރިން ލޭތިކި ޖަހަމުން ދިޔައީ ވަޅުގަނޑުގެ ތެރެއަށެވެ. އެގޮތަށް ބާއްވައި ވަޅުގަނޑުގެ ތެރެއަށް ޝިފާލީގެ ފައިކޮޅު ބާލުވައި ދެ ފައިގެ މައިނާރާ ދިމާ ފައިސަލް ބުރިކޮށްލިއެވެ. ވަޅުގަނޑު ތެރޭގައި ހިސާބަކަށް ފެން ހެދިފައި ހުއްޓެވެ. މުޅި ފެންގަނޑު ލޭކުލައަށް ބަދަލުވާން ގިނައިރެއް ނުނެގިއެވެ. ޝިފާލީގެ ދެ އަތާއި ދެ ފައިގެ މައިނާރު ބުރިކޮށް ފައިސަލް އެ ހަށިގަނޑު ވަޅުގަނޑުގެ ތެރެއަށް ބޭލިއެވެ. ޝިފާލީގެ އިސްކޮޅަށްވުރެ އެ ވަޅުގަނޑު ފުނެވެ. އަހަރެންގެ އިސްކޮޅުގައި ފަސްފޫޓޫ ތިން އިންޗި ހުންނާނެއެވެ. ޝިފާލީ އަހަރެންނަށް ވުރެ ދިގެވެ. ފައިސަލް އަހަރެމެން ދެ މީހުންނަށްވުރެ ދިގެވެ. ލަފާކުރާނަމަ އެ ވަޅުގަނޑުގެ ފުންމިނުގައި އަށްފޫޓުވަރު ހުންނާނެކަން ގައިމެވެ. އެހާ ވެސް ފުނެވެ. ވަޅުގަނޑު ތެރެއަށް ފައިސަލް ގުދުވެ އޮވެ ޝިފާލީގެ ކަރުގައި ވަޅި އެޅިއެވެ. އަދި އުއްޑުންވާހެން ޝިފާލީގެ ހަށިގަނޑު ވަޅުގަނޑުގެ ތެރެއަށް ވައްޓާލިއެވެ. ބޮކިޖަހައި ކަރުން ލޭތައް ނުކުމެނުކުމެ ހުއްޓެވެ. އެ މަންޒަރު ބަލަން ފައިސަލް ހުރީ ފެންނަ މަންޒަރާ މެދު ގަޔާވެފައި ހުރި މީހަކު ފަދައިންނެވެ. އޭނާގެ ތުންފަތުގައި ހިތްހަމަޖެހުމުގެ ލުއި ހިނިތުންވުމެއް ވިއެވެ. ޝިފާލީގެ އެސްފިޔަ ތަޅުވާލާ ކޮންމެ ފަހަރަކު ފައިސަލްގެ އެ ހިނިތުންވުން ފުޅާވެލައެވެ. އެގޮތުގައި އިރުގަނޑެއްވަންދެން ފައިސަލް ހުއްޓެވެ. ވަޅުގަނޑުގައި ފެން ގިނަ ނުވަނީސް އޭނާ ވަޅުގަނޑަށް ފަސް އަޅަންފެށިއެވެ. އޭނާ ޝިފާލީ އެ މަރާލީ ކޮންކުށެއް ކޮށްގެންބާއޭ ހިތަށް އެރިއެވެ. އެހެންނޫނަސް އިންސާނަކު މަރާލަން ކެރޭނީ ރަޙުމުގެ ކަންފުޅެއް ވެސް ނެތީމައެވެ.

ވަޅުގަނޑު ބެއްދުމަށް ފައިސަލް ބުރަ މަސައްކަތެއް ކުރިއެވެ. ވާރޭގެ ސަބަބުން ވެލިގަނޑު ގަނބައިގެން ގޮސްދާނެތީ ކަމަށް ވެދާނެއެވެ. އޭނާ ވަޅުގަނޑުގެ އެއްބަޔަށް ފަސްއަޅައި އޭގެ މައްޗަށް އަކިރިއާއި ގައު އެޅިއެވެ. އެ ފަށަލައިގެ މައްޗަށް ފުނިޖަހާފައި ހުރި ބާކީ ވެލި އަޅައި އެއްކޮށް ވަޅުގަނޑު ބައްދާ ބިމާ އެއްހަމަކުރީއެވެ. ދެން ގަސްތަކުން ފައިބާފައި ހުރި ފަތްތަކާއި ބިންމަތީގައިވާ ކުނިބުނިތައް ގެނެސް ވަޅުގަނޑު ފޮރުވައިފިއެވެ. އެހިސާބަށް މީހަކު ވަންކަމުގެ ހުރިހާ ނިޝާނެއް ފައިސަލް ފުހެލައިފިއެވެ. އަދި ބިންގަނޑުގައި އޭނާގެ ފިޔަވަޅުގެ ނިޝާނެއް ހުރިއްޔާ އޭގެ އަސަރު ވެސް އޭނާ ފުހެލައިއެވެ. އެކަން ކޮށްފައި އޭނާގެ ދަބަސް ހިފައިގެން އައިސް އޭނާ ދިރިއުޅޭ ކުޑަގޭގެ ތެރެއަށް ވަދެއްޖެއެވެ.

ފައިސަލް އައިސް ޝިފާލީ ހުރި ކޮޓަރިއަށް ވަނެވެ. ރީތިވާ މޭޒުގައިވާ ލޯގަނޑުގެ ފަހަތުން އޭނާ ނެގީ ކުޑަ ކެމެރާއެކެވެ. އެއަށްފަހު އޭނާ ދެންވަނީ ފާޚާނާއަށެވެ. ކަޅުކުލައިގެ ދަވާދު ލާފައި ހުރީތީ ފެންލައިޓުގެ ފްރޭމްގަނޑުގައި ކުޑަ ކެމެރޭއެއް އިން އިރު ފާހަގައެއް ވެސް ނުވެއެވެ. އަހަރެންނަށް ވެސް އެނގުނީ ފައިސަލް އެ ތަނުން ކެމެރާ ނެގީމައެވެ. އެތަނުން މުޅި ފާޚާނާ ތެރެ ފެންނާނޭކަން ޔަގީނެވެ. ފައިސަލް ކޮޓަރިއަށް ނުކުތެވެ.

"މީ އެންމެ ލޯބިން ގެންގުޅުނު އެތި. ހަނދާނަކަށް މިއަށްވުރެ ރަނގަޅު އެއްޗެއްނެތް." ރީތިވާ މޭޒުމަތީ ހުރި ގަހަނާ ފޮށި ހުޅުވާލައި ފައިސަލް ބުންޏެވެ. ރީތިވާ މޭޒުމަތީ ހުރި ޝިފާލީގެ ގަހަނާތައް އެ ފޮށްޓަށް އެޅިއެވެ. އަދި އެ ފޮށި ގެނެސް ކޮޓަރީގެ ދޮރުމަތީ ބެހެއްޓުމަށްފަހު މުޅި ކޮޓަރި ސާފުކުރުމުގެ މަސައްކަތް ފައިސަލް ފެށިއެވެ. ސާފުކުރުމަށްފަހު ފައިސަލްގެ މަސައްކަތަކަށްވީ އެ ކޮޓަރިއަށް އޭނާ ވަންކަމުގެ ހެކި ނައްތާލުމެވެ.

ފަތިސްވެގެން އައިއިރު ގެސްޓްހައުސްގެ ތެރޭގައި ކަމެއް ހިނގިކަމުގެ ހިލަން ވެސް ނެތެވެ. ފަރީލާއާއި ހުސެން ހޭލައިގެން ކޮޓަރިން ނުކުތްއިރު ހެނދުނު ވެއްޖެއެވެ. ދެ މީހުންގެ ފޮށި ހިފައިގެން ހުސެން ކޮޓަރިން ނުކުތެވެ. ފަރީލާ ނުކުތީ އޭނާގެ ފަހަތުންނެވެ.

"ޝިފާ ކައިރީ ބުނޭ ފޮށި ރެޑީކޮށްފައި މިތަނަށް ނެރެފައި ބަހައްޓާށޭ. މި އަންނަނީ ފޮށިތައް ތިރިއަށް ލާފައި." މިހެން ބުނެފައި ހުސެން ހިނގައިގަތީ އޭނާއާއި ފަރީލާގެ ފޮށި ދަމަމުންނެވެ.

ފަރީލާ އައިސް މަޑުކޮށްލީ ޝިފާލީގެ ކޮޓަރި ދޮރުމަތީއެވެ. އޭރު އޭނާގެ ކަންފަތުގައި ފޯނު ޖައްސާލެވިފައި ވިއެވެ. ކޯލު ކެނޑުމުން ކަންފަތާ ފޯނު ދުރުކޮށްލާފައި އަލުން ގުޅައިފިއެވެ. އޭނާ އެ ގުޅަނީ ޝިފާލީއަށެވެ. ފޯނުކޯލު ނުނަގައިގެން ފަރީލާ ޗަސް ޖަހާލިއެވެ.

"އަދިވެސް ނުހޭލަނީތަ؟." ދޮރުގައި ތަޅައިގަންނަމުން ފަރީލާ ގޮވިއެވެ. ނަމަވެސް ކޮޓަރި ތެރެއިން އިޝާރާތެއް ނުވިއެވެ. ދޮރު ހުޅުވާލަން ތަޅުގައި ފަރީލާ ހިފާލީ އެހެންވެއެވެ. އޭނާ ހައިރާންވީ ތަޅު އަނބުރާލުމާއެކު ދޮރު ހުޅުވުނީތީއެވެ. ކޮޓަރި ތެރެއަށް ފަރީލާ ވަނެވެ. ޝިފާލީ ފެންނާކަށް ނެތެވެ. އެނދުމަތީ އޮތް ރަޖާގަނޑު އެއްފަރާތްކޮށްލާފައި އޮތްތަން ފެނުނެވެ. ޝިފާލީގެ ފޯނު ރިންގުވާ އަޑު އެނދުމަތިން އިވިއިވި ހުއްޓެވެ. ކޯލު ކަނޑާލާފައި ފަރީލާ ބަލާލީ ފާޚާނާއަށެވެ.

"ޝިފާ... ފާޚާނާގައިތަ." ފާޚާނާ ކައިރިޔަށް ޖެހިލައި ފަރީލާ ބުނީ ތަންކޮޅެއް ބާރަށެވެ.

"ފާޚާނައިގައި ހުރިއްޔާ އަނގައިން ބުނެބަލަ. ޝިފާލީ... މި ދޮރު ހުޅުވަނީ..." ފަރީލާ މިހެން ބުނެ ފާޚާނާ ދޮރު ހުޅުވަން ހިފާލިއެވެ. ކޮޓަރި ދޮރެކޭ އެއްގޮތަށް ފާޚާނާ ދޮރު ވެސް ތަޅުނުލާ ހުރީތީ ހުޅުވިއްޖެއެވެ. ފާޚާނާ ބޮކި ދިއްލާފައި ހުރުމުން ފަރީލާގެ ލޮލުގައި ފުރަތަމަ ވެސް އަޅައިގަތީ ފާޚާނާގެ ދަނޑީގައި އަޅުވާފައި ހުރި ޝިފާލީގެ އެއްޗިއްސެވެ. އެއީ ރޭގައި ޝިފާލީ ލައިގެން ހުރި އެއްޗިއްސެވެ.

"އެއީ ނުގެންދާ އެއްޗެހިބާ... އެކަމަކު ކޮބާތަ އެ އަންހެނާ..." ފަރީލާއަށް ބުނެވުނެވެ. ފާޚާނާގައި ނެތްކަން އެނގުމުން އޭނާ ކޮޓަރިން ނުކުތެވެ. ދޮރުމަތީ ލަކުނޑި ރެއިލިންގައި ލެނގިލަމުން ހުސެންގެ ފޯނަށް ފަރީލާ ގުޅިއެވެ.

"ހުސެން... ޝިފާލީ ނެތް ކޮޓަރިއަކު. މައްޗަށް އައުމުގެ ކުރީން ބަދިގެ ބަލާލައްޗޭ. ކުރީން ހޭލެވިގެން ކޮފީބޯން އިނދެދާނެ." ހުސެންއާ ފޯނުން ވާހަކަދައްކާފައި ކޯލު ކަނޑާލިއެވެ. ނިތަށް ރޫގިނަކޮށްލައިގެން ފަރިލާ ހުރި ގޮތުން އޭނާ ކަމަކާ ވިސްނަނީ ކަހަލައެވެ.

"ފޯނު ބާއްވާފައި ދިޔައީ ކީއްވެބާ." ފަރީލާ އަމިއްލަ ނަފްސަށް ކިޔާލިއެވެ. އަދި އަލުން އޭނާ ޝިފާލީގެ ކޮޓަރިއަށް ވަނެވެ. އަލަމާރި ހުޅުވާލިއިރު އަލަމާރި ތެރޭގައި ޝިފާލީގެ ހެދުންތައް ހުރި ގޮތަށް ހުއްޓެވެ. އެއްފަރާތުގައި އޭނާގެ ފޮށި ވެސް ހުއްޓެވެ. އެއްވެސް ވަރަކަށް ޝިފާލީ ތައްޔާރުވެފައި ނެތްކަން ފަރީލާއަށް ފެނުނެވެ.

"ބަދިގެއަކުނެތް." ކޮޓަރީ ދޮރުމަތީ ހުއްޓުނު ހުސެން ބުންޏެވެ.

"ފޮށްޓަށް އެއްޗެއް އަޅާފައެއް ވެސް ނެތް. ފޯނު ވެސް ނުލާ އެ ދިޔައީ... ހިނގާބަލަ. މިދިމާ އަތިރިމަތި ބަލާލަން. ބީޗަށް ފައިބާ ވެސް އޭނާ ހުންނާނެ." ފަރީލާ ބުންޏެވެ. އޭނާ ކޮޓަރިން ނުކުމެ ދޮރު ލައްޕާލިއެވެ.

"އަދިވެސް ކުޑަކޮށް ވާރޭ ވެހޭ." ހުސެން ބުންޏެވެ.

"ނޭނގޭނެ އޭނާ ގޮތެއް. ހިނގާބަލަ ބަލާލަން. ގައިމު ވެސް އޭނާ ނުލާ ނުއެއް ފުރޭނެއެއްނު." ފަރީލާ ބުންޏެވެ.

ގެސްޓްހައުގެ ދޮރު ކައިރީ ބަހައްޓާފައި ހުރި ދަގަނޑު ވަށީގެ ތެރެއަށް ޖަހާފައި ހުރި ދެ ކުޑަ ހުސެން ނެގިއެވެ. އެއީ ގެސްޓްހައުސްގެ މީހުން ބޭނުން ކުރުމަށް އޭގެ ތެރޭގައި ބަހައްޓާފައި ހުރި ކުޑަތަކެކެވެ. ހުސެންއާއި ފަރީލާ ކުޑަ ނަގައިން ގެސްޓްހައުސްއާ ދިމާ އަތިރި މައްޗަށް ފޭބިއެވެ. ދުރުދުރަށް ފެންނަން އޮތް އަތިރިމަތީން މީހަކު ފެންނާކަށް ނެތެވެ.

"ކޮންތާކަށްބާ އެ ދިޔައީ... ހުސެން. އަހަރެން ވަރަށް ހާސްވޭ. ރޭގަ ވެސް ޝިފާލީ ކައިރީ ބުނިން އެކަނި ތަންތަނަށް ނުދާށޭ." ފަރީލާ ހުރީ ކަންބޮޑުވެފައެވެ.

"ފަޒީލަށް އެނގިދާނެތަ؟. އޭނާއަށް ގުޅަމާ... ފަރީ ބުނީމެންނު އެ ދެމީހުން ކަމެކޭ. ފަހަރެއްގައި ފަޒީލާއެކީ ދިޔައީ ކަމަށް ވެދާނެ." ހުސެން ޚިޔާލު ދިނެވެ.

"އާން... އޭނާއަށް އެނގިދާނެ. ރޭގައި އެ ދެމީހުން ބައްދަލުކުރަނިކޮށް އަހަރެން ދުށީން." ފަރީލާ ބުންޏެވެ.

"މިތާ ވާރޭގަނޑުގައި ނުތިބެ އިހަށް ހިނގާ ގެސްޓްހައުސްއަށް. އަހަރެންނަށް ފެންނަނީ ފައިސަލް ކައިރީ ވެސް ބުނަން. އެއީ މިތާ ވެރިމީހާ." ހުސެން ބުންޏެވެ.

ފަރީލާއާއި ހުސެން ތިބީ ގެސްޓްހައުގެ ބަދިގެ ތެރޭ ކާމޭޒުދޮށުގައި އިށީނދެއެވެ. އެމީހުން ތިބީ ފަޒީލާއި ފައިސަލް އަންނާތީ އެ މީހުންގެ އިންތިޒާރުގައެވެ. އެމީހުން ފަޒީލަށް ގުޅިއެވެ. ޝިފާލީ ވީތަނެއް ފަޒީލަކަށް ވެސް ނޭނގުނެވެ. ޝިފާލީ ނުފެނިގެން އުޅޭކަން އެނގުމުން ފަޒީލު ގެސްޓްހައުސްއަށް އަންނަން ނިންމީއެވެ. ފައިސަލްއަށް ގުޅީ ހުސެންނެވެ. ޝިފާލީ ނުފެނިގެން އުޅޭ ވާހަކަ ބުނުމުން ފައިސަލް ވެސް ބުނީ އޭނާ އެބަ އަންނަން ކަމުގައެވެ.

"ޝިފާލީއަށް ގުޅިންތަ؟. ކޮޓަރި ބަލައިފިންތަ؟." ބަދިގެއަށް ވަދެގެން އައި ފައިސަލް ވާހަކަދެއްކިއެވެ.

"ކޮޓަރި ހުރީ ތަޅުނުލައި. ފޯނު ވެސް އޮތް... އެކަމަކު ފޯނު ނުލާ ޝިފާލީ އެއްވެސްތާކަށް ނުދާނެ. ބީޗު ވެސް ބަލައިފިން. ހޯދަން ދާނީ ކޮންތާކަށް ކަމެއް ނޭނގުނު." ފަރީލާ ބުންޏެވެ.

"ރަށު ޕޮލިސްޓޭޝަންއަށް ގުޅޭނެ ގޮތެއް އެނގޭތަ. އަހަރެންނަށް ފެންނަނީ ލަސްނުކޮށް އަންގަން." ހުސެން ބުންޏެވެ.

"ގެއްލުނީކަމެއް އަދި ނޭނގެއެއްނު." ފައިސަލް ބުންޏެވެ.

"މި ރަށުގައި ޝިފާ ދާނެ ތަނެއް ނުހުންނާނެ. އޭނާ ފޯނު ނުލައެއް ނުދާނެ... އެނގޭނެ އަހަރެމެން ގުޅާނެކަން. އޭނާއަށް ނުގުޅިއްޖެއްޔާ އަހަރެން ހާސްވެގެން ތެޅޭނެކަން. ޝިފާލީގެ ގޮތެއްނޫން އެއީ. މިއަދު ފުރަންޖެހޭކަން އެނގޭއިރު އޭނާ ނެތް ޕެކް ވެސް ކޮށްފައެއް." ފަރީލާ ބުންޏެވެ.

"ވާރޭ ވެހެންޏާ މިތަނުގައި ބޭނުންކުރަން އޮންނަނީ ދެ ކުޑަ. ރޭގައި ވެހެންފެށި ގޮތައް އަދި ކެރިކަނޑައިގެން ނުދޭ. ޝިފާލީ އެކަނި ނުކުތަސް ކުޑައެއްނުލާ އޭނާ ނުނިކުންނާނެއެއްނު. އަހަރެމެންނަށްވުރެ ފުލުހުންނަށް އެނގޭނެ ދެން ކަންތައް ކުރަންވީ ގޮތެއް. އަނެއްކޮޅުން ޝިފާލީގެ ޚަބަރެއް ނުވަނީސް އަހަރެމެންނަކަށް ނުވެސް ފުރޭނެ." ހުސެން ބުންޏެވެ.

"ހިނގާބަލަ ޝިފާލީގެ ކޮޓަރިއަށް. އަހަރެން ބަލާލަން ބޭނުން." ފައިސަލް ބުންޏެވެ.

ފައިސަލްއާއެކު ދާން ފަރީލާ ތެދުވިއެވެ. އޭގެ ދެ މީހުންގެ ފަހަތުން ހުސެން އައެވެ. ސިޑިން އަރައިގެން އައިސް ފައިސަލް މަޑުކޮށްލީ ޝިފާލީގެ ކޮޓަރި ކުރިމަތީއެވެ. އޭނާ ދޮރު ހުޅުވާލައި ކޮޓަރިއަށް ވަނެވެ.

(ނުނިމޭ)