ވެރިކަން ކުރެވޭނީ ޒުވާންކަންމަތީ އެ ރޫހުގައި ކަމަށް މިހާރު ވިސްނިވަޑައިގެންފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެޓުންގެ ހަރުގެ ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވެރިކަމެއް ކުރެވޭނީ ޒުވާންކަމުގެ ރޫހެއް ހުރެގެން ކަމަށެވެ.
އެމަނިކުފާނުގެ ވެރިކަމުގައި ކޮށްފައިވާ ބައެއް ކަންކަން ހިއްސާކުރެއްވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ އެފަދަ ކަންކަން ކުރުމަށް ވިސްނުމަށް ގެނައުމަކީވެސް އުމުރުން 50 އިން މައްޗަށް އެޅުމުން ފަސޭހަ ކަމެއް ނޫން ކަމަށެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ނަން ވިދާޅުނުވެ ރައީސް ސޯލިހް ވެސް ވެރިކަން ކުރެއްވުމަށް އުމުރުން މާދޮށި ވެއްޖެ ކަމުގައި ވިދާޅުވި އެވެ.
"އަޅުގަނޑާއި ތިޔަ ބޭފުޅާއަށް [ރައީސް ސޯލިހަށް] ވެސް އޮފީހަށް ނިކުމެވަޑައިގެން ކޮންމެ ދުވަހަކު ސެކްރެޓަރީ ލައްވާ އަދި ދެންވެސް ތިބިހާ ބަޔަކު ލައްވައި އެ ވާކަމެއް ވޭވޭ ކަމެއް ކުރެވޭތޯ ބެލިދާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ސޯލިހް ރިޔާސީ ދެވަނަ ދައުރަކަށް ކެމްޕޭން ކުރައްވަމުން ގެންދަވާއިރު ވައުދުތައް ވެވަޑައިގަންނަވާ ގޮތަށް ރައީސް ނަޝީދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ރައީސް ސޯލިހް ވައުދުވެވަޑައިގަންނަވާއިރު ވައުދު ފުއްދަވާނެ ގޮތެއް ނޯންނަ ކަމުގައިވެސް ވިދާޅުވި އެވެ.
"ދަންނަވަންތޯ ރިޔާސީ އިންތިޚާބު ކާމިޔާބުވާނީ ވެލައްވާ ވައުދުތަކަކަށް ނޫން. ކުރި ކަމަކަށެއް ވެސް ނޫން. އުއްމީދަކަށް. ކުރާން އޮތް ކަމަކަށް. ވާން އޮތް ގޮތަކަށް." ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ސޯލިހްގެ ވެރިކަމުގެ ކޮވިޑް 19ގެ ހާލަތު ވަރަށް ރަނގަޅަށް މެނޭޖުކުރެއްވި ކަމަށް ރައީސްއަށް ތާއީދުކުރައްވާ ބޭފުޅުން ވިދާޅުވާތީ އެކަމަށް ރައްދުދެއްވަމުން ނަޝީދު ވިދާޅުވީ އެ ވާހަކަތައް ކިތަންމެ ވަރަކަށް ދެއްކެވި ނަމަވެސް ރައްޔިތުންގެ ވޯޓު ލިބޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.
ޑިމޮކްރެޓުންގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނެ ކަމަށް ބެލެވޭ ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބްއާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އިލްޔާސް ދެވަނަ ބުރަކަށް ވަޑައިގަންނަވާނެ ކަމަށެވެ. އިލްޔާސް އަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އިލްޔާސްއަށް ވުރެ ވަކިން ބޮޑަށް ގައުމަށް ގެންނަންވީ ބަދަލުތައް އެނގޭނެ ވަކި އެހެން ބޭފުޅަކު ސިޔާސީ ބޭފުޅުންގެ ތެރޭގައި ނެތް ކަމަށެވެ. ޑިމޮކްރެޓުން ނިކުމެ ތިބީ ރައްޔިތުންގެ ވައްކަމާ ދުރު އަދި ރައްޔިތުންގެ އުއްމީދުތަކާ ގާތް ވެރިކަމެއް ކުރަން ކަމަށްވާތީ ރައްޔިތުންގެ ވޯޓު އިލްޔާސްއަށް ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ވެރިކަން ކުރެވޭނީ ޒުވާން ދުވަސްވަރު ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމަނިކުފާނު މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އެމަސައްކަތް މަޑުޖެހުނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވައިގެން ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއާ ގުޅިގެންނެވެ.