ރައީސް އޮފީސް

ޝަރަފްވެރިކަން ހަތަރު ބޭފުޅަކަށް، ހިތްވަރު ދިނުން 17 ބޭފުޅަކަށް

ޝަރަފްވެރިކަމުގެ ގައުމީ އިނާމު، މި އަހަރު ހަތަރު ބޭފުޅަކަށާއި، ކުންފުންޏަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 17 ބޭފުޅަކަށާއި ޖަމިއްޔާއަކަށް ދިނުމަށް ނިންމައިފި އެވެ.

މި ފަރާތްތަކަށް އިނާމު ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން އަންނަ ބުދަ ދުވަހުގެ ހެނދުނު 10 ޖަހާއިރު ސޯޝަލް ސެންޓަރުގައި ބާއްވާ ރަސްމީ ޖަލްސާ ގައެވެ.

މިޖަލްސާގައި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ދެއްވުމާއި، ކީރިތި ގުރުއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވި ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑެލް ދެއްވުންވެސް އޮންނާނެ އެވެ.

މަތީ ދަރަޖަ ހޯއްދަވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް، މި އަހަރު ހާސިލް ކުރައްވަނީ މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 15 ބޭފުޅެކެވެ. ބައިނަލްއަގްވާމީ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފް ހޯދައިގެން އިނާމު ހާސިލުކުރަނީ ދެ ކުއްޖެކެވެ. މީގެއިތުރުން ހުނަރުވެރި، ފަންނުވެރި، މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް މިއަހަރު ހާސިލުކުރަނީ އެންމެ ބޭފުޅެކެވެ.ކީރިތި ގުރުއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވި 10 ހާފިޒުނަށްވެސް މިއަހަރު މެޑަލް ލިބޭނެ އެވެ.

ޝަރަފްވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، ގައުމީ އިނާމާ ބެހޭ ކޮމިޓީންނެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތައް ކަނޑައެޅުއްވީ ހާއްސަ އިނާމާ ބެހޭ ކޮމިޓީންނެވެ.