ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދީނުގެ ސައްހަ އަގީދާގައި ތިބެ ގައުމުގެ އަގު ހިފެހެއްޓުމަށް އިލްތިމާސްކޮށްފި

ގައުމުން ބޭރުގައި ދިރިއުޅުނު ނަމަވެސް އިސްލާމް ދީނުގެ ސައްހަ އަގީދާގައި ސާބިތުވެ ތިބެ، ދިވެހި ގައުމުގެ އަގު ހިފަހައްޓައި ބަޔަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޖް އިލްތިމާސް ކުރައްވައިފި އެވެ.

ރައީސް ސޯލިހް މިކަމަށް އިލްތިމާސް ކުރެއްވީ 25 ވަނަ ވޯލްޑް ސްކައުޓް ޖަމްބޮރީގައި ބައިވެރިވާ ދިވެހި ވަފުދާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވިދާޅުވީ ގައުމާއި ދުރުގައި އާއިލާ އާއި ވަކިން އުޅެންޖެހުނަސް، އިސްލާމް ދީނުގެ ސައްހަ އަގީދާގައި ސާބިތުވެތިބެ، ދީނީ ވާޖިބުތަކަށް ފަރުވާތެރިވާން ޖެހޭ ކަމަށެވެ. އަދި ކޮންމެ ހާލަތެއްގައިވެސް ދިވެހި ގައުމުގެ އަގު ހިފަހައްޓައި، އަދަބު އަހްލާގުގެ އެންމެ މަތީ މިންގަނޑުގައި ސާބިތުވެ ތިބުމަށް ބާރުއަޅުއްވައި އެކަމަށް ޖަމްބޮރީގެ ބައިވެރިންނަށް މަގު ދެއްކުމަށް ސްކައުޓުންނާއި ގައިޑުންގެ ލީޑަރުންނަށް އިލްތިމާސްކުރެއްވި އެވެ.

ޗީފް ގައިޑް އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދުވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ޖަމްބޮރީގައި އުޅޭއިރު، އެ ގައުމުގެ އާދަކާދަތަކާއި ހަމަތަކަށް އިހްތިރާމް ކުރުމަށްވެސް ސްކައުޓުންނާއި ގައިޑުންގެ ފަރާތުން އެދިވަޑައިގެންފަ އެވެ. އަދި ޖަމްބޮރީގެ ގަވާއިދުތަކަށް ފުރިހަމައަށް ކަމޭ ހިތައި ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށްވެސް އެދިވަޑައިގެންނެވި އެވެ.

ޖަމްބޮރީގެ ބައިވެރިންނަށް ގިނަ ފުރުސަތުތަކެއް ތަޖުރިބާކުރަން ލިބިގެންދާނެކަން ފާހަގަކުރައްވައި އެ ފުރުސަތުތަކުގެ ބޭނުން ހިފައި، ގޮންޖެހުންތަކާ ކުރިމަތިލާން ދަސްކުރާނެކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހި ސްކައުޓުންނަކީ މިހާރު ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ވަރަށް ހުނަރުވެރި ބައެއް ކަމަށެވެ. އެގޮތުން ދެކުނު ކޮރެއާގައި މިއަހަރު ބާއްވާ ޖަމްބޮރީގެ ޕްލޭނިން ޓީމުގައި ދިވެއްސަކު ހިމެނުމަކީ އެކަމުގެ ހެއްކެއް ކަމުގައި ފާހަގަކުރެއްވި އެވެ. އަދި އެ ޓީމުގައި ހިމެނޭ ދިވެހި ސްކައުޓް ލީޑަރު އަލީ ޝަފާއަތު މަނިކަށް ރައީސް ވަނީ ތަހުނިޔާ ދަންނަވާފަ އެވެ.

ރައީސް ސޯލިހް ވަނީ ދިވެހިންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ސާބިތުކޮށްދީ، ހިތްވަރުގަދަ ކެތްތެރި ދިވެހި ދަރިއަކަށްވުމަށް މަސައްކަތް ކުރުމަށް، ޖަމްބޮރީގެ ހުރިހާ ބައިވެރިންނަށްވެސް އިލްތިމާސްކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހި ކޮންޓިންޖެންޓް ލީޑަރު ސްކައުޓް އެސޯސިއޭޝަންގެ އިންޓަނޭޝަނަލް ކޮމިޝަނަރު މުހައްމަދު ފައުޒޫނަށް ދިވެހި ދިދަ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ. ދުނިޔޭގެ 25 ވަނަ ސްކައުޓް ޖަމްބޮރީގައި ދިވެހިރާއްޖެ ތަމްސީލުކުރަނީ 425 ކޮންޓިންޖެންޓުންނެވެ.