ޕީޕީއެމްގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދް ތޯރިގް (ޓޮމް) ފުލުހުންގެ ތަހުގީގަށް ހާޒިރުކުރުމުން އޭނާ ޖާމިނުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންކޮށްދެއްވުމަށް ތޯރިގު އެދިވަޑައިގެންފި އެވެ.
އިދިކޮޅު ލީޑަރު ރައީސް ޔާމީނަށް އިންސާފު ނުލިބޭ ކަމަށް ބުނެ ޖުމްހޫރީ މައިދާނަށް މިދިޔަ ބުރާސްފަތި ދުވަހު އެއްވި މައްސަލައިގައި މިއަދު ހެނދުނު 10:00 ގައި ތޯރިގު ފުލުހަށް ހާޒިރުކުރި އެވެ.
ތޯރިގް ވިދާޅުވީ ފުލުހުންގެ ތަހުގީގަށް ހާޒިރުވެ އޭނާ ޖާމިނުކުރެއްވުމަށްފަހު ހިޔާނާތުގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީނު ދޫކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާނެ ކަމަށެވެ.
"ޖާމިނުކޮށް [އަޅުގަނޑު] ހައްޔަރުކޮށްފައި ރައީސް ޔާމީން ދޫކޮށްދެއްވާ،" ތޯރިގު ވިދާޅުވި އެވެ.
އަހްމަދް ތޯރިގް އިތުރުން ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އާއި، ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާއި، ޕީއެންސީގެ ނައިބް ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުގެ އިތުރުން ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބް ރައީސް އިބްރާހީމް ޝުޖާއުވެސް މިއަދު ފުލުހަށް ހާޒިރުކޮށްފައިވެ އެވެ.
މި ފަސް ބޭފުޅުން ޖުމްހޫރީ މައިދާނުގައި މިދިޔަ ބުރާސްފަތި ދުވަހު ތިއްބެވީ ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުމަށް ދައުލަތުގެ އިދާރާތަކަށް ހާޒިރުވެގެން އެއްވެސް އަލިމަގެއް ނުފެނުމުން އިހްތިޖާޖުކުރުމަށެވެ.
ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ޔާމީން ހަމަޖައްސައި އެމަނިކުފާނަށް ރިޔާސީ ޓިކެޓް ހަވާލުކޮށްފައިވެ އެވެ. ނަމަވެސް ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގާފައިވާ ހިޔާނާތުގެ އަމަލުތަކެއް ސާބިތުވުމާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ. މިހުކުމް ހައިކޯޓުން ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.