ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކުރުމާ މެދު ގޮތެއް ނުނިމޭ: ކަރެކްޝަންސް

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް، ސިންގަޕޫރުން ސިއްހީ ފަރުވާ ހޯދުމަށް ދީފައިވާ މުއްދަތު އިތުރުކުރުމާމެދު އަދިވެސް ގޮތެއް ނިންމިފައި ނުވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

އަދީބްގެ ޕާޓީ -- މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ބުނީ އެކި ހޮސްޕިޓަލްތަކުގެ އެތައް ޑޮކްޓަރެއްގެ ލަފާގެ މަތިން ސިއްހީ ފަރުވާ ހޯއްދެވުމަށް އަދީބް ސިންގަޕޫރަށް ފުރާވަޑައިގަތީ ފުރާނައަށް ނުރައްކާވާ ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދެވުމަށް ކަމަށެވެ.

އަދީބު ސިންގަޕޫރަށް ފުރާވަޑައިގަތީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ފުލުހުންގެ ސެކިއުރިޓީންގެ ބެލުމުގެ ދަށުން 10 ދުވަހަށެވެ. ސިއްހީ ފަރުވާއަށް 10 ދުވަހުގެ ހުއްދައެއް ލިބިގެން އަދީބް ސިންގަޕޫރަށް ފުރާވަޑައިގަތީ މިމަހުގެ 11 ވަނަ ދުވަހު އެވެ.

އަދީބަށް ދީފައިވާ މުއްދަތު ވަނީ މިމަހުގެ 21 ވަނަ ދުވަހު ހަމަވެފަ އެވެ.

މިކަމާ ގުޅިގެން އަވަސް އިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލްއާ ސުވާލުކުރުމުން ވިދާޅުވީ އަދީބަށް ދިން މުއްދަތު އިތުރުކުރުމަށް ކަމާ ގުޅޭ ލިޔުންތަކާ އެކު ހުށަހަޅުއްވާފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެހެން ގައިދީންނެކޭ އެއްގޮތަށް ބޭސްފަރުވާ ކުރުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ބޭސްފަރުވާ ފުރިހަމަ ކުރެވޭގޮތް ނުވެއްޖެނަމަ އަމަލުކުރަންޖެހޭ ގޮތުގެ މަތިން އަދީބް އަމަލުކުރައްވާފައިވާ ކަމަށެވެ.

އަދީބްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކުރުމަށް ކަރެކްޝަންސްގެ މެޑިކަލް ބޯޑަށް ހުށަހެޅިތާ ދެތިން ދުވަސްވީ ނަމަވެސް މުއްދަތު އިތުރުކުރުމާ އަދިވެސް ގޮތެއް ނިންމާފައިވާ ނުވާ ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް މިއަދު އަވަސްއަށް ޔަގީންކޮށްދެެއްވި އެވެ.

އަދީބަށް މީގެކުރިންވެސް ސިއްހީ އެތައް މައްސަލައެއް ކުރިމަތިވެ ރާއްޖެއާއި ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވާފައިވެ އެވެ.