ފިނިޕޭޖް

"ބާބީ" ފިލްމު ތާރީހުގެ ތެރެއަށް

ވޯނާ ބްރަދާސް އިން "ބާބީ"ގެ ލައިވް އެކްޝަން ފިލްމް މިދިޔަ ހުކުރު ދުވަހު ރިލީޒްކުރުމާއެކު، އެ ފިލްމް ތާރިހުގައި ލިޔެވިއްޖެއެވެ.

މިފިލްމް ރިލީޒްކުރިތާ ތިން ދުވަހުގެ ތެރޭގައި އުތުރު އެމެރިކާގެ ބޮކްސް އޮފީހުން 155 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މިއީ މި އަހަރުގެ މިހާތަނަށް އެންމެ ކާމިޔާބު ޑެބިއު އެވެ.

މި ފިލްމަށް އިންޓަނޭޝަނަލް ބޮކްސް އޮފީހުގައި 182 މިލިއަން ޑޮލަރު ލިބި، ޖުމްލަކޮށް މި ފިލްމަށް ތިން ދުވަހުން 337 މިލިއަން ޑޮލަރު ލިބިފައި ވެއެވެ. މި ފިލްމްގެ ބަޖެޓަކީ 145 މިލިއަން ޑޮލަރެވެ.

ވޯނާ ބްރަދާސްގެ ޕްރެޒިޑެންޓް އޮފް ޑޮމެސްޓިކް ޑިސްޓްރިބިއުޝަން ޖެފް ގޯލްޑްސްޓީން ބުނީ މި ފިލްމް ރިލީޒްކުރި ހަފްތާ ބަންދުގައި ލިބޭނޭ ކަމަށް އަންދާޒާކުރީ 75 މިލިއަން ޑޮލަރު ކަމަށެވެ. 155 މިލިއަން ޑޮލަރަކީ އެއްގޮތަކަށްވެސް ލިބޭނެ ކަމަށް ލަފާކުރި އަދަދެއް ނޫން ކަމަށެވެ.

މިއީ އަންހެން ޑައިރެކްޓަރެއްގެ ފިލްމަކަށް މިހާ ބޮޑު ކާމިޔާބެއް ލިބުނު ފުރަތަމަ ފަހަރެވެ. ބާބީގެ ޑައިރެކްޓަރު ގްރޭޓާ ގާވިގް އަކީ "ލޭޑީ ބާޑް" (ބެސްޓް ޑައިރެކްޓާ، ބެސްޓް އޮރިޖިނަލް ސްކްރީންޕްލޭ) އަދި "ލިޓްލް ވިމެން" (ބެސްޓް އެޑެޕްޓިވް ސްކްރީންޕްލޭ) އަށް އެކަޑަމީ އެވޯޑް ނޮމިނޭޝަން ލިބިފައިވާ ޑައިރެކްޓަރެކެވެ.

އެތައް ބަޔަކު "ބާބީ" އާއެކު ރިލީޒްކުރި "އޯޕެންހައިމާ" ބެލުމަށް ޝައުގުވެރިކަން ފާޅުކުރުމުން، ސިނަމާތަކުގައި ޑަބަލް ފީޗާއެއްގެ ގޮތުގައި ޖެހިޖެހިގެން / އެއްދުވަހަކު ދެ ފިލްމް ބެލޭނެ ގޮތަށް ޓިކެޓް ވިއްކާފައިވެ އެވެ.

މި ދެފިލްމަށް "ބާބެންހައިމާ"ގެ ނަމުގައި އިންޓަނެޓްގައި މީމްސް އާއި އެކި އެއްޗެހި ދައުރުވަމުންދެއެވެ. "އޯޕަންހައިމާ" އަށްވެސް ތައުރީފްގެ ބަސްތައް އޮހެރެމުންދާއިރު، މި ފިލްމަށްވުރެ ބޮކްސް އޮފީހުގެ ކުރީގައި އުޅެނީ "ބާބީ" އެވެ. "އޯޕަންހައިމާ" އަށް އުތުރު އެމެރިކާގެ ބޮކްސް އޮފީހުގައި މިހާތަނަށް ލިބިފައިވަނީ 80 މިލިއަން ޑޮލަރެވެ.

"ބާބީ"ގެ ކާމިޔާބީގެ ފަހަތުގައި އެ ފިލްމްގެ ތަރިންނާއި ޑައިރެކްޓަރާއި ޓެކްނިކަލް ކްރޫގެ އިތުރުން ވޯނާ ބްރަދާސްގެ މޮޅު މާކެޓިން ކެމްޕޭން ހިމެނެ އެވެ. "ބާބީ"ގެ ޕްރެސް ޓުއާގައި މި ފިލްމުގެ ތަރިން، ހާއްސަކޮށް މާގޯ ރޮބީ ވަނީ ބާބީ ބުދު އެކި އަހަރުތަކުގައި ލާފައިވާ ހެދުމުގެ ޑިޒައިންގެ ހެދުން ލާފަ އެވެ. އަދި ރެޑް ކާޕެޓް ޕިންކް ކާޕެޓަށް ބަދަލުކޮށް، އެކި ކުންފުނިތަކާ ގުޅިގެން މާޗަންޑައިސިން ހަދާ، ޕްރޮމޯޓްކޮށްފައިވެ އެވެ.

މީގެ އިތުރުން އާންމު އިޝްތިހާރުތަކުގެ އިތުރުން މީޑިއާތަކުގައި އަދި ސޯޝަލް މީޑިއާގައި "ބާބީ"ގެ އެކި ހަބަރުތައް ދައުރުކޮށް، އިންފްލުއެންސަރުންނާއި ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން އެކި ޕޯސްޓްތައް ހަދާފައިވެ އެެވެ.